ސީރިޔާގައި ހަރަކާތްތެރިވަމުންދިޔަ އަލް ގައިދީގެ ސީނިއަރ ލީޑަރެއް ކަމުގައިވާ އަބްދުލް ހާމިދު އަލް މަތާރު ޑްރޯން ހަމަލާއެއްގައި މަރާލާފައިވާކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ސްޕޯކްސްމަން ބުނެފިއެވެ.
އެމެރިކާގެ އާމީ މޭޖަރ ޖޯން ރިގްސްބީ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އަލްގައިދާގެ އިސް މީހަކު މަރާލުމާއި ގުޅިގެން އަލްގައިދާ އިތުރަށް ބަލިކަށިވެގެންދާނެކަމަށެވެ. އަދި އެމެރިކާގެ ރައްޔިތުންނާއި އެމެރިކާ އާއި ރަހުމަތްތެރި ގައުމުތަކުގެ ރައްޔިތުންނާއި މައުސޫމް ބަޔެއްގެ ފުރާނަ ގެއްލުވާލުމަށް އެޖަމާއަތުން ރާވާ ހިންގާ ހަމަލާތައް ހުއްޓުވުމަށް އިތުރު ފިޔަވަޅެއް ކުރިއަށް އެޅިއްޖެކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އެމެރިކާއިން ޑްރޯން ހަމަލާއެއްދިންކަން މިހާމަކުރީ މީގެ ދެދުވަސްކުރިން ސީރިޔާގެ ދެކުނުގައިވާ އެމެރިކާގެ އަސްކަރީ ކޭމްޕަކަށް ހަމަލާދީފައިވަނިކޮށެވެ.
ރިގްސްބީގެ ބަޔާނުގައި އެމެރިކާއިން ޑްރޯން ހަމަލާ ދިނީ އެމެރިކާގެ އަސްކަރީ ކޭމްޕަކަށް ދިން ހަމަލާއާ ގުޅިގެންކަމެއް ބުނެފައެއްނުވެއެވެ.
ބުދަ ދުވަހު ދިން ހަމަލާގައި އެއްވެސް މީހަކަށް އަނިޔާވި ކަމެއް ހާމަކޮށްފައެއްނުވެއެވެ.
އެމެރިކާއިން މިދިން ހަމަލާއަކީ ސެޕްޓެމްބަރ މަހުގެ ފަހުން ސީރިޔާގައި ހަރަކާތްތެރިވާ އަލްގައިދާ އާ ދެކޮޅަށް ދިން މިފަދަ ދެ ވަނަ ހަމަލާއެވެ.