ސްޕެނިޝް ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ފަހަތުން އަރައި ވެލެންސިއާ ބަލިކޮށް ބާސެލޯނާއިން މުހިންމު މޮޅެއް ހޯދައިފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބާސާ މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ވަރަށް ކުރީކޮޅު ވެލެންސިއާއިން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހޯސޭ ގަޔާއެވެ. އެކަމަކު އޭގެ އަށް މިނެޓު ފަހުން ބާސާއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މެމްފިސް ޑިޕާއިގެ އެހީއާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ތަރި އަންސޫ ފަޓީއެވެ.
މި މެޗުގައި ބާސާއިން ލީޑު ނަގާފައިވަނީ ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިޕާއިއެވެ. މިއީ އޭރިއާ ތެރެއިން ބާސާގެ ފަޓީއަށް ވެލެންސިއާ ގަޔާ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.
އޭގެ ފަހުން ނަތީޖާ އެއްވަރުކުރަން ވެލެންސިއާއިން ގިނަ ހަމަލާތަކެއް އުފެއްދިއިރު، ދެވަނަ ހާފުގެ ކުރީކޮޅު އެ ޓީމުގެ ކާލޮސް ސޮލާ ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ. އަދި އޭގެ ފަހުން ވެލެންސިއާގެ ގޮންކާލޯ ގުއޭޑޭސް ފޮނުވާލި ހަމަލާއެއް ބާސާގެ ގޯލްކީޕަރު މާކް-އަންދްރޭ ޓާ ސްޓެގެން ވަނީ މަތަކޮށްފައެވެ.
މި މެޗުގައި ބާސާއިން ލީޑު ފުޅާކޮށްފައިވަނީ މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށެވެ. ސާޖީނިއޯ ޑެސްޓް ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފިލިއްޕޭ ކުޓީނިއޯއެވެ. މި މެޗުގެ ދެވަނަ ހާފުގައި ބާސާއިން ވަނީ ތަޖުރިބާކާރު ފޯވާޑް ސާޖިއޯ އަގުއޭރޯ ކުލެން އަރުވާފައެވެ. މިއީ މި ފަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ބާސާއަށް ބަދަލުވުމަށްފަހު އަގޫއޭރޯ ކުޅުނު ފުރަތަމަ މެޗެވެ. މީގެ ކުރިން އޭނާ މެޗެއް ކުޅެފައިނުވަނީ ލިބުނު އަނިޔާއަކާ ގުޅިގެންނެވެ.
ލީގުގައި އާދީއްތަ ދުވަހުގެރޭ ވެލެންސިއާ އަތުން ހޯދި މޮޅާއެކު ބާސާ ވަނީ ކުޅުނު އަށް މެޗުން 15 ޕޮއިންޓް ހަމަކޮށް، ތާވަލުގެ ހަތްވަނައަށް ޖެހިލާފައެވެ. އަދި ބާސާ އަތުން ބަލިވި ވެލެންސިއާ އޮތީ ތާވަލުގެ ނުވަވަނައިގައި ނުވަ މެޗުން 12 ޕޮއިންޓާއެކުއެވެ.