ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއެކު ރާއްޖޭގެ މަސްވެރިކަމަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަމަށް ލަފާކުރެވިއްޖެއެވެ.
މޫސުމަށް އަންނަމުންދާ ބަދަލުތަކާއެކު ރާއްޖޭގެ ހޫނުމިން މިހާރު ވަނީ 31 ޑިގްރީ ސެލްޝިއަސްއަށް އަރާފައެވެ. މީގެ ދެތިން އަހަރުކުރިން ރާއްޖޭގެ ހޫނުމިން ހުރި 27 ޑިގްރީ ސެލްޝިއަސްގައެވެ. މި ބަދަލާއެކު ރާއްޖޭގެ އެންވެރިކަމަށް މިހާރުވެސް އޭގެ ނޭދެވޭ އަސަރުވަނީ ކުރަންފަށާފައެވެ.
ކަނޑުގެ ލޮނުގަނޑު ހޫނުވުމާއެކު ފަރުތަކާއި މުރަކަތަށް ހަލާކުވަމުން އަންނައިރު، އޭގެ ސަބަބުން އެފަރުތަކުގައި އުޅޭ އެމަށް ބޭނުންކުރާ މަސްތަކުގެ ދިރުމަށް ނޭދެވޭ އަސަރުތަކެއް އަންނަނީ ކުރަމުންނެވެ. މިއާއެކު ރާއްޖޭގެ އެންވެރިކަން ދަށަށްގޮސް، އެން ނުލިބުމުގެ ސަބަބުން މަސްވެރިކަން ދަށަށް ދިއުމުގެ ބިރު މިހާރު އޮތީ ކުރިމަތިވެފައެވެ.
ހޫނު ގަދަވެ އެކަން ދިގުލައިިފި ނަމަ ގާ ހުދުވެ ފަރުތައް މަރުވާނެ. އޭރުން އެގާތަކުން، އެމަށް ބޭނުންކުރާ މަސްތައް ނިކުމެގެންދާނެމޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޝަންގެ ޑައިރެކްޓަރ ޖެނެރަލް ޝާފިޔާ ނައީމް
ޝާފިޔާ އިތުރަށް ވިދާޅުވީ ދުނިޔެ ހޫނު ވުމުގެ ސަބަބުން ކަނޑުގެ މަތީ ފަށަލައިގައި ދިރިއުޅޭ މަސްތައް ފިނިހޫނުމިނަށް ހޭނުމަށްޓަކައި އަޑިއަށް ދަތުރުކުރާނެ ކަމަށެވެ. މީގެތެރޭގައި ރާއްޖޭގެ މަސްވެރިކަމަށް ބޭނުންކުރާ ކަޅުބިލަމަސް ފަދަ މަސްތައް ހިމެނެއެވެ. މަސްތައް އަޑިއަށް ދަތުރުކުރުމާއެކު މިހާރު ކުރަމުން އަންނަ ގޮތަށް މަސްވެރިކަން ކުރުމަށް ދަތިވެގެންދާނެއެވެ.
މޫސުމީ ބަދަލުތަކާއެކު މަސްވެރިކަމަށް އަންނާނެ ބަދަލުތަކާއި ގުޅޭގޮތުން ޑރ. ވެލެރީ އެލެއިން ހެދި ދިރާސާއެއްގައި ވިދާޅުވީ; 2050 ވަނަ އަހަރު އަންނަންވާއިރަށް ކަނޑުމަސްވެރިކަން 20 އިންސައްތަ ދަށަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި 2100 ވަނަ އަހަރު އަންނަންވާއިރަށް 20-50 އިންސައްތައަށް މަސްވެރިކަން ދަށަށް ދާނެކަމަށްވެސް ވެލެރީ ލަފާކުރެއެވެ.
އދގެ އާންމު މަޖިލީހުގެ "ހައި-ލެވެލް ތީމެޓިކް ޑިބޭޓް އޮން ޑެލިވަރިން ކްލައިމެޓް އެކްޝަން: ފޮރ ޕީޕަލް، ޕްލެނެޓް އެންޑް ޕްރޮސްޕެރިޓީ"ގެ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވާހަކަ ދައްކަވަމުން ވިދާޅުވީ ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ މޫސުމަށް އަންނަ ބަދަލުތައް ކަމަށްވާއިރު، އެކަމަކީ އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭ މައްސަލަ ކަމަށެވެ. އަދި މިކަމުގައި ޒުވާނުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ޝާހިދު ވިދާޅުވިއެވެ. ކުރިއަށް އޮތް ޖީ20 ސަމިޓަކީ މޫސުމީ ބަދަލުތަކަށް އޮތް މުހިއްމު ހައްލަކަށް ވެގެންދާނެކަމަށް ޝާހިދު ފާހަގަ ކުރެއްވިއެވެ.
މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާކޮށް ހައްލު ހޯދުމަށް ބާއްވާ ކޮޕް-26ގައި ބައިވެރިވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިހާރު ވަނީ ސްކޮޓްލެންޑަށް ވަޑައިގަންނަވާފައެވެ.