ކ. މާލެ
|
11 އޮކްޓޯބަރ 2021 | ހޯމަ 09:48
ނިއުޒިލެންޑްގެ އޮކްލެންޑްގައި ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް ލޮކްޑައުންކޮށްފައި
ނިއުޒިލެންޑްގެ އޮކްލެންޑްގައި ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް ލޮކްޑައުންކޮށްފައި
ރޮއިޓަރސް
ކޮވިޑް-19 ނިއުޒިލެންޑްގެ ހާލަތު
ނިއުޒިލެންޑްގެ ސިއްހީ މަސައްކަތްތެރިން ކޮވިޑް ވެކްސިން ޖެހުން މަޖުބޫރުކުރަނީ
ނިއުޒިލެންޑްގެ އެންމެ ބޮޑު އެއް ސިޓީކަމުގައިވާ އޮކްލެންޑްގެ ލޮކްޑައުންގެ މުއްދަތު އިތުރު އެއް ހަފްތާއަށް ވަނީ ދިގުދަންމާލާފައި
ނިއުޒިލެންޑްގައި ދެ ޑޯޒް ޖަހާފައިވަނީ ވެކްސިން ޖަހަންޖެހޭ އާބާދީގެ 57 އިންސައްތަ މީހުން
ފިޔަވަޅުތަކަށް ލުއިތައް ދޭނީ ވެކްސިން ޖަހަންޖެހޭ އާބާދީގެ 90 އިންސައްތަ މީހުން ވެކްސިން ޖެހުމުން

ނިއުޒިލެންޑްގައި މަސައްކަތްކުރަމުންދާ ޓީޗަރުންނާއި ސިއްހީ މަސައްކަތްތެރިން އަދި ޑިސެބިލިޓީ ސެކްޓަރގައި މަސައްކަތްކުރާ އެންމެން ކޮވިޑުން ރައްކާތެރިވުމަށް ވެކްސިންޖެހުމަށް މަޖުބޫރުކުރާނެ ކަމަށް ނިއުޒިލެންޑްގެ ބޮޑުވަޒީރު ޖެސިންޑާ އާރޑަން ވިދާޅުވެއްޖެއެވެ.

ނިއުޒިލެންޑްގެ ބޮޑުވަޒީރު މިމޭރުމުން ވާހަކަދައްކަވާފައި މިވަނީ ނިއުޒިލެންޑްގެ އެންމެ ބޮޑު އެއް ސިޓީކަމުގައިވާ އޮކްލެންޑްގެ ލޮކްޑައުންގެ މުއްދަތު އިތުރު އެއް ހަފްތާއަށް ދިގުދަންމާލިކަން ހާމަކުރައްވަމުންނެވެ. ނިއުޒިލެންޑްގައި ހަލުވިކަމާއެކު ފެތުރޭ ޑެލްޓާ ވޭރިއަންޓްގެ ސަބަބުން ކޮވިޑްގެ ހާލަތު ގޯސްވަމުން ދިޔުމާއެކު ވަނީ ކޮވިޑު ފެތުރުން ކޮންޓްރޯލްކުރުމަށް ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ޖެސިންޑާ ވިދާޅުވީ ކޮވިޑް-19ގެ ޕެންޑަމިކްގައި މިހާރު ނިއުޒިލެންޑް އޮތީ އެންމެ އުނދަގޫ ހިސާބުގައިކަމަށެވެ. އެހެންނަމަވެސް މިކަމުން އަރައިގަނެވޭނެ ގޮތް ވަރަށް ސާފުކަމަށާއި ވީހާވެސް ގިނަ ބަޔަކު ވެކްސިން ޖެހުމުން އާންމު ހާލަތަށް ރުޖޫއަވުމަށް ފަސޭހަވެގެންދާނެކަމަށް ޖެސިންޑާ ވިދާޅުވިއެވެ.

ނިއުޒިލެންޑްގެ 2.38 މިލިއަން މީހުން ވަނީ ދެ ވެކްސިން ފުރިހަމަކޮށްފައެވެ. އެއީ ވެކްސިން ޖަހަންޖެހޭ އާބާދީގެ 57 އިންސައްތަ މީހުންނެވެ. މިހާރު އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅުތަކަށް ލުއިތައް ދެވޭނީ ވެކްސިން ޖަހަންޖެހޭ އާބާދީގެ 90 އިންސައްތަ މީހުން ވެކްސިންޖެހުމުން ކަމަށް ނިއުޒިލެންޑް ސަރުކާރުގެ އޮފިޝަލުން އަންނަނީ ވިދާޅުވަމުންނެވެ.

ކޮވިޑް-19 ރެސްޕޯންސް މިނިސްޓަރ ކްރިސް ހިޕްކިންސް ވިދާޅުވީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންނާއި ޑިސެބިލިޓީ ސެކްޓަރގައި މަސައްކަތްކުރާ އެންމެން ޑިސެމްބަރ މަހުގެ 1 ވަނަ ދުވަސް އަންނަންވާއިރަށް ވެކްސިން ޖަހަންޖެހޭނެކަމަށެވެ. އަދި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުގެ ކުރިން ސްކޫލްތަކުގައި ކިޔަވައިދެމުންދާ ޓީޗަރުން ދެ ޑޯޒް ހަމަކުރަންޖެހޭނެކަމަށެވެ.

ވެކްސިންޖެހުން މަޖުބޫރުކުރުމަށް ސިޔާސަތަށް ބަދަލު ގެނެސްފައިވާއިރު ނިއުޒިލެންޑަކީ ކޮވިޑް-19 ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްގެން އުޅޭ ގައުމެކެވެ. އެގައުމުގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 4600ށް އަރާއިރު މަރުވި މީހުންގެ އަދަދަކީ 28އެވެ.

އޮކްލެންޑްގައި ކޮވިޑްގެ ހާލަތު ގޯސްވަމުންދިޔުމާއެކު 1.7 މިލިއަން މީހުން ދިރިއުޅެމުން އަންނަ އޮކްލެންޑް ލޮކްޑައުން ކުރީ އޮގަސްޓް މަހުގެ މެދުތެރޭގައެވެ.

އޮކްލެންޑްގައި ކޮވިޑްގެ ހާލަތު ރަނގަޅުވަމުން ދިޔުމާއެކު މިދިޔަ ހަފްތާގައި ވަނީ ފިޔަވަޅުތަކަށް ލުއިތައް ދީފައެވެ. އޭގެތެރޭގައި ގެއިން ބޭރަށް ނިކުމެ އުޅުމާއި 10 މީހުންނަށް ވުރެ ގިނައިން އެއްވެ ނޫޅުން ހިމެނެއެވެ. އަދި ޕާކުތަކަށް ދިޔުމުގެ ހުއްދަވެސް ވަނީ ދީފައެވެ.

- ކޮމެންޓް