ކޮވިޑް-19ށް ރަޝިޔާއިން އުފެއްދި ވެކްސިން ކަމުގައިވާ ސްޕަޓްނިކް ވީ ވެކްސިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ އެމަރޖެންސީ ލިސްޓަށް ލުމުގެ ކަންކަން މިހާރު ހައްލުވަމުންދާ ކަމަށާއި ކައިރި ހިސާބެއްގައި އެކަން ހަމަޖެހިގެންދާނެކަމަށް ޑަބްލިޔުއެޗްއޯގެ ސްޕޯކްސްޕާސަން ފަޑޭލާ ޗެއިބް ވިދާޅުވެއްޖެއެވެ.
ސްޕަޓްނިކް ވީ ވެކްސިނަށް އެމަރޖެންސީ ހުއްދަ ދިނުމުގައި ހުރި މައްސަލަތައް މަޑުމަޑުން ހައްލުވަމުން އަންނަކަމަށް ސްޕޯކްސްޕާސަން ވިދާޅުވިއެވެ.
ރަޝިޔާގެ ސްޕަޓްނިކްވީ ވެކްސިން ޑަބްލިޔުއެޗްއޯގެ އިމަރޖެންސީ ލިސްޓުގައި ހިމެނުމާއި ގުޅޭގޮތުން ރަޝިޔާގެ ހެލްތު މިނިސްޓަރ މީކާއީލް މުރަޝްކޯ ދާދިފަހުން ވިދާޅުވެފައިވަނީ ވެކްސިން ރަޖިސްޓްރީކުރުމަށް ކުރަންޖެހޭ ގިނަކަންކަން މިހާރު ނިމިފައިވާކަމަށެވެ. އަދި މިހާރު ނުނިމި ހުރީ ކަރުދާހުގެ މަދު މަސައްކަތްތަކެއް ކަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.
ސްޕަޓްނިކް ވީ ވެކްސިން ރަޝިޔާގައި ބޭނުންކުރަމުން އަންނައިރު ދުނިޔޭގެ 70ށް ވުރެ ގިނަ ގައުމުގައި ވެސް އަންނަނީ ބޭނުންކުރަމުންނެވެ. މިވެކްސިން އެމަރޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ދިނުމުގެ ރިވިއުތައް ޑަބްލިޔުއެޗްއޯގެ އިތުރުން ޔޫރަޕިއަން މެޑިސިން އެޖެންސީ (އީއެމްއޭ)ގައި އަދިވެސް ވަނީ ކުރިޔަށެވެ. މިވެކްސިނަށް އެމަރޖެންސީ ހުއްދަ ލިބުމާއެކު ޔޫރަޕްގެ ގައުމުތަކުގައި މިވެކްސިންގެ މާކެޓް ހުޅުވިގެންދާނެއެވެ.
ހެލްތު މިނިސްޓަރ މީކާއީލް ވިދާޅުވީ ޑަބްލިޔުއެޗްއޯގައި ވެކްސިން ރަޖިސްޓްރީކުރުމަށް ބޭނުންވަނީ މަދު ޑޮކިޔުމެންޓްތަކެއްގައި ސޮއިކުރުމަށްކަމަށެވެ. އަދި އިތުރު ޑޮކިޔުމަންޓްތަކެއް ޑަބްލިޔުއެޗްއޯއަށް ހުށަހަަޅަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޑަބްލިޔުއެޗްއޯއިން މިއަހަރުގެ ޖުލައި މަހު ބުނެފައިވަނީ ސްޕަޓްނިކް ވީ ވެކްސިން ގައި ބައެއް މައްސަލަތައް ހުރިކަމަށް ރިވިއުކުރަމުންދިޔައިރު ފާހަގަވިކަމަށެވެ.