ކޮވިޑް-19ން ދިފާއުވުމަށް ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު ރާއްޖޭގައި 350،739ށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ހާމަކޮށްފައިވާ ގޮތުގައި ބުރާސްފަތި ދުވަހު ކޮވިޑް ވެކްސިންގެ ދެ ވަނަ ޑޯޒް 1311 މީހުން ވަނީ ޖަހާފައެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 525 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 786 މީހުންނެވެ.
ބުރާސްފަތި ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 110 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 72 މީހުންނާއި އަތޮޅުތަކުން 38 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 393،611ށް އަރާފައެވެ.
ރާއްޖޭގައި މިހާރު އަންނަނީ ވެކްސިންގެ ބޫސްޓަރ ޝޮޓް ޖަހަމުންނެވެ. އެގޮތުން ރަށްރަށުގައި ތިބި، ކޮވިޑް-19 ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމަށް ޝަރުތު ހަމަވާ މީހުން އެރަށެއްގެ ހެލްތް ސެންޓަރ ނުވަތަ ހޮސްޕިޓަލް މެދުވެރިކޮށް ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓް ހެއްދޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އެޗްޕީއޭއިން ބުނީ ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމަށް ޝަރުތު ފުރިހަމަވާ މީހުންނަށް މި މަހުގެ 3ން ފެށިގެން ފައިޒަރ ވެކްސިން ޖަހައިދެމުންދާއިރު، މާލެ ސަރަހައްދުގައި އޭޑީކޭ ހޮސްޕިޓަލްގައި ހެނދުނު 9:00ން މެންދުރުފަހު 2:00ށް، ހުޅުމާލެ ހޮސްޕިޓަލްގައި ހެނދުނު 9:00ން މެންދުރުފަހު 2:00ށް އަދި ވިލިމާލެ ހޮސްޕިޓަލްގައި 10:00ން 12:00ށް ވެކްސިން ޖަހައިދެމުންދާނެ ކަމަށެވެ. އަދި ރަށްރަށުގައި ތިބި ޝަރުތު ހަމަވާ މީހުން އެރަށެއްގެ ހެލްތް ސެންޓަރ ނުވަތަ ހޮސްޕިޓަލް މެދުވެރިކޮށް ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓް ހެއްދޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
ވެކްސިން ފުރިހަމަ ކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ. ބަލިން ދިފާއުވުމަށް ވެކްސިން ވަރަށް މުހިންމު ކަމަށާއި، ބައްޔަށް ޕޮޒިޓިވްވި ނަމަވެސް ވެކްސިން ފުރިހަމަކޮށްފައިވާނަމަ ބަލިން މީހާއަށް ކުރާ އަސަރު ކުޑަ ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.