ޕާކިސްތާނުގެ ކަނޑުގެ ސަރަހައްދަށް މި ހަފުތާގެ ކުރީކޮޅު އިންޑިއާގެ ސަބްމެރީނެއް ވަންނަން މަސައްކަތްކުރުމުން އެކަން ހުއްޓުވާފައިވާކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެފިއެވެ.
އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައިވާ ގޮތުން އިންޑިޔާއިން މިކަން ކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މި މައްސަލައާ ގުޅޭގޮތުން އިންޑިއާ ސަރުކާރުން އެއްޗެކޭ ބުނެފައެއް ނުވެއެވެ.
މިއީ 2016 ވަނަ އަހަރުގެ ފަހުން މިފަދަ ތިން ވަނަ ހާދިސާއެވެ. މީގެކުރިން ވަދެފައިވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރާއި 2019 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ. ދެކުނު އޭޝިޔާގެ މި ދެގައުމުން އަބަދުވެސް އެއްގައުމު އަނެއް ގައުމުގެ އަސްކަރިއްޔާ އިން މިފަދަ ކަންކަން ކުރާކަމުގެ ތުހުމަތު ކުރެއެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާގެ އެންމެ ފަހުގެ ބަޔާނާއެކު ނަގާފައިވާ ވީޑިއޯއިން ފެންނަނީ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހުގެ ރޭ 11:18ން ރޭގަނޑު 11:36ށް ނަގާފައިވާ ފުޓޭޖެކެވެ. ޕާކިސްތާނުގެ ސިޓީއެއް ކަމަށްވާ ކަރާޗީގެ ދެކުނުން ގާތްގަނޑަކަށް 283 ކިލޯމީޓަރު ދުރުން މި މަންޒަރުތައް ފެންނަ ފުޓޭޖްގައި ޓާގެޓްގެ ޖިއޮގްރަފިކަލް ލޮކޭޝަން ޓެގް ވަނީ ބަހައްޓާފައެވެ.
މި މަގާމު އޮންނާނީ އދ.ގެ ކަނޑުގެ ގާނޫނާ ބެހޭ މުއާހަދާގެ ދަށުން ޕާކިސްތާނަށް ޚާއްސަ އިގްތިސާދީ ހައްގުތަކެއް ލިބިގެންވާ ޕާކިސްތާނުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް)ގެ ތެރޭގަ އެވެ.
1947 ވަނަ އަހަރު އިނގިރޭސީންގެ އަތްދަށުން މިނިވަންކަން ލިބުނު ޕާކިސްތާނާއި އިންޑިއާއިން މިހާތަނަށް ތިން ހަނގުރާމައެއް ވަނީ ކޮށްފައެވެ.