ކ. މާލެ
|
23 އޮކްޓޯބަރ 2021 | ހޮނިހިރު 23:31
ތުރުކީގެ ރައީސް ތައްޔިބް އުރުދުޣާން
ތުރުކީގެ ރައީސް ތައްޔިބް އުރުދުޣާން
އަލްޖަޒީރާ
ތުރުކީ އާއި ހުޅަނގުގެ ގުޅުން
ތުރުކީގައި ތިބި ހުޅަނގުގެ 10 ގައުމެއްގެ ސަފީރުން ފޮނުވާލުމަށް އުރުދުޣާން އަންގަވައިފި
 
ކަވާލާގެ މައްޗަށް ތުހުމަތުކުރަނީ 2013 ވަނަ އަހަރު މުޅި ތުރުކީގައި ކުރިޔަށް ގެންދިޔަ މުޒާހަރާތަކަށް ފަންޑުކުރުމާއި 2016 ވަނަ އަހަރު ކުރިޔަށްގެންދިޔަ ނާކާމިޔާބު ބަޣާވާތުގައި ޝާމިލްވާކަމުގެ ތުހުމަތު
 
އުރުދުޣާން މިގޮތަށް އެންގެވީ ތުރުކީން ހައްޔަރުކޮށް ޖަލަށްލާފައިވާ އިދިކޮޅު ލީޑަރ އުސްމާން ކަވާލާ ދޫކޮށްލުމަށް މިގައުމުތައް ގުޅިގެން ގޮވާލުމާއި ގުޅިގެން

ތުރުކީގައި ތިބި ހުޅަނގުގެ 10 ގައުމެއްގެ ސަފީރުން އެގައުމުން ފޮނުވާލުމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އަންގަވައިފިއެވެ.

ހުޅަނގުގެ 10 ގައުމެއްގެ ސަފީރުން ފޮނުވާލުމަށް ފޮރިން މިނިސްޓްރީއަށް އުރުދުޣާން އެންގެވީ ތުރުކީން ހައްޔަރުކޮށް ޖަލަށްލާފައިވާ އިދިކޮޅު ލީޑަރ އުސްމާން ކަވާލާ ދޫކޮށްލުމަށް މިގައުމުތައް ގުޅިގެން ގޮވާލުމާއި ގުޅިގެންނެވެ. އެކަމާއި ގުޅިގެން އުރުދުޣާން ވިދާޅުވީ އެގައުމުތަކުގެ ސަފީރުންނަށް ތުރުކީން ޖާގައެއް ނެތްކަމަށާއި މަރުހަބާ ނުކިޔާނެކަމަށެވެ.

ކަވާލާ ޖަލުގައި ހުންނަތާ ހަތަރު އަހަރު ވަނީ ވެފައެވެ. ކަވާލާގެ މައްޗަށް ތުހުމަތުކުރަނީ 2013 ވަނަ އަހަރު މުޅި ތުރުކީގައި ކުރިޔަށް ގެންދިޔަ މުޒާހަރާތަކަށް ފަންޑުކުރުމާއި 2016 ވަނަ އަހަރު އުރުދުޣާންގެ ސަރުކާރު ނިމުމަކަށް ގެނައުމަށް ކުރިޔަށްގެންދިޔަ ނާކާމިޔާބު ބަޣާވާތުގައި ޝާމިލްވާކަމުގެ ތުހުމަތެވެ. މިކަންކަމުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް ކަވާލާ އިންކާރުކުރެއެވެ.

އޮކްޓޯބަރ މަހުގެ 18 ވަނަ ދުވަހު ކެނެޑާ، ޑެންމާކު، ފްރާންސް، ޖަރމަނީ، ނެދަރލެންޑްސް، ނޯރވޭ، ސްވިޑަން، ފިންލެންޑް، ނިއުޒިލެންޑް އަދި އެމެރިކާ ގުޅިގެން ބަޔާނެއް ވަނީ ނެރެފައެވެ. މިބަޔާނުގައި ވަނީ ކަވާލާ ވީއެންމެ އަވަހަކަށް ދޫކޮށްލާ ކަވާލާގެ މައްސަލައަށް ވީއެންމެ އަވަހަކަށް ހައްލު ގެނައުމަށް ގޮވާލާފައެވެ. މިބަޔާނަކީ ވަރަށް ޒިންމާދާރުކަން ކުޑަ ބަޔާނެއްކަމަށް ބުނެ މިގައުމުތަކުގެ ސަފީރުން ވަނީ ތުރުކީގެ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށްފައެވެ.

މިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އުރުދުޣާން ވިދާޅުވީ މިމައްސަލާގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ފޮރިން މިނިސްޓަރަށް އަންގާފައިވާކަމަށެވެ. މި 10 ސަފީރުންނަށް ތުރުކީން ދެން މަރުހަބާ ނުކިޔާނެކަމަށެވެ. އެމީހުންނަށް ތުރުކީއަކީ ކޮން ކަހަލަ ގައުމެއްކަން ނޭނގޭ ދުވަހަކުން ޖެހޭނީ ތުރުކީ ދޫކޮށްދާން ކަމަށްވެސް އުރުދުޣާން ވިދާޅުވިއެވެ.

އުރުދުޣާންގެ މިއެންގެވުމާއި ގުޅޭގޮތުން އެމެރިކާ، ޖަރމަނީގެ އެމްބަސީން އަދި ވަކި އެއްޗެއް ބުނެފައިނުވެއެވެ.

އުރުދުޣާން ވިދާޅުވީ މީހުން މަރާ ޓެރަރިސްޓުން އެގައުމުން ދޫކޮށްނުލާނެކަމަށެވެ. ކަވާލާގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅޭގޮތުން ކުރިޔަށްގެންދާ ޝަރީއަތުގެ އަޑުއެހުމެއް ދެން އޮންނާނީ ނޮވެމްބަރ މަހުގެ 26 ވަނަ ދުވަހުއެވެ.

ޔޫރަޕިއަން ކޯޓް އޮފް ހިޔުމަން ރައިޓްސް އިން 2019 ވަނަ އަހަރުވެސް ކަވާލާ ދޫކޮށްލުމަށް ވަނީ ގޮވާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
79%
14%
0%
7%
0%
ކޮމެންޓް
25 އޮކްޓޯބަރ 2021 | ހޯމަ 09:10
އިބުރާހިމް
ބަރާބަރު