އޭޝިއަން ކަޕުގެ ކޮލިފައިންގެ ފައިނަލް ބުރުގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުރިއަށް ގެންދަން އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ، އޭއެފްސީން ނިންމައިފިއެވެ.
މީގެ ކުރިން ހޯމް އެންޑް އަވޭ އުސޫލުން ކުޅެމުން އައި ކޮލިފައިން ގްރޫޕް ސްޓޭޖުގެ މެޗުތައް ދެން ކުރިއަށްދާނީ އެއް ގައުމެއްގައި ސެންޓްރަލައިޒް ކޮށްގެންނެވެ. އެހެންކަމުން މި ބަދަލުގެ ސަބަބުން ކުރިން ކޮލިފައިން ގްރޫޕް ސްޓޭޖުގައި ކުޅެން ލިބުނު ހަ މެޗުގެ ބަދަލުގައި ދެން ކޮންމެ ގައުމަކަށްވެސް ކުޅެން ލިބޭނީ ތިން މެޗެވެ.
މިހާރު އޭއެފްސީން ނިންމާފައިވާ ގޮތުން އޭޝިއަން ކަޕުގެ ކޮލިފައިންގެ ފައިނަލް ބުރުގެ މެޗުތައް ކުޅެން ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ޖޫން މަހުގައެވެ.
މި ފަހަރުގެ އޭޝިއަން ކަޕުގެ ކޮލިފައިންގެ ފައިނަލް ބުރުން ރާއްޖެއަށް ފުރުސަތު ލިބުނީ ރޭންކިން ތަރުތީބުކޮށްގެން ގެނެވުނު ބަދަލުގެ ތެރެއިންނެވެ. އެގޮތުން ކޮލިފައިންގެ ދެވަނަ ބުރުގެ ފަހު މެޗުތައް ސެންޓްރަލައިޒްކޮށްގެން މި އަހަރުގެ ޖޫން މަހު ދުބާއީގައި ކުޅުނުއިރު، ގްރޫޕް އޭގައި ހިމެނުނު ރާއްޖެއަށް ހަތް ޕޮއިންޓާއެކު ލިބުނީ ކޮލިފައިންގެ ހަތަރުވަނައެވެ. ފުލުގައި ޕޮއިންޓެއް ނުލިބި ގުއާމް އޮތްއިރު، އެއްވަަނައިގައި އޮތީ 21 ޕޮއިންޓް ހަމަކުރި ސީރިއައެވެ. ދެވަނައިގައި އޮތް ޗައިނާއަށް 19 ޕޮއިންޓް ލިބުނުއިރު، ތިންވަނައިގައި ފިލިޕީންސް އޮތީ 11 ޕޮއިންޓާއެކުއެވެ.
އެއާއެކު ރާއްޖެއަށް ކޮލިފައިންގެ ފައިނަލް ބުރުން ފުރުސަތު ލިބުނުއިރު، މީގެ ކުރިން ބެލެވިފައި އޮތީ ކޮލިފައިންގެ ފައިނަލް ބުރަށް ވަންނަން ރާއްޖެއަށް ޕްލޭއޮފް ބުރުގައި ކުޅެން ޖެހޭނެ ކަމަށެވެ. އެކަަމަކު އުތުރު ކޮރެއާ ކޮލިފައިންއިން ވަކިވެ، ގަތަރު އޭޝިއަން ކަޕަށް ކޮލިފައިވުމާއެކު، ގްރޫޕުތަކުގެ ފުލަށްދާ ޓީމާ ދެކޮޅަށް ދެވަނައިގައި ނިންމި ޓީމުތަކާއި، ހަތަރުވަނައިގައި ނިންމި ޓީމުތަކުން ކުޅުނު މެޗުތަކުގެ ޕޮއިންޓުތައް ނުގުނަން އޭއެފްސީން ވަނީ ނިންމާފައެވެ.
އެހެންކަމުން ރާއްޖެ އާއެކު ހަތަރުވަނައިގައި ނިންމި ގައުމުތައް ކަމަށްވާ ނޭޕާލް، ހޮން ކޮންގް، ސިންގަޕޫރު، އަފްޣާނިސްތާން، މޮންގޯލިއާ، ތައިލެންޑް އަދި ސްރީ ލަންކާވެސް ވަނީ ކޮލިފައިންގެ ފައިނަލް ބުރުގައި ހިމެނިފައެވެ.
މިހާރު އޮތް ގޮތުން މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ގުރުއަތުލުން ކުރިއަށްދާނީ ފީފާ އެންމެ ފަހުގެ ރޭންކިން އަށް ބަލައިގެންނެވެ. ކޮލިފައިންގެ ފައިނަލް ބުރުގައި ހަ ގްރޫޕް ހިމެނޭއިރު، ކޮންމެ ގްރޫޕެއްގައި ހަތަރު ގައުމު ވާދަކުރާނެއެވެ. އަދި އެ ގްރޫޕުތަކުގެ ތެރެއިން ކޮންމެ ގްރޫޕަކުން އެއްވަނައަށްދާ ގައުމެއް އޭޝިއަން ކަޕަށް ކޮލިފައިވާއިރު، ދެވަނައިގައި ނިންމާ ހަ ގައުމުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ފަސް ގައުމެއް އޭޝިއަން ކަޕަށް ކޮލިފައިވާނެއެވެ.