ކ. މާލެ
|
27 އޮކްޓޯބަރ 2021 | ބުދަ 07:17
ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ހާންއާ ބައްދަލުކުރައްވަނީ،
ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ހާންއާ ބައްދަލުކުރައްވަނީ،
ޕީއެމް އޮފީސް
ޕާކިސްތާނަށް އެހީވުން
ސައުދީން ޕާކިސްތާނަށް 4.2 ބިލިއަން ޑޮލަރުގެ އެހީއެއް!
މިއީ ސައުދީން ޕާކިސްތާނަށް ފާއިތުވި 3 އަހަރުގެ ތެރޭގައި ވެދިން ފައިސާގެ ދެވަނަ އެހީ
2018 ވަނަ އަހަރު ވެސް ޕާކިސްތާނަށް 6 ބިލިއަން ޑޮލަރުގެ ފައިސާގެ އެހީ ދީފައިވޭ

ސައުދީ އަރަބިއްޔާއިން ޕާކިސްތާނަށް 4.2 ބިލިއަން ޑޮލަރުގެ އެހީއެއް ދީފިއެވެ.

ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ސްޓޭޓް ބޭންކް އޮފް ޕާކިސްތާނަށް ތިން ބިލިއަން ޑޮލަރު ވަނީ ޖަމާކޮށްފައެވެ. އަދި 1.2 ބިލިއަން ޑޮލަރުގެ ތެޔޮ ވަނީ ކުރީގެ ލޯނުގެ އެހީގެ ނުދެއްކި ހުރި އައުޓްސޭޑިންގ ފައިސާގެ ގޮތުގައި ދީފައެވެ.

މިއީ ސައުދީއިން ޕާކިސްތާނަށް ފާއިތުވި 3 އަހަރުގެ ތެރޭގައި ވެދިން ފައިސާގެ ދެވަނަ އެހީއެވެ. މިއެހީ ދީފައިވަނީ ޕާކިސްތާނުގެ އިޤްތިޞާދު މެނޭޖްކުރުމުގެ ގޮތުންނެވެ. އަދި ކޮވިޑް-19އާ ގުޅިގެން ލިބުނު އިޤްތިޞާދީ ގެއްލުންތަކުން އަރައިގަތުމަށް ކަމަށް ވެސް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ވެސް ސައުދީން ވަނީ ޕާކިސްތާނަށް 6 ބިލިއަން ޑޮލަރުގެ ފައިސާގެ އެހީ ދީފައެވެ. ނަމަވެސް އޭގެފަހުން ސައުދީން ވަނީ ޕާކިސްތާނަށް ފައިސާގެ އެހީ ދިނުން މެދުކަނޑާލާފައެވެ.

ސައުދީން ޕާކިސްތާނަށް 4.2 ބިލިއަން ޑޮލަރުގެ އެހީއެއް ދީފައިމިވަނީ ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ހާން ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ސައުދީއަށް ކުރެއްވި ދަތުރުފުޅު ނިންމާލައްވައި އެނބުރި ވަޑައިގެންނެވިފަހުންނެވެ.

ޕާކިސްތާންގެ ބޮޑުވަޒީރު ސައުދީއަށް ކުރެއްވި މި ދަތުރުފުޅަކީ ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ދެއްވި ޚާއްސަ ދައުވަތެކެވެ.

ދެ ލީޑަރުން ބޭއްވި ޚާއްސަ ބައްދަލުވުމެއްގައި ދެގައުމުގެ ގުޅުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައި އިތުރަށް ގުޅުން ބަދަހި ކުރުމާ ބެހޭ ގޮތުން މުހިންމު މަޝްވަރާތަކެއް ކުރައްވާފައިވެއެވެ. އަދި މިބައްދަލުކުރެއްވުމުގެ ތެރެއިން ގިނަ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށާއި، އެކި ދާއިރާތަކުގައި ހުރި ކަަންބޮޑުވުންތަކަށް ހައްލު ލިބިގެންދާނެ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އެގޮތުން ޓެރަރިޒަމްގެ އަމަލުތަކާ ބެހޭ ގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވެއެވެ.

- ކޮމެންޓް