އިނގިރޭސި ޕްރިމިއާ ލީގުގައި ހުކުރު ދުވަހުގެރޭ ކުޅުނު މެޗުން އެސްޓަން ވިލާ ބަލިކޮށް ތާވަލުގެ ކުރިއަށް އާސެނަލް ޖެހިލައިފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އާސެނަލް މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗުން އާސެނަލް މޮޅުވިއިރު، ލީގުގައި އެންމެ ފަހުން ކުޅު ހަ މެޗުންވެސް އެ ޓީމު ބަލިވެފައެއް ނުވެއެވެ.
ލީގުގައި ހުކުރު ދުވަހުގެރޭ ކުޅުނު މެޗުގައި އާސެނަލުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 23 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. އެމީލް ސްމިތު ރޯވް ނަގައިދިން ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ތޯމަސް ޕާޓޭއެވެ. މިއީ މިދިޔަ ސީޒަނުގައި އާސެނަލަށް ބަދަލުވުމަށްފަހު ޕާޓޭ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.
ޕާޓޭގެ ލަނޑުން އާސެނަލުން ލީޑު ނެގިއިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްފައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އޭރިއާ ތެރެއިން އާސެނަލުގެ އަލެކްސަންޑަ ލަކަޒޭޓަށް ވިލާގެ މެޓް ޓާގެޓް ކުރި ފައުލަކާ ގުޅިގެން ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު އާސެނަލަށް ޕެނަލްޓީއެއް ދިންއިރު، އޮބާމަޔަން ފޮނުވާލި ޕެނަލްޓީ ވިލާގެ ގޯލްކީޕަރު އެމިލިއާނޯ މާޓީނޭޒް ވަނީ މަތަކޮށްފައެވެ. އެކަމަކު އޮބާމަޔަން ވަނީ ކީޕަރުގެ އަތުގައި ޖެހިފައި ނުކުތް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.
މި މެޗުގައި އާސެނަލުން ތިންވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފު ފަށައިގެން 11 ވަނަ މިނެޓުގައެވެ. ކައުންޓަ އެޓޭކެއްގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސްމިތު ރޯވްއެވެ. އެކަމަކު މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށް ޖޭކޮބް ރަމްސީ ވަނީ ލަނޑެއް ޖަހައި، ވިލާއަށް ފަރަގު ކުޑަކޮށްދީފައެވެ.
މި މޮޅާއެކު ތާވަލުގެ ނުވަވަނައަށް އާސެނަލް ޖެހިލިއިރު، އެ ޓީމަށް ވަނީ ކުޅުނު ނުވަ މެޗުން 14 ޕޮއިންޓް ލިބިފައެވެ. ތާވަލުގެ ހަވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާއި، ހަތްވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑް އަދި އަށްވަނައިގައި އޮތް އެވަޓަންއަށް ވަނީ އަށް މެޗުން 14 ޕޮއިންޓް ލިބިފައެވެ. އަދި ހުކުރު ދުވަހުގެރޭ އާސެނަލް އަތުން ބަލިވި ވިލާ އޮތީ ނުވަ މެޗުން 10 ޕޮއިންޓާއެކު ތާވަލުގެ 13 ވަނައިގައެވެ.