އިދިކޮޅުގެ މޫނުމަތީގައި އަޅާލީ ތަފާލެއް

ރައީސް މައުމޫނަށް ޕީޕީއެމުން ޖެއްސި ހާލު އެމްޑީޕީން ރައީސް ނަޝީދަށް ޖެއްސުމަކީ ޕީޕީއެމުން ބޭނުންވާގޮތެވެ. ރައީސް ޔާމީނުގެ އަމިއްލަ އެދުން ބޮޑުކަމުން އެއްބަފާ ބޭބޭފުޅު ހަވަރަށް ދެއްވިޔަސް ރައީސް ސާލިހަކީ އެފާޑުގެ ބޭފުޅެއް ނޫނެވެ. އެމްޑީޕީގެ ލީޑަރުންނަކީ ތަފާތު ޚިޔާލާއެކު ސިޔާސީ މަސައްކަތް ކުރައްވަން ދެނެވަޑައިގަންނަވާ ބޭފުޅުންތަކެކެވެ.

އެމްޑީޕީ އާއި ޕީޕީއެމްގައި ބޮޑުތަފާތުތަކެއް އެބަހުއްޓެވެ. ޕީޕީއެމްގެ މެންބަރުންގެ މައިގަނޑު ފިކުރަކީ ޕާޓީ ތިމާއަށް ކޮށްދޭނީ ކޮންކަމެއްތޯބެލުމެވެ. ޕާޓީން ލިބޭނީ ކޮން އެއްޗެއްތޯ ބެލުމެވެ. އެހެނެއްކަމަކު އެމްޑީޕީގެ މެންބަރުން ބަލަނީ ތިމާގެ ފުށުން ޕާޓީއަށް ކޮށްދެވޭނީ ކޮންކަމެއްތޯ ބެލުމެވެ. ތިމާގެ އަތުން ޕާޓީއަށް ދެވޭނީ ކޮން އެއްޗެއްތޯ ބެލުމެވެ. އާނއެކެވެ. އެމްޑީޕީއަކީ ތަސައްރަފު ފުދިފައިވާ މިނިވަން ފިކުރެކެވެ. ތަފާތު ޚިޔާލުގެ ގިނަބަޔަކު ތަފާތު ޚިޔާލަށް ޖާގަދީގެން ތަފާތު ޚިޔާލަށް އިހުތިރާމްކުރަން އެމްޑީޕީ ނިކަން ފަރިތަވާނެއެވެ. ޕީޕީއެމްގެ ލީޑަރޝިޕަށް ވީހެން އެމްޑީޕީ ބައިބައި ވެގެން ރޫޅިގެން ދިޔުމަށް އުންމީދުކުރާ ވާދަވެރިންނަށް މިއަދު ރަނގަޅު ފިލާވަޅެއް ލިބޭނެއެވެ.

ވޭތުވެދިޔަ ދުވަސްތަކުގައި ކަންކަން ސިފަވަމުން އައިގޮތުން އިދިކޮޅު ޕީޕީއެމް ކޯލިޝަން އޮތީ އުފަލުން ފޮޅިފައެވެ. ވެރިކަމުގެ ބާރުތަކަށް ވެރިވެގަތުމުގެ ވަގުތު ކުޑަތަން ވަމުން އަންނަކަމަށް ހީކޮށެވެ. އެމްޑީޕީ ފަޅިފަޅިވެ ބާރުކެޑެމުން ދާކަމުގެ ވަހުމުގައެވެ. ވެރިކަން ހިންގުމުގެ ނިޒާމާއި ނިރުބަވެރިންގެ މައްސަލައާއި ނަފްރަތުގެ ބިލުގެ މައްސަލާގައި އެމްޑީޕީގެ ތެރޭގައި އުފެދިގެން އައި ޚިޔާލުތަފާތުވުން ތަކުން ޕާޓީ ބައިބައިވެ ރޫޅިގެން ދާނެކަމަށް އިދިކޮޅުން ހީކުރިއެވެ. ރައީސް ސާލިހަށް ވަފާތެރި މެންބަރުންނާއި ރައީސް ނަޝީދަށް ވަފާތެރި މެންބަރުންގެ މެދުގައި ބޮޑެތި ފަސާދަ އުފައްދަން އިދިކޮޅުން ކުރެވުނުހާކަމެއް ކުރަމުން ދިޔައެވެ.

އާނއެކެވެ. ސީދާ ގޮތުންނާއި ނުސީދާގޮތުން އެމްޑީޕީ ބައިބައި ކުރުމަށް ކުރެވެން އޮތްހާ ކަމެއް އެވެރިން އައީ ކުރަމުންނެވެ. ރައީސް ނަޝީދަށް އެންމެ އޯގާތެރި އެންމެ ހަމްދަރުދީ ވާބަޔަކީ ޕީޕީއެމް ކޯލިޝަން ކަމަށް ދެއްކިގެން އުޅުނެވެ. ރައީސް ސާލިހުގެ ވާގި ނައްތާލެވޭތޯ މަރުފަލިޖެހިއެވެ. އެމްޑީޕީގެ ތެރޭގައި އޮތް ތަފާތު ޚިޔާލުގެ ފައިދާ ނަގައިގެން މޮޅު ހޯދޭނެކަމުގެ ހުވަފެނުގައެވެ. ރައީސް ނަޝީދަށް އިންސާފު ހޯދާދޭން އުޅޭ ބަޔަކީ އެމީހުން ކަހަލައެވެ. ޕާޓީ އުފައްދާ ނަގާކޮޅަށް ޖެހި ލީޑަރު ރައީސް މައުމޫނު މުސްކުޅިފުޅު ހާލުގައި ހުންނަވަނިކޮށް ރަހުމެއް ހަމްދަރުދީއެއް ނެތި ވެރިކަމުގެ ދަހިވެތިކަމުގައި ހައްގަކާ ނުލާ ޖަލަށްލައި އަނިޔާވެރިވީ ހިތް ނެތް ބަޔަކު ރައީސް ނަޝީދަށް އެދޭނީ ކޮން ހެވެއް ހެއްޔެވެ.

ރައީސް ނަޝީދުގެ ފުރާނަފުޅަށް ނުރައްކާވި ނިރުބަވެރި ހަމަލައާ ގުޅިގެން ފަރުވާ ހޯއްދެވުމަށް ހުންނެވުމަށް ފަހު ރާއްޖެ ވަޑައިގަތުމުން މަރުހަބާ ވިދާޅުވުމަށް ޕާޓީގެ އިސްލީޑަރ ރައީސް ސާލިހު ވަޑައިގަތުންވީ އެމްޑީޕީގެ މުސްތަގުބަލު ކުރަހާލަން ލިބިގެން ދިޔަ ރަނުގެ ފުރުސަތަކަށެވެ. ރައީސް ނަޝީދު ޕާޓީގައި ބާކީ ނުކުރެވޭނެކަން ރަމްޒުކޮށްދިން ކަމަކަށެވެ. ވެރިކަމާ ބާރައްޓަކައި ޕާޓީގެ މަސްލަހަތު ގުރުބާން ކުރައްވަން އެއްވެސް ލީޑަރަކު ބޭނުންފުޅު ވެވަޑައި ނުގަންނަވާކަން ދަލީލު ކޮށްދިން ކަމަކަށެވެ. އެމްޑީޕީގެ މެންބަރުންގެ ލޯތްބާއި އިހުތިރާމް ދެލީޑަރުންނަށް އޮހިގެން ދިޔަކަމަކަށެވެ. މެންބަރުންގެ ހިތްތަކަށް ތަސައްލީ ގެނެސް ދިންކަމަކަށެވެ. ފިތުނަވެރި ކަމާއި ތައައްސަބުން ފުރިފައިވާ އިދިކޮޅުގެ މޫނުމަތީގައި އަޅާލި ތަފާލަކަށެވެ.

6%
70%
1%
10%
9%
4%