1900ގެ ފަހުކޮޅާއި 2000ގެ ކުރީ ކޮޅު ދިވެހި ޒުވާނުންގެ ތެރެއަށް މަސްތުވާތަކެތި ތައާރަފުވެގެން ދިޔައީ މީހާ "ނައިސް" ކޮށްލައި, އައު ދިރިއުޅުމެއް މީހާއަށް ދައްކުވައިދޭނެ އެއްޗެއްގެ ގޮތުގައެވެ. ކަންވީ ވެސް އެހެންނެވެ. މީހާ "ނައިސް" ކޮށްލައި މީހާ މުޖުތަމައުން ބަލައި ނުގަންނަ ދަރަޖައަށް ވައްޓާލާ އައު ދިރިއުޅުމެއް, މަސްތުގެ ބަލިމަޑުކަމާ ކުރިމަތިލާ ކޮންމެ މީހަކުވެސް ދެކެއެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމީ ޝައްކެއް ނެތް ކަމެކެވެ. ފުލުހުންގެ އޮޕަރޭޝަންތަކުގައި މީގެ ކުރިން 60 ކިލޯއަށްވުރެ ގިނައިން މަސްތުވާތަކެތި އަތުލައިގަންނަ ވާހަކައަކީ އާންމު ވާހަކައެއް ނޫނެވެ. އެހެންނަމަވެސް މި ފަހަކަށް އައިސް ނޫސްތަކުގެ ފަލަ ސުރުޚީން ޖާގަ ހޯދާފައިވަނީ 100 ކިލޯއަށްވުރެ ގިނައިން މަސްތުވާތަކެތި އަތުލައިގަންނަ ވާހަކަތަކެވެ. މިއީ އާންމު ރައްޔިތުންނާއި ކަމާބެހޭ މުއައްސަސާތަކާއި ސަރުކާރުންވެސް އެކަމަށް ވިސްނަން ޖެހޭވަރުގެ ކަންކަމެވެ.
ރާއްޖޭގައި މަސްތުވާތަކެތި ވިއްކައި އެއިން އާމްދަނީ ހޯދާ މީހުން ދުވަހެއް ދުވަހަކަށް އިތުރުވަމުން އައިސް, މިއަދު މިއޮތީ އަތް ނުފޯރާ ފަށަށް މި ވިޔަފާރި ފުޅާވެފައެވެ. ކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކާ ކެފޭތައް މާލޭގައި ހުރުން އެއީ އަނދިރިކަމުގެ ރަނގަބީލު އެޅުން ނޫންތޯއެވެ.
ރާއްޖޭގެ ވެރިރަށް ފުރަ މާލެއަށް ބަލާލި ކަމުގައިވިޔަސް, ކަންކަންމަތީގައި ބިއްޖެހިފައިވާ ޒުވާނުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. ކުނި ކޮތަޅު ހާވައި އެއިން ނަފާ ހޯދަމުން އަންނަ ޒުވާނުންގެ އަދަދުވެސް އިތުރެވެ. މި ޒުވާނުން ކުނި ކޮތަޅު ހާވަނީ ކީއްކުރަންތޯ ބަލާނެ އެއްވެސް އިދާރާއެއް ނެތީތޯއެވެ. ރާއްޖެ އެމްވީން މިހެން ކުނިކޮތަޅު ހާވަން އުޅުނު މީހުންނާ ސުވާލުކޮށްލުމުން ލިބުނު ޖަވާބަކީ; އެ މީހުން ކުނި ކޮތަޅު ހާވައި ބޭނުން ކުރެވޭ އެއްޗެއް ހުރިތޯ ބަލައި, މަޝްހޫރު ޗައިނާ ބާޒާރަށް ލައިގެން ވިއްކާ ވާހަކައެވެ. އަދި އެއިން ލިބޭ ފައިސާކޮޅަށް މަސްތުވާތަކެތި ވިއްކާ ކެފޭއަކުން ޝޮޓެއް ޖަހަނީ ކަމަށެވެ.
ބިކޮކާ - މިލާނޯއިން 2019 ވަނަ އަހަރު ރާއްޖޭގައި ކުރި ދިރާސާއަކުން ދައްކާ ގޮތުގައި މަގުމަތިން ސަލާން ޖަހައިގެންނާއި، ކުނި ހޮވައިގެން މަސްތުވާތަކެތި ގަންނަ 4،000 މީހުން ރާއްޖޭގައި އެބައުޅެއެވެ.
ޑްރަގް ރިހެބިލިޓޭޝަން ސެންޓަރެއް ހުއްޓެއްކަމަކު އެ ސެންޓަރުން ދެވެނީ އެންމެ އެދެވޭ ފަރުވާތޯއާ މެދުވެސް ސުވާލު އުފެދެއެވެ. މަސްތުވާތަކެތި ބޭނުންކުރާ ބައެއް ފަރާތްތަކާ ރާއްޖެ ޓީވީން ވާހަކަ ދައްކާލުމުން އެނގުނީ މަސްތުގެ ބަލިމަޑުކަމުން އެ ފަރާތްތަކުން އަރައިގަންނަން ބޭނުންވާ ކަމެވެ. ނަމަވެސް އެކަށޭނެ ފަރުވާއެއް ލިބޭނެ ގޮތެއް ނެތް ކަމަށް އެފަރާތްތަކުން ބުނެއެވެ.
މިކަމުގެ ޒިންމާ ނަގާނީ ކޮންބައެއް ތޯއެވެ؟