ހޮނިހިރު ދުވަހު ވެކްސިން ފުރިހަމަ ކޮށްފައިވަނީ 430 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ން ބުނެފިއެވެ.
އެޗްޕީއޭއިން އެންމެ ފަހުން ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން ހޮނިހިރު ދުވަހު 68 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައިފައެވެ. އެއީ މާލެ ސަރަހައްދުން ވެކްސިންޖެހި 21 މީހަކާއި އަތޮޅުތެރެއިން ވެކްސިންޖެހި 47 މީހުންނެވެ. އެއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒު ފުރިހަމަކުރި މީހުންގެ އަދަދު ވަނީ 393،679ށް އަރާފައެވެ.
މީގެ އިތުރުން އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ހޮނިހިރު ދުވަހު ވެކްސިންގެ ދެވަނަ ޑޯޒު 430 މީހުން ވަނީ ޖަހާފައެވެ. އެއީ މާލެ ސަރަހައްދުން ވެކްސިންޖެހި 115 މީހުންނާއި، އަތޮޅުތެރެއިން ވެކްސިންޖެހި 315 މީހުންނެވެ. އެއާއެކު ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު ވަނީ 351،169ށް އަރާފައެވެ.
ރާއްޖޭގައި މިހާރު އަންނަނީ ވެކްސިންގެ ބޫސްޓަރ ޝޮޓް ޖަހަމުންނެވެ. އެގޮތުން ރަށްރަށުގައި ތިބި، ކޮވިޑް-19 ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމަށް ޝަރުތު ހަމަވާ މީހުން އެރަށެއްގެ ހެލްތް ސެންޓަރ ނުވަތަ ހޮސްޕިޓަލް މެދުވެރިކޮށް ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓް ހެއްދޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އެޗްޕީއޭއިން ބުނީ ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމަށް ޝަރުތު ފުރިހަމަވާ މީހުންނަށް މި މަހުގެ 3ން ފެށިގެން ފައިޒަރ ވެކްސިން ޖަހައިދެމުންދާއިރު، މާލެ ސަރަހައްދުގައި އޭޑީކޭ ހޮސްޕިޓަލްގައި ހެނދުނު 9:00ން މެންދުރުފަހު 2:00ށް، ހުޅުމާލެ ހޮސްޕިޓަލްގައި ހެނދުނު 9:00ން މެންދުރުފަހު 2:00ށް އަދި ވިލިމާލެ ހޮސްޕިޓަލްގައި 10:00ން 12:00ށް ވެކްސިން ޖަހައިދެމުންދާނެ ކަމަށެވެ.
ވެކްސިން ފުރިހަމަ ކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ. ބަލިން ދިފާއުވުމަށް ވެކްސިން ވަރަށް މުހިންމު ކަމަށާއި، ބައްޔަށް ޕޮޒިޓިވްވި ނަމަވެސް ވެކްސިން ފުރިހަމަކޮށްފައިވާނަމަ ބަލިން މީހާއަށް ކުރާ އަސަރު ކުޑަ ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.