ކ. މާލެ
|
30 އޮކްޓޯބަރ 2021 | ހޮނިހިރު 19:36
އއ.ހިމަންދޫއަށް އުފަން އިގްބާލް ބިލާލް، ގިނަ ބަޔަކު އޭނާއަށް ދަނީ ތައުރީފް ކުރަމުން
އއ.ހިމަންދޫއަށް އުފަން އިގްބާލް ބިލާލް، ގިނަ ބަޔަކު އޭނާއަށް ދަނީ ތައުރީފް ކުރަމުން
ރާއްޖެއެމްވީ
ކަނޑުގެ ދިރުންތައް ހިމާޔަތްކުރުން
ކަނޑުގެ ދިރުންތައް ސަލާމަތްކޮށްދިން ''ހީރޯ'' އެއް!
 
އެމަރެލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާއިން އިގްބާލް މިހާރު ވަނީ ފައިބާފައި
 
އެ ކުނިތައް ނަގާފައި ވަނީ 20 މީޓަރާއި 25 މީޓަރު އަޑިން
 
"މާފަރު ކޭވް" ނަމަކަށް ކިޔާ ޕޮއިންޓުން ގިނަ އަދަދެއްގެ ކުނި ކޮތަޅުތަކެއް ފެނުނު

ހޫނު ގަދަ ރީތި ދުވަހަކެވެ. އާދައިގެ މަތިން ފަތުރުވެރިން ގޮވައިގެން އއ.ހިމަންދޫއަށް އުފަން އިގްބާލް ބިލާލް ދިޔައީ ޑައިވްއަށެވެ. ރީތި މުރަކަތަކާއި، މަސްމަހާމެހިތައް ފެނުމުން ފަތުރުވެރިންތައް ތިބީ އާޝޯހުވެފައެވެ. އެއީ ކަނޑުފަޅުތައް އެހާމެ، ރީތިވެފައި ފުރިހަމަވުމުންނެވެ. ނަމަވެސް މިއުފާވެރި ވަގުތުކޮޅަށް ނިމުން ގެނުވީ ރ. އަތޮޅުގެ މަޝްހޫރު ޑައިވް ޕޮއިންޓެއް ކަމަށްވާ "މާފަރު ކޭވް" ނަމަކަށް ކިޔާ ޕޮއިންޓުން ގިނަ އަދަދެއްގެ ކުނި ކޮތަޅުތަކެއް ފެނުނު ހިސާބުންނެވެ. މިކުނިތައް ފެނުނު ހިސާބުން އެއީ ކޮންބައެއް ކޮށްފައި ހުރި ވިޔާނުދާ ކަމެއްކަން އިގްބާލްއަށް އެނގިގެންދިޔައެވެ.

ރާއްޖެއެމްވީއަށް އިގްބާލް ކިޔާދިން ގޮތުގައި އޭނާއަކީ ރ. އަތޮޅުގައި ހިންގަމުން އަންނަ އެމަރެލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާގައި ތާޑް ޕާޓީގައި މަސައްކަތް ކުރަމުންދާ މީހެކެވެ. އޭނާއަކީ ޑައިވްކުރާ މީހެއްކަމުން ރިސޯޓަށް ދިޔަ ފުރަތަމަ ދުވަހުން ފެށިގެން ކަނޑަށް ކުނި އުކާކަން އެނގިގެންދިޔައެވެ. އަދި ޑައިވް ކުރަންދާ ގިނަ ދުވަސްތަކުގައި ކުނިކޮތަޅުތައް ފެންނަ ކަމަށާއި، އެކަމާއި އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ. ކުނިވާ ޒާތުގެ ތަކެތި ކަނޑަށް އެޅިނަމަވެސް ޕްލާސްޓިކް ޒާތުގެ އެއްޗެހި ކަނޑަށް އެޅުމަކީ އޭނާ ހިތް އެދޭ ކަމެއް ނޫނެއެވެ.

އެހެންކަމުން އެމައްސަލަ ރިސޯޓުގެ މެނޭޖްމެންޓް ލެވަލްއާ ހަމައަށް ގެނެސް، ކަމާގުޅުން ހުރި ފަރާތްތަކާއި މަޝްވަރާކޮށްފައިވެއެވެ. ނަމަވެސް މިމައްސަލައަށް ހައްލު ނުލިބި ގިނަ ދުވަސްތަކެއް ފާއިތުވެގެންދިޔައީ އެވެ. ގިނަ ދުވަސްތަކަކު މަޑު ކުރުމަށްފަހު އޮކްޓޫބަރު މަހުގެ 28 ވީ ބުރާސްފަތި ދުވަހު ކުރި ޑައިވްއިން ކުނިކޮތަޅުތައް ފެނުމާއެކު ރުޅި އިންތިހާއަށް އައީއެވެ. އަދި އިގްބާލްއާ އޭނާއާ އެކުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ވެގެން ރިސޯޓުން އުކާލި ބައެއް ކުނިތައް ނަގާފައިވެއެވެ. އެ ކުނިތައް ނަގާފައި ވަނީ 20 މީޓަރާއި 25 މީޓަރު އަޑިން ކަމަށް އޭނާ ބުނެފައިވެއެވެ.

އެ ޑައިވް ޕޮއިންޓުގައި ހުރި ފަރުތަކުގެ ޕްލާސްޓިކު ކުނި ކޮތަޅުތައް ހުރީ ތާށިވެފައި. އެ ސަރަހައްދަކީ އެމަރަލްޑް ރިސޯޓުން ފުރައިގެން 10 މިނެޓާއި 15 މިނެޓުން އާދެވޭ ސަރަހައްދެއް.
އިގްބާލް ބިލާލް

އެކުނިތައް ނަގައިގެން ގޮސް ބެހެއްޓީ ރިސޯޓުގެ ރިސެޕްޝަނުގައެވެ. އެއާއެކު އެ ރިސޯޓުން ފޭބުމަށް އިގްބާލަށް އެންގިއެވެ. ނަމަވެސް އިގްބާލް ބުނެފައިވަނީ އެކަމާއި ދެރަ ނުވާ ކަމަށާއި، ކުނިތައް ގެންގޮސް ބެހެއްޓީ މައްސަލައަށް ހައްލު ނުލިބިގެން ކަމަށެވެ. އަދި އެގޮތަށް އެކަން ކުރުމުން މައްސަލައަށް ހައްލު ލިބިފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. އެހެން އުކާލާ ކުނިތަކުން ލިބޭ ގެއްލުން އެތައް ގުނައަކުން ބޮޑުވާއިރު، އެއީ މުޅި ރާއްޖެއަށް ލިބިގެންދާ ގެއްލުމެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ. ކޮންމެ ދުވަހަކު ވެސް ޑައިވްއަށް އިގްބާލް ފަތުރުވެރިން ގޮވައިގެންދާއިރު، މިރީތިކަން ދަމަހައްޓަން ކޮންމެ މީހަކު ވެސް މަސައްކަތް ކުރުމަށް އޭނާ ގޮވާލިއެވެ.

ޑައިވްކުރުމަކީ އިގްބާލްގެ ހޮބީއެއްކަމަށްވާއިރު، މިދާއިރާގައި މަސައްކަތް ކުރާތާ 14 އަހަރު ވަނީ ވެފައެވެ. އެހެންކަމުން ކަނޑުފަޅަށް ގެއްލުމެއް ދޭތަން ބަލާކަށް އޭނާއެއް ނުހުންނާނެއެވެ. ދެކުދިންގެ ބައްޕައެއް ކަމަށްވާ އިގްބާލް މިއަދު ވެސް ހުރީ މިދާއިރާއިން ކުރިއަށް ގޮސް ވެއްޓަށް ލިބޭ ގެއްލުންތައް ހުއްޓުވުމަށް ތައްޔާރަށެވެ.

މީގެ އިތުރުން މިމައްސަލަ ފެންމަތިވުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ އިގްބާލަށް ތައުރީފް ކުރަމުންނެއެވެ. އަދި ބައެއް މީހުން އޭނާ ހީރޯއެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ. އަދި އިގްބާލް ފަދަ ހީރޯއިން މިގައުމަށް ބޭނުންވާ ކަމަށް ބައެއް މީހުން ބުނެފައިވެއެވެ.

އިގްބާލް ގަބޫލުކުރާ ގޮތުގައި މިފަދަ ނާތަހުޒީބީ އަމަލެއް ހިންގާތަން ފެންނަ ފުރަތަމަ ފަހަރު އެކްޝަން ނަގަންޖެއެވެ. އެމައްސަލައެއް އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ނުވަތަ ފުލުހުންނަށް ހުށަހަޅައިގެން މައްސަލަ ތަހުގީގު ކުރާނަމަ އިތުރަށް ލަސްވެ، މުރަކަތައް އިތުރަށް ހަލާކުވެގެންދެއެވެ. ވަށައިގެންވާ ވެށި ހިމާޔަތް ކުރުމަކީ ކޮންމެ މީހެއްގެ ޒިންމާއެއް ކަމަށްވާއިރު، ރާއްޖޭގެ ރީތިކަމުގެ ފައިދާ އެންމެ ބޮޑަށް ނަގަމުންދާ ރިސޯޓުތަކުން މިވެއްޓާ މެދު އިތުރަށް ވިސްނަން ޖެހެއެވެ. އެއީ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބޭ ގެއްލުމެއްގެ އިތުރުން ތިމާވެއްޓަށް ވެސް ލިބޭ ގެއްލުމަކަށް ވާތީއެވެ. އަދި ޒަމާންތަކެއް ވަންދެން ފަތުރުވެރިންނަށް ހޯދައިދީފައިވާ އިތުބާރު ވެސް ގެއްލިގެންދާތީއެވެ. އެހެން ނޫން ކަމަށްވާނަމަ ބަހުރުހިންދުގެ މެދުން ހަވާދު މަގުގައި ގަތާލެވިފައިވާ ހާރެއްފަދަ ދިވެހި ރާއްޖޭގެ ރީތިކަން ގެއްލިގެން ދިއުމަކީ މާދުކުރުގައިވާ ކަމެއް ނޫނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
13%
38%
0%
38%
0%
13%
ކޮމެންޓް
31 އޮކްޓޯބަރ 2021 | އާދީއްތަ 13:25
ޙެސް
ތިޔަކަންތައް ތިކުރީ ކުރަންވާގޮތައް. މޯލްޑިވް ސްޓައިލްއަށް
30 އޮކްޓޯބަރ 2021 | ހޮނިހިރު 21:14
އަތޮޅުވެރިޔާ
ވަރަށް ވަރަށް ފުރިހަމަ ނިންމުމެއް. ކުރިހިއްވަރަށް ސާބަސް