ބުރާސްފަތި ދުވަހު ކޮވިޑް-19ން ދިފާއުވުމަށް 733 މީހުން ވެކްސިން ޖަހައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނީ ބުރާސްފަތި ދުވަހު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 68 މީހުންކަމަށެވެ. އެއީ މާލެ ސަރަހައްދުން 55 މީހުންނާއި އަތޮޅުތަކުން 13 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 393،946ށް އަރާފައެވެ.
ބުރާސްފަތި ދުވަހު ކޮވިޑް ވެކްސިންގެ ދެ ވަނަ ޑޯޒް 665 މީހުން ވަނީ ޖަހާފައެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 553 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 112 މީހުންނެވެ. މިއާއެކު މުޅި ރާއްޖެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު ވަނީ 353،773ށް އަރާފައެވެ.
ރާއްޖޭގައި މިހާރު އަންނަނީ ވެކްސިންގެ ބޫސްޓަރ ޝޮޓް ޖަހަމުންނެވެ. އެގޮތުން ރަށްރަށުގައި ތިބި، ކޮވިޑް-19 ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމަށް ޝަރުތު ހަމަވާ މީހުން އެރަށެއްގެ ހެލްތު ސެންޓަރ ނުވަތަ ހޮސްޕިޓަލް މެދުވެރިކޮށް ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓް ހެއްދޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އެޗްޕީއޭއިން ބުނީ ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމަށް ޝަރުތު ފުރިހަމަވާ މީހުންނަށް މި މަހުގެ 3ން ފެށިގެން ފައިޒަރ ވެކްސިން ޖަހައިދެމުންދާއިރު، މާލެ ސަރަހައްދުގައި އޭޑީކޭ ހޮސްޕިޓަލްގައި ހެނދުނު 9:00ން މެންދުރުފަހު 2:00ށް، ހުޅުމާލެ ހޮސްޕިޓަލްގައި ހެނދުނު 9:00ން މެންދުރުފަހު 2:00ށް, އަދި ވިލިމާލެ ހޮސްޕިޓަލްގައި 10:00ން 12:00ށް ވެކްސިން ޖަހައިދެމުންދާނެ ކަމަށެވެ.
ވެކްސިން ފުރިހަމަ ކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ. ބަލިން ދިފާއުވުމަށް ވެކްސިން ވަރަށް މުހިންމު ކަމަށާއި، ބައްޔަށް ޕޮޒިޓިވްވި ނަމަވެސް ވެކްސިން ފުރިހަމަކޮށްފައިވާނަމަ ބަލިން މީހާއަށް ކުރާ އަސަރު ކުޑަ ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.