ޖީއެމްއާރު އަތުން އެއަރޕޯޓު އަތުލުމަކީ ރާއްޖޭގައި މިހާތަނަށް އިގުތިސާދީ ގޮތުން ހިންގި އެންމެ ބޮޑުޖަރީމާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
އިންޑިޔާގެ ޖީއެމްއާރު ކުންފުންޏާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގުން ހަވާލުކޮށްފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. ނަމަވެސް 2012 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނެސް ޖީއެމްއާރު އަތުން ވަނީ އެއަރޕޯޓް އަތުލާފައެވެ. ޖީއެމްއާރާއެކު ހެދި އެއްބަސްވުން ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ބާތިލްކުރި މައްސަލާގައި ޖީއެމްއާރަށް 270 މިލިއަން ޑޮލަރު ދައުލަތުން ދޭން ޖެހޭނެ ކަމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ވަނީ ނިންމާފައެވެ.
އެކަމާ ގުޅިގެން އަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, އެއަރޕޯޓު ނުހެދި ޓޫރިޒަމް ސިނާއަތުގެ ކުރިއެރުމަށް ހުރި ހުރަސްތައް ގިރާކުރުމަށް ސަރުކާރުން ޖެހުނީ ބަޖެޓުން މަޝްރޫއު ފައިނޭންސް ކުރުމަށްކަމަށެވެ.
މިކަމަށްޓަކައި 1 ބިލިއަން ޑޮލަރުގެ ލޯނު ނަގައި ދައުލަތުގެ ދަރަނި ވަނީ އިތުރުވެފައި. މިކަމަށް ދަރަނި ނެގުމުގެ ސަބަބުން އަސާސީ އެހެން ކަންކަމަށް ބަޖެޓުން ވަނީ ޖާގަ ނުދެވިފައި. ޖީއެމްއާރާ އެކު ކުރިއަށް ދިޔަ ނަމަ 2014 ވަނަ އަހަރު ނިމެން އޮތް އެއަރޕޯޓުގެ މަސައްކަތް، 7 އަހަރު ވެގެން ދިޔަ އިރުވެސް މިދަނީ ކުރަމުން. ޖީއެމްއާރާއެކު އެއަރޕޯޓު ތަރައްގީކޮށް 2014ގައި ނިންމުނު ނަމަ ކޮވިޑް-19 އައުމާ ހަމައަށް ރާއްޖެއަށް އިތުރު 6.7 މިލިއަން ފަތުރުވެރިން ގެނެވުނީސް. މިއީ ޓޫރިޒަމް އާމްދަނީއިން ރާއްޖެއަށް ގެއްލިގެން ދިޔަ 13.2 ބިލިއަން ޑޮލަރު.އިބްރާހީމް އަމީރު / ފިނޭންސް މިނިސްޓަރ
މިނިސްޓަރ އިތުރަށް ވިދާޅުވި މިއީ އެތައް ބަޔަކަށް ގެއްލިގެން ދިޔަ ވަޒީފާގެ ފުރުސަތުތައް ކަމަށާއި މިއީ އެތައް އާއިލާއަކަށް ގެއްލިގެން ދިޔަ އާމްދަނީ ކަމަށެވެ. އެއަރޕޯޓު 2014 ވަނަ އަހަރަށް ތަރައްގީކޮށް ނިންމުނު ނަމަ, އަންދާޒާކުރެވޭ ގޮތުގައި 2020 ވަނަ އަހަރާ ރާއްޖެ ކުރިމަތިލީ 5 ބިލިއަން ޑޮލަރުގެ އިގުތިސާދެއްގެ ބަދަލުގައި 10 ބިލިއަންޑޮލަރަށް ވުރެ ބޮޑު އިގުތިސާދަކާއެކު ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަނީ އެއާޕޯޓުގައި އިތުރު ރަންވޭ އެއް އަޅާފައެވެ. އެހެންނަމަވެސް ސީޕްލޭން ޓާމިނަލާ ދިމާލުން ޖާގަ ހުސް ނުވާތީ އެ ރަންވޭ އަދިވެސް ބޭނުމެއްނުކުރެއެވެ. އެ ރަންވޭ ހުޅުވުމާއެކު މިހާރުގެ ރަންވޭ، ޓެކްސީވޭ އަކަށް ބަދަލުކޮށް އެއާޕޯޓުގެ ޓްރެފިކަށް ހެޔޮ ބަދަލެއް ގެނެވޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މީގެއިތުރުން ކުރީ ސަރުކާރުން ފެށި އައު ޓާމިނަލް ޕްރޮޖެކްޓްގެ މަސައްކަތްވެސް އަދި ނުނިމެއެވެ. އެކަމުގެ ސަބަބުން ގިނަ އަދަދެއްގެ ފަތުރުވެރިން ކޮންމެ ދުވަހަކުވެސް އަންނަ, ރާއްޖޭގެ މައި އެއަރޕޯޓަށް ބާރު ބޮޑުވެ ޓޫރިސްޓުން ގެނައުމަށް އަންނަނީ ދަތިތައް ދިމާވަމުންނެވެ.
އަނެއްކޮޅުން ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އައި ލޮޅުމާއެކު ދަރަނި ވަނީ ކުރިން އަންދާޒާކުރި ވަރަށްވުރެ މަތީގައެވެ.