ކ. މާލެ
|
18 އޮކްޓޯބަރ 2021 | ހޯމަ 11:13
ޔުވެންޓަސް އާއި ރޯމާ ބައްދަލުކުރި މެޗުގެ ތެރެއިން
ޔުވެންޓަސް އާއި ރޯމާ ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އިޓާލިއަން ލީގު
ކީންގެ ލަނޑުން ޔުވެންޓަސްއަށް މުހިންމު މޮޅެއް
 
ރޯމާ އަތުން ޔުވެންޓަސް މޮޅުވީ 1-0 ގެ ނަތީޖާއަކުން
 
ތާވަލުގެ ހަތްވަނައިގައި ޔުވެންޓަސް އޮތީ 14 ޕޮއިންޓާއެކު

އިޓާލިއަން ލީގުގައި އާދީއްތަ ދުވަހުގެރޭ މޮއިސް ކީން ކާމިޔާބުކޮށްދިން ލަނޑުން ރޯމާ އަތުން ޔުވެންޓަސް މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޔުވެންޓަސް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

މި ފަހަރުގެ ސީޒަން ޔުވެންޓަސްއިން ފަށާފައިވަނީ ވަރަށް ދަށްކޮށެވެ. އެގޮތުން ލީގުގައި ކުޅުނު ފުރަތަމަ ހަތަރު މެޗުންވެސް ޔުވެންޓަސްއަށް މޮޅެއް ހޯދިފައެއް ނުވެއެވެ. އެއާއެކު މިއީ މިދިޔަ 60 އަހަރު ތެރޭ އެ ޓީމު ލީގުގައި އެންމެ ދަށްކޮށް ފެށި ފަހަރެވެ. ނަމަވެސް ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުންވެސް ޔުވެންޓަސް ވަނީ މޮޅުވެފައެވެ.

އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޔުވެންޓަސްއިން ކާމިޔާބުކޮށްފައިވަނީ މެޗު ފަށައިގެން 16 ވަނަ މިނެޓުގައެވެ. ރޮޑްރީގޯ ބެންޓަކޫރް ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެވަޓަންގެ ލޯނު އެއްބަސްވުމެއްގެ ދަށުން ކުޅެމުން އަންނަ ޒުވާން ފޯވާޑް ކީންއެވެ.

އޭގެ ފަހުން ނަތީޖާ އެއްވަރުކުރަން ފުރަތަމަ ހާފުގައި ރޯމާއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މިއީ އޭރިއާ ތެރެއިން ރޯމާގެ ހެންރިކް މިކިތާރްޔަންއަށް ޔުވެންޓަސްގެ ގޯލްކީޕަރު ވޮސިއެޗް ޝެޒްނީ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. އެކަމަކު ރޯމާގެ ޖޯޑަން ވެރެޓޫޓް ފޮނުވާލި ޕެނަލްޓީ ޝެޒްނީ ވަނީ ދިފާއުކޮށްފައެވެ.

މި މޮޅާއެކު ޔުވެންޓަސް އޮތީ ކުޅުނު އަށް މެޗުން 14 ޕޮއިންޓް ހަމަކޮށް ލީގު ތާވަލުގެ ހަތްވަނައިގައެވެ. ލީގު ތާވަލުގެ އެއްވަނައިގައި އޮތީ އާދީއްތަ ދުވަހުގެރޭ ޓޮރީނޯ އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވި ނާޕޮލީއެވެ. އެ ޓީމަށް ވަނީ އަށް މެޗުން 24 ޕޮއިންޓް ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް