މަޝްހޫރު ކްރިކެޓް ލީގު ކަމަށްވާ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގެ މި އަހަރުގެ ޗެމްޕިއަންކަން ޗެންނާއި ސުޕަ ކިންގްސްއިން ހޯދައިފިއެވެ.
މި އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ޗެންނާއި ސުޕަ ކިންގްސްއިން ހޯދީ ހުކުރު ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުގައި ކަލްކަތާ ނައިޓް ރައިޑާސް (ކޭކޭއާރް) އަތުން 27 ލަނޑުން މޮޅުވެގެންނެވެ. މި މެޗުގައި އެންމެ ފުރަތަމަ ޗެންނާއި ސުޕަ ކިންގްސް ކުޅެން އަރައި 20 އޯވަރު ހަމަވިއިރު ތިން ކުޅުންތެރިން ނުބައިވެގެން ވަނީ 192 ލަނޑު ހަދާފައެވެ. ޖަވާބުގައި ކޭކޭއާރް ކުޅެން އަރައި، 20 އޯވަރު ހަމަވިއިރު ނުވަ ކުޅުންތެރިއަކު ނުބައިވެގެން ހެދުނީ 165 ލަނޑެވެ.
އެއާއެކު މި އަހަރުގެ އައިޕީއެލްގެ ޗެމްޕިއަންކަން ޗެންނާއި ސުޕަ ކިންގްސްއިން ހޯދިއިރު، މިއީ އެ ޓީމުން މި މުބާރާތް ކާމިޔާބުކުރި ހަތަރުވަނަ ފަހަރެވެ. އެގޮތުން މީގެ ކުރިން 2010، 2011 އަދި 2018 ވަނަ އަހަރުވެސް ޗެންނާއި ސުޕަ ކިންގްސްއިން ވަނީ މި މުބާރާތް ކާމިޔާބުކޮށްފައެވެ. އަދި މި ހަތަރު ފަހަރުވެސް ޗެންނާއި ސުޕަ ކިންގްސްއިން އައިޕީއެލް ކާމިޔާބުކޮށްފައިވަނީ އިންޑިއާގެ މަޝްހޫރު ކްރިކެޓް ތަރި އެމްއެސް ދޯނީގެ ކެޕްޓަންކަމުގެ ދަށުންނެވެ.
މި އަހަރުގެ އައިޕީއެލްގެ ކުޅުން ނިންމާލިއިރު، މި އަހަރުގެ އޭޕްރީލް މަހު ފެށި މި މުބާރާތް މެއި މަހުގެ ކުރީކޮޅު މެދުކަނޑާލަން ޖެހުނެވެ. އެ ފަހަރު މުބާރާތް މެދުކަނޑާލަން އައިޕީއެލްގެ ގަވާނިން ކައުންސިލާއި ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް އިން އިންޑިއާ (ބީސީސީއައި) އިން ނިންމީ ބައެއް ޓީމުތަކުގެ ކުޅުންތެރިން ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.
އެއާއެކު އައިޕީއެލްގެ ބާކީ ހުރި މެޗުތައް މިދިޔަ ސެޕްޓެމްބަރު މަހު ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގައި ވަނީ ކުޅެން ފަށާފައެވެ. މި އަހަރުގެ އައިޕީއެލްގެ ބާކީ ހުރި މެޗުތައް ޔޫއޭއީގައި ކުޅުނުއިރު، ކޮވިޑާ ގުޅިގެން މިދިޔަ އަހަރުގެ މުބާރާތްވެސް ކުޅެފައިވަނީ ޔޫއޭއީގައެވެ. އަދި މީގެ ކުރިން 2014 ވަނަ އަހަރުގެ މުބާރާތުގެ އެއްބައިވެސް ވަނީ ޔޫއޭއީގައި ކުޅެފައެވެ.