ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނުގެ ހިއްސާއާއެކު ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން ދާދި ފަހުން ގަތް ނިއުކާސަލް ޔުނައިޓެޑުން ބާސެލޯނާއަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އޮސްމާނޭ ޑެމްބެލޭ ހޯދަން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ނިއުކާސަލް ގަންނަން ޕީއައިއެފްއިން ދާދި ފަހުން ވަނީ ޖުމްލަ 350 މިލިޔަން ޔޫރޯ ހޭދަކޮށްފައެވެ. ޕީއައިއެފްގެ މިލްކިއްޔާތުގައި 372 ބިލިޔަން ޔޫރޯ ހުރިއިރު، މިއީ ފުޓްބޯޅަ ކްލަބެއް ހިންގާ ބައެއްގެ އެންމެ ބޮޑު މިލްކިއްޔާތެވެ. ރިޕޯޓުތައް ބުނާ ގޮތުން ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވާއިދުގެ ދަށުން ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފާގައި ނިއުކާސަލަށް 200 މިލިޔަން ޔޫރޯ ޚަރަދުކުރެވޭނެއެވެ.
އެހެންކަމުން އައު ހަތް ކުޅުންތެރިއަކު ގަންނަން ނިއުކާސަލުން މަސައްކަތްކުރަމުން އަންނަ ކަމަށާއި، އޭގެ ތެރޭގައި ފްރާންސްގެ ފޯވާޑް ޑެމްބެލޭވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. އުމުރުން 24 އަހަރުގެ ޑެމްބެލޭ 2017 ވަނަ އަހަރު ބާސާއާ ގުޅުނީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމުންޑް ދޫކޮށް 147 މިލިޔަން ޔޫރޯގެ އަގަކަށެވެ. ބާސާއާއެކު ޑެމްބެލޭ އެ ފަހަރު ފަސް އަހަރުގެ އެއްބަސްވުމެއް ހެދިއިރު، އެ އެއްބަސްވުން އަންނަ އަހަރުގެ ޖޫން މަހު ހަމަވާނެއެވެ.
ރިޕޯޓުތައް ބުނާ ގޮތުން ޖެނުއަރީ މަހު ޑެމްބެލޭއަށް ނިއުކާސަލުން ބިޑުކުރާއިރު، އޭނާ ގަތުމަށް 15 މިލިޔަން ޔޫރޯ ޚަރަދުކުރަން ނިއުކާސަލް އޮތީ ތައްޔާރަށެވެ. އަދި އަންނަ އަހަރުގެ ހޫނު މޫސުމުގައި ޑެމްބެލޭއަށް ހިލޭ ކުލަބު ބަދަލު ކުރެވޭނެތީ، ޖެނުއަރީ މަހު އޭނާ ވިއްކާލަން ބާސާ އޮތީ ތައްޔާރަށް ކަމަށްވެސް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
ޑެމްބެލޭއަކީ އޭނާ ބާސާއަށް ގެނައިރު ދުނިޔޭގައި ހުރި އެންމެ ހުނަރުވެރި އެއް ފޯވާޑެވެ. އެކަމަކު އަނިޔާގެ ސަބަބުން އެއް ފެންވަރެއްގައި އޭނާއަށް ހިފަހައްޓާލެވިފައި ނުވާއިރު، މިހާތަނަށް ބާސާއަށް ކުޅެދިން 118 މެޗުގައި ޑެމްބެލޭއަށް ކާމިޔާބުކުރެވިފައިވަނީ 30 ލަނޑެވެ.
ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފާގައި ނިއުކާސަލުން އައު ކުޅުންތެރިންތަކެއް ހޯދަން މަސައްކަތްކުރަމުން އަންނައިރު، ދާދި ފަހުން އެ ޓީމުގެ ކޯޗުގެ މަގާމުން ސްޓީވް ބްރޫސް ވަނީ އިސްތިއުފާދީފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ނިއުކާސަލުން އެ ޓީމުގެ ކޯޗުގެ މަގާމަށް ދެން ގެންނަން ބޭނުންވަނީ ކުރިން ޗެލްސީއަށް ކުޅެ އަދި އެ ޓީމުގެ ކޯޗުގެ މަގާމު އަދާކުރި ފްރޭންކް ލަމްޕާޑް ނުވަތަ ލިވަޕޫލުގެ ކުރީގެ ތަރި އަދި މިހާރު ރޭންޖާސްގެ ކޯޗު ސްޓީވެން ޖެރާޑެވެ.