އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ފަސޭހަކަމާއެކު ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް ތާވަލުގެ ދެވަނައަށް ލިވަޕޫލް ޖެހިލައިފިއެވެ.
ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއީ ޔުނައިޓެޑުގެ ތާރީޚުގައި ލިވަޕޫލް އަތުން އެންމެ ތަފާތު ބޮޑުކޮށް ބަލިވި ފުރަތަމަ ފަހަރެވެ.
އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގައި ލިވަޕޫލުން ތަފާތު މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި މުހައްމަދު ސަލާހު ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނަބީ ކެއިޓާއެވެ. އަދި އޭގެ އަށް މިނެޓު ފަހުން ޓްރެންޓް އަލެކްސަންޑަ-އާނޯލްޑް ހުރަސްކޮށްދިން ބޯޅައަކުން ޖޮޓާ ވަނީ ލަނޑެއް ޖަހައި، ލިވަޕޫލުގެ ލީޑު ފުޅާކޮށްދީފައެވެ.
މި މެޗުގައި ލިވަޕޫލުން ތިންވަނަ ލަނޑު ޖަހާފައިވަނީ މެޗުގެ 38 ވަނަ މިނެޓުގައެވެ. ކެއިޓާގެ އެހީތެރިކަމާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ސަލާހެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސަލާހު ވަނީ ލިވަޕޫލުގެ ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ.
މި މެޗުގައި ސަލާހު ހެޓްރިކް ހަދާފައިވަނީ ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައެވެ. މި ލަނޑު ސަލާހު ކާމިޔާބުކޮށްފައިވަނީ ކެޕްޓަން ޖޯޑަން ހެންޑަސަން ދިން ޕާހަކުންނެވެ. މި މެޗުގައި ސަލާހް ހެޓްރިކް ހެދިއިރު، އޭނާ ވަނީ އެންމެ ފަހުން ލިވަޕޫލަށް ކުޅެދިން 10 މެޗުގައިވެސް ލަނޑު ޖަހާފައެވެ. އަދި ސަލާހު ވަނީ ޕްރިމިއާ ލީގުގައި އެންމެ ގިނަ ލަނޑު ޖެހި އެފްރިކާއަށް ނިސްބަތްވާ ކުޅުންތެރިޔާގެ ރިކޯޑުވެސް މުގުރާލާފައެވެ. މީގެ އިތުރުން ޔުނައިޓެޑާ ދެކޮޅަށް ހެދި ހެޓްރިކާއެކު ސަލާހު ވެފައިވަނީ ޕްރިމިއާ ލީގުގެ ތާރީޚުގައި ޔުނައިޓެޑުގެ ދަނޑުގައި ހެޓްރިކެއް ހެދި އިދިކޮޅު ފުރަތަމަ ކުޅުންތެރިޔާއަށެވެ.
ސަލާހުގެ ލަނޑުތަކުން ލިވަޕޫލުން މި މެޗު ލީޑުކުރަމުން ދަނިކޮށް، މެޗުގެ 52 ވަނަ މިނެޓުގައި އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ލަނޑެއް ޖަހައިދީފައެވެ. އެކަމަކު އޭނާ އޮފްސައިޑުގައި ހުރުމުން ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ. އަދި މި މެޗުގައި ޔުނައިޓެޑަށް މައްސަލަތަކެއް ކުރިމަތިވީ ދެވަނަ ހާފުގައި ކުޅެން އެރުވި ޕައުލް ޕޮގްބާއަށް މެޗުގެ 60 ވަނަ މިނެޓުގައި ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. ލިވަޕޫލުގެ ކެއިޓާއަށް ކުރި ޓެކުލަކާ ގުޅިގެން ޕޮގްބާއަށް ރެފުރީ އެންމެ ފުރަތަމަ ރީނދޫ ކާޑެއް ދެއްކި ނަމަވެސް، ވީއޭއާރް ބެލުމަށްފަހު ރެފުރީ ވަނީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކާފައެވެ.
މި މޮޅާއެކު ލިވަޕޫލް ވަނީ ތާވަލުގެ ދެވަނައަށް އަލުން ޖެހިލައި، އެއްވަނައިގައި އޮތް ޗެލްސީގެ ލީޑު އެއް ޕޮއިންޓަށް ކުޑަކޮށްފައެވެ. އެގޮތުން ޗެލްސީއަށް ކުޅުނު ނުވަ މެޗުން 22 ޕޮއިންޓް ލިބިފައިވާއިރު، ލިވަޕޫލުން ވަނީ ނުވަ މެޗުން 21 ޕޮއިންޓް ހަމަކޮށްފައެވެ. އަދި ތިންވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް ނުވަ މެޗުން ލިބިފައިވަނީ 20 ޕޮއިންޓެވެ.
އަދި ލިވަޕޫލް އަތުން ބަލިވި ޔުނައިޓެޑް އޮތީ ތާވަލުގެ ހަތްވަނައިގައި ނުވަ މެޗުން 14 ޕޮއިންޓާއެކުއެވެ. މިއާއެކު ޔުނައިޓެޑުގެ ކޯޗުގެ މަގާމުގައި ދެމިހުންނަން އޮލެ ގުނަ ސޯލްޝެއާއަށް ވަނީ ޕްރެޝަރު ބޮޑުވެފައެވެ.