ކޮވިޑް-19 އާ ގުޅިގެން ސިންގަޕޫރަށް ދަތުރުކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދެމުންދާއިރު ކަރަންޓީނުވުމަކާ ނުލާ އެގައުމަށް އެތެރެވެވޭ ގައުމުތައް އިތުރުކުރުމަށް ހަމަޖެހިފައިވާކަން އެގައުމުން ހާމަކޮށްފިއެވެ.
އޮކްޓޯބަރ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ 8 ގައުމެއްގެ ރައްޔިތުންނަށް ކަރަންޓީނުވުމަކާ ނުލާ ސިންގަޕޫރަށް އެތެރެވެވޭނެކަމަށް އެގައުމުން ހޮނިހިރު ދުވަހު ވަނީ ބުނެފައެވެ. އޭގެތެރޭގައި އިނގިރޭސިވިލާތާއި، ފްރާންސް، ސްޕެއިން އަދި އެމެރިކާ ހިމެނޭއިރު މިގައުމުތަކުގެ ރައްޔިތުންނަށް ކަރަންޓީނުވުމަކާ ނުލާ ސިންގަޕޫރަށް ވަދެވޭނީ ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކުއެވެ.
ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ސިންގަޕޫރަށް ވަނުމުގެ ފުރުސަތު ހުޅުވާލީ ސެޕްޓެމްބަރ މަހުއެވެ. އޭރު އެފުރުސަތު ދީފައިވަނީ ޖަރމަނީ އާއި ބުރުނާއީ އަށެވެ. މިލިސްޓަށް ދެކުނު ކޮރެއާ އަންނަ މަހު އިތުރުކުރާނެކަމަށް ސިންގަޕޫރުން ބުނެއެވެ.
ދުވާލެއްގެ މައްޗަށް ވެކްސިން ޖަހާފައިވާ 3000 މީހުންނަށް އެގައުމަށް އެތެރެވެވޭނެކަމަށް ބެލެވޭކަމަށް ސިންގަޕޫރުން ވަނީ ބުނެފައެވެ. ސިންގަޕޫރަށް 2019 ވަނަ އަހަރު 1.91 މިލިއަން މީހުން ވަނީ ޒިޔާރަތްކޮށްފައެވެ.
ސިންގަޕޫރަށް ކަރަންޓީނުވުމަކާ ނުލާ އެތެރެވެވޭ ގައުމުތައް އިތުރުކުރުމަށް އެހެން ގައުމުތަކާއެކު ވާހަކަދައްކަމުން އަންނަކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
މިއީ އަލުން ސިންގަޕޫރު ހުޅުވުމާލުމަށް އެގައުމުން އެޅި ބޮޑު ފިޔަވަޅެކެވެ. ދެކުނު އޭޝިޔާއަށް ނިސްބަތްވާ ސިންގަޕޫރަކީ ދުނިޔޭގެ އެންމެ މައި އެއް ވިޔަފާރީގެ ހަބެވެ. އަދި އެތައް ހާސް ކުންފުންޏެއްގެ ހެޑް ކުއަރޓަރސް ހުންނަ ގައުމަކީވެސް ސިންގަޕޫރެވެ.
5.45 މިލިއަން މީހުން ދިރިއުޅެމުން އަންނަ ސިންގަޕޫރުގައި ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު ފާއިތުވި ދުވަސްތަކުގައި ވަނީ 3000ން މަތިވެފައެވެ. އެގައުމުގެ އާބާދީގެ 83 އިންސައްތަ މީހުން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ. އެހެންކަމުން ސިންގަޕޫރު ހިމެނެނީ ދުނިޔޭގެ ނިސްބަތުން ވެސް އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ޖަހާފައިވާ ގައުމުތަކުގެ ތެރޭގައެވެ.
ސިންގަޕޫރުގައި ކޮވިޑްގެ ހާލަތު ގޯސްވަމުންދިޔުމާއެކު ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. ނަމަވެސް ކޮވިޑް ޖެހިގެން ހޮސްޕިޓަލަށް ނުދިޔުމަށް ސިންގަޕޫރު ސަރުކާރުން އެންގުމާއެކު ސިންގަޕޫރުގެ ރައްޔިތުން ވަނީ އެކަމުގެ ނުރުހުން ފާޅުކޮށްފައެވެ.
ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ވިދާޅުވީ ކޮވިޑްގެ ކޭސްތައް ދަށްވެ ވަކި މިންވަރެއްގައި ހިފެހެއްޓުމުން ފިޔަވަޅުތަކަށް ލުއިތައް ދޭނެކަމަށާއި ނިއު ނޯމަލް އަކަށް ދެވޭނެކަމަށެވެ. އެކަމަށް އެންމެ މަދުވެގެން ތިން މަސްދުވަސް ނުވަތަ ފަހަރެއްގައި ހަމަސް ދުވަސް ވެސް ނަގާފާނެކަމަށް ލީ ވިދާޅުވިއެވެ.
ސިންގަޕޫރުގައި ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް ފިޔަވަޅުތައް ވަރުގަދަކުރާއިރު ވެކްސިން ނުޖަހާ މީހުންނަށް ބުދަ ދުވަހުން ފެށިގެން ފިޔަވަޅުތައް ވަރުގަދަކުރާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އޭގެތެރޭގައި މޯލްތަކަށް ވަނުމާއި ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަނަށް ވަނުން ވެކްސިން ނުޖަހާ މީހުންނަށް މަނާކުރާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.