ކ. މާލެ
|
19 އޮކްޓޯބަރ 2021 | އަންގާރަ 20:07
ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު
ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު
ގެޓީ އިމޭޖަސް
ސަލާހުގެ އެއްބަސްވުން އާކުރުން
ބޮޑު މުސާރައެއް ލިބޭ އެއްބަސްވުމެއްގައި ސަލާހު ސޮއިކުރަނީ
ސަލާހުގެ އެއްބަސްވުން ހަމަވާނީ 2023 ގެ ހޫނު މޫސުމުގައި
އައު އެއްބަސްވުމާއެކު ހަފުތާއަކު ފަސް ލައްކަ ޕައުންޑް ލިބޭނެ

ހަފުތާއަކު ފަސް ލައްކަ ޔޫރޯގެ މުސާރައެއް ލިބޭ އެއްބަސްވުމެއް ސޮއިކުރުމަށް ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ލިވަޕޫލުން އުމުރުން 29 އަހަރުގެ ސަލާހު ގަތީ 2017 ވަނަ އަހަރުގެ ޖޫން މަހު ރޯމާއަށް 35 މިލިޔަން ޕައުންޑް ދެއްކުމަށްފަހުއެވެ. އޭގެ ފަހުން 2018 ވަނަ އަހަރު ސަލާހު ލިވަޕޫލުގެ އެއްބަސްވުން އާކުރިއިރު، އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2023 ވަނަ އަހަރުގެ ހޫނު މޫސުމުގައެވެ.

ލިވަޕޫލުން ސަލާހުގެ އެއްބަސްވުން އާކުރުމުގެ މަޝްވަރާތައް ކުރިއަށްގެންދާއިރު، އޭނާ މި ވަގުތު ލިވަޕޫލާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން މުސާރައިގެ ގޮތުގައި ހަފުތާއަކު ދެ ލައްކަ ޕައުންޑް ލިބެއެވެ. އެއާއެކު މީގެ ކުރިންވެސް ލިވަޕޫލުގެ އެއްބަސްވުން އާކުރަން ސަލާހު ބޮޑު މުސާރައަށް ޑިމާންޑުކުރި ކަމަށް ރިޕޯޓުކުރި ނަމަވެސް، ލިވަޕޫލުގެ އޮފިޝަލުން ވަނީ އެ ފަހަރު އެ ވާހަކަތައް ދޮގުކޮށްފައެވެ.

ނަމަވެސް އިނގިރޭސި މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ހަފުތާއަކު ފަސް ލައްކަ ޔޫރޯގެ މުސާރައެއް ލިބޭ އެއްބަސްވުމުގައި ސޮއުކުރުމުގެ މަޝްވަރާތައް މިހާރު ވަނީ ފަށާފައެވެ. އަދި ސަލާހުގެ އެއްބަސްވުން އިތުރު ތިން އަހަރަށް އާކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. މި މުސާރާ ސަލާހަށް ދޭން ލިވަޕޫލުން އެއްބަސްވެއްޖެނަމަ، އޭނާ ވެގެންދާނީ ލިވަޕޫލުގެ ތާރީޚުގައި ކުޅުންތެރިއަކަށް އެންމެ ބޮޑު މުސާރައެއް ދޭނެ ކުޅުންތެރިޔާއަށެވެ.

ސަލާހުގެ އެއްބަސްވުން އާކުރުމުގެ މަސައްކަތް ލިވަޕޫލުން ކުރަމުން އަންނައިރު، އޭނާ ހޯދަން ރެއާލް މެޑްރިޑާއި ޕީއެސްޖީން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ލިވަޕޫލަށް ބަދަލުވެ ސަލާހު ގިނަ ރިކޯޑުތަކެއް މުގުރާލާފައިވާއިރު، އޭނާ ވަނީ މިހާތަނަށް ލިވަޕޫލަށް ކުޅެދިން 213 މެޗުގައި 135 ލަނޑު ޖަހާފައެވެ. އަދި މި ފަހުން ލިވަޕޫލުން ހޯދި ކާމިޔާބީތަކުގައި ސަލާހު ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން ސަލާހު ވަނީ ލިވަޕޫލާއެކު އިނގިރޭސި ޕްރިމިއާ ލީގާއި، ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕުގެ އިތުރުން ފީފާ ކުލަބު ވޯލްޑް ކަޕުވެސް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް