އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ބްރެންޓްފޯޑް ބަލިކޮށް ތާވަލުގެ އެއްވަނައަށް ޗެލްސީ އަލުން ޖެހިލިއިރު، ލެސްޓާ ސިޓީ އަތުން މެންޗެސްޓާ ޔުނައިޓެޑް ބަލިވެއްޖެއެވެ.
ރަށުން ބޭރުގައި ކުޅުނު މެޗުން ޗެލްސީ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޗެލްސީން ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިންގްލެންޑުގެ ޑިފެންޑަރު ބެން ޗިލްވެލްއެވެ. މި މެޗުގައި ޗިލްވެލް ލަނޑު ޖެހިއިރު، ޗެލްސީ އާއި އިންގްލެންޑަށް އެންމެ ފަހުން ކުޅެދިން ތިން މެޗުގައިވެސް ޗިލްވެލް ވަނީ ލަނޑު ޖަހާފައެވެ.
ޗިލްވެލްގެ ލަނޑުން ޗެލްސީން ލީޑު ނެގި ނަމަވެސް، އޭގެ ފަހުން ބްރެންޓްފޯޑުން ވަނީ ޗެލްސީގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެކަމަކު އެ ހަމަލާތަކުގެ ހުރަހަކަށްވީ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ޗެލްސީގެ ގޯލްކީޕަރު އޮޑެއާޑް މެންޑީއެވެ. އެގޮތުން މެޗުގެ އިތުރު ވަގުތުގައި އޭރިއާ ތެރެއިން ބްރެންޓްފޯޑުގެ ކްރިސްޓިއަން ނޯގާޑް ފޮނުވާލި ނރައްކާތެރި ހަމަލާއެއްވެސް މެންޑީ ވަނީ ހުއްޓުވާފައެވެ.
މި މެޗަށް ނުކުތްއިރު ޗެލްސީއަށް ތާވަލުގެ އެއްވަނަ މަގާމު ގެއްލުނީ ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗުން ވަޓްފޯޑް އަތުން ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވުމުންނެވެ. އެކަމަކު ބްރެންޓްފޯޑް އަތުން ހޯދި މޮޅާއެކު ތާވަލުގެ އެއްވަނައަށް ޗެލްސީ އަލުން ޖެހިލިއިރު، އެ ޓީމަށް ވަނީ ކުޅުނު އަށް މެޗުން 19 ޕޮއިންޓް ލިބިފައެވެ. އަދި ދެވަނައިގައި އޮތް ލިވަޕޫލަށް އަށް މެޗުން ލިބިފައިވަނީ 18 ޕޮއިންޓެވެ.
މީގެ އިތުރުން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ލެސްޓާ އަތުން 4-2 ގެ ނަތީޖާއަކުން ބަލިވެ ޔުނައިޓެޑުން ރަށުން ބޭރުގައި ބަލިނުވެ ދަމަހައްޓަމުން އައި ރިކޯޑަށް ވަނީ ނިމުން އައިސްފައެވެ. މި މެޗުގެ ކުރިން ރަށުން ބޭރުގައި ކުޅުނު 29 މެޗުންވެސް ޔުނައިޓެޑް ބަލިވެފައެއް ނުވެއެވެ.
ލެސްޓާ ދަނޑުގައި ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޔުނައިޓެޑުންނެވެ. މެޗުގެ 19 ވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މޭސަން ގްރީންވުޑެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑުގެ ކެޕްޓަން ހެރީ މެގުއާ ހެދި ގޯހެއްގެ ފައިދާ ނަގައި ޔޫރީ ޓީލެމަންސް ވަނީ ލެސްޓާއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
އަދި މެޗުގެ 78 ވަނަ މިނެޓުގައި ޝަލްގާ ސޮޔުންޗޫ ވަނީ ލެސްޓާއަށް ލީޑު ނަގައިދީފައެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދިނީ އަނިޔާއިން ރަނގަޅުވުމަށް ފަހު ކުޅުމުގެ ތެރެއަށް އެނބުރި އައި މާކަޝް ރެޝްފޯޑެވެ. ނަމަވެސް އޭގެ މިނެޓެއް ފަހުން ލެސްޓާއިން އަލުން ލީޑު ނެގިއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖެމީ ވާޑީއެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ޕެޓްސަން ޑަކާ ވަނީ ލަނޑެއް ޖަހައި، ލެސްޓާގެ ލީޑު ފުޅާކޮށްދީފައެވެ.
މި ނަތީޖާއާއެކު ޔުނައިޓެޑް އޮތީ ތާވަލުގެ ފަސްވަނައިގައި އަށް މެޗުން 14 ޕޮއިންޓާއެކުއެވެ. ތާވަލުގެ ތިންވަނައިގައި އޮތީ ހޮނިހިރު ދުވަހުގެރޭ 2-0 ގެ ނަތީޖާއަކުން ބާންލީ ބަލިކުރި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއެވެ. އެ ޓީމަށް ވަނީ އަށް މެޗުން 17 ޕޮއިންޓް ލިބިފައެވެ.