ކ. މާލެ
|
30 އޮކްޓޯބަރ 2021 | ހޮނިހިރު 10:02
ރާއްޖޭގެ ހުނަރުވެރި ފެތުންތެރިޔާ އަލީ އިމްއާން
ރާއްޖޭގެ ހުނަރުވެރި ފެތުންތެރިޔާ އަލީ އިމްއާން
ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް
އިމްއާން ގައުމީ ރިކޯޑެއް ހެދުން
ފެތުމުގެ ގައުމީ ރިކޯޑެއް އިމްއާން މުގުރާލައިފި
50 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރިކޯޑުވެސް ވަނީ އާކޮށްފައި
އިމްއާން މުގުރާލީ 100 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ރިކޯޑު

ފިރިހެނުންގެ ޝޯޓް ކޯސް 100 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރިކޯޑު ހުނަރުވެރި ފެތުންތެރިޔާ އަލީ އިމްއާން މުގުރާލައިފިއެވެ.

ފަހަކަށް އައިސް ފެތުމުގައި ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ އިމްއާން މި ރިކޯޑު މުގުުރާލާފައިވަނީ ރަޝިއާގެ ކަޒާންގައި ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ ފީނާ ސްވިމިން ވޯލްޑް ކަޕް 2021 (ލެގް 4) ގައި ވާދަކޮށްގެންނެވެ. އެ މުބާރާތުގައި އިމްއާން 100 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރިކޯޑު މުގުރާލީ 01:04.93 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.

އިމްއާނުގެ ކުރިން މި އިވެންޓުގެ ގައުމީ ރިކޯޑު އެންމެ ފަހުން ހަދާފައިވަނީ މުބާލް އައްޒާމް އިބްރާހީމެވެ. މުބާލް އެ ރިކޯޑު ހެދީ 2017 ވަނަ އަހަރު ބޭއްވި ފަސްވަނަ އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސްގައި 01:10.31 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މީގެ އިތުރުން ސްވިމިން ވޯލްޑް ކަޕުގައި އިމްއާން ވަނީ ފިރިހެނުންގެ ޝޯޓް ކޯސް 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރިކޯޑުވެސް އާކޮށްފައެވެ. އިމްއާން މި ރިކޯޑު އާކޮށްފައިވަނީ 29.23 ސިކުންތުން އިވެންޓް ފުރިހަމަކޮށްގެންނެވެ. މި އިވެންޓުގެ ގައުމީ ރިކޯޑު އެންމެ ފަހުން އާކޮށްފައިވަނީވެސް އިމްއާނެވެ. އެގޮތުން 2019 ވަނަ އަހަރު ނޭޕާލުގައި ބޭއްވި 13 ވަނަ ސައުތު އޭޝިއަން ގޭމްސް އިމްއާން ރިކޯޑު ހެދީ 29.44 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.

މި ވަގުތު ފީނާ ސްކޮލަޝިޕެއްގެ ދަށުން ރަޝިއާގައި ތަމްރީނު ހަދަމުން އަންނަ އިމްއާނަކީ ފަހަކަށް އައިސް ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ރަނގަޅު ކުރިއެރުންތަކެއް ހޯދަމުން އަންނަ ފެތުންތެރިއެކެވެ. އެގޮތުން އިމްއާން ވަނީ އަންނަ ޑިސެމްބަރު މަހު ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގެ ވެރިރަށް އަބޫ ދާބީގައި ބާއްވާ ދުނިޔޭގެ ފެތުމުގެ މުބާރާތް ކަމަށްވާ 15 ވަނަ ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕުގައި ވާދަކުރުމަށްވެސް ހޮވާފައެވެ.

ދެން އެ މުބާރާތުގައި ރާއްޖެ ތަމުސީލުކުރާނީ އައިޝަތު ސައުސަން އާއި، ހަމްނާ އަޙްމަދު އަދި މުޙައްމަދު އާން ހުސައިނެވެ.

- ކޮމެންޓް