މެއި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ހަށިކޮޅަށް 10 ރޭޒާފުށް ވަދެ މުހިންމު ގުނަވަންތައް ފޫއަޅުވާލިއެވެ. ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށްގެން ގޮއްވާލުމަށްފަހު ދިން މިހަމަލާގައި ލިބިވަޑައިގެންނެވި ޒަޚަމްތަކުން އެމަނިކުފާނުގެ ފުރާނަފުޅު ސަލާމަތްކުރުމަށް އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން ވަނީ 16 ގަޑިއިރުގެ ދިގު އޮޕަރޭޝަނެއް ކޮށްފައެވެ. އެއަށްފަހު އިތުރު ފަރުވާ ހޯއްދެވުމަށް މެއި މަހުގެ 13 ވަނަ ދުވަހު ރައީސް ނަޝީދު ވަނީ ޖަރުމަނުވިލާތަށް ވަޑައިގެންފައެވެ. ޖަރުމަނުވިލާތުގައި ވެސް އިތުރު އޮޕަރޭޝަންތަކެއް ކޮށްފައިވެއެވެ. އެގޮތުން ފައިގެ އޮޕަރޭޝަނެއް ކުރެވިފައިވާކަމަށް ރައީސް ނަޝީދުގެ އާއިލާއިން ވަނީ ބުނެފައެވެ. ޖަރުމަނުވިލާތުން ފަރުވާ ހޯއްދެވުމަށްފަހު ދެން ވަޑައިގެންނެވީ އިނގިރޭސިވިލާތަށެވެ.
ހަމަލާއަށް 5 މަސްދުވަސް ވެފައިވާއިރު އެކިފަހަރުމަތިން ރާއްޖެ ވަޑައިގަންނަވަން ބޭނުންފުޅުވެ އެވާހަކަފުޅު ދައްކަވާފައިވެއެވެ. ނަމަވެސް އެންމެފަހުން ސެޕްޓެމްބަރ މަހުގެ 5 ވަނަ ދުވަހު ރާއްޖޭގެ ނޫސްވެރިންނާއި ވަރޗުއަލްކޮށް ބައްދަލުކުރައްވާ ކުރިޔަށްގެންދިޔަ ބައްދަލުވުމުގައި ވިދާޅުވީ ރާއްޖެއަށް ވަޑައިގެންނެވޭނެ ސީދާ ދުވަހެއް ވިދާޅުވާން ދަތިކަމަށެވެ. ކޮންމެ ތިން ހަފްތާއިން އެއްފަހަރު ޑޮކްޓަރަށް ދެއްކުމަށް އަންގާފައިވާ ކަމަށް އެދުވަހު ވިދާޅުވިއެވެ. އަދި ސެޕްޓެންބަރު މަހު ފަހުކޮޅު ރާއްޖެއަށް ވަޑައިގެންނެވޭނެ ކަމަށް އުންމީދު ކުރެއްވި ނަމަވެސް ރާއްޖެ ވަޑައިގެންނެވޭނެ ދުވަސް ލަސްވާނެ ކަމަށް ވިދާޅުވިއެވެ. ސީދާ ވަޑައިގެންނެވޭނެ ދުވަހެއް ދަންނަވަން ދަތިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އޭގެކުރިން ސެޕްޓެމްބަރ މަހު ރާއްޖެވަޑައިގެންނެވޭނެ ފަދަ ގޮތަކަށް ވަނީ ވާހަކަ ދައްކަވާފައެވެ. ނަމަވެސް ސިއްހީ ހާލުކޮޅު ހުރިގޮތުންނާއި ޑޮކްޓަރަށް ދައްކަން އަންގާފައިވާތީ ރާއްޖެ އެހާ އަވަހަށް އާދެވުމަކީ ވާނެކަމެއްކަމަށް އެމަނިކުފާނު ގަބޫލުފުޅެއް ނުކުރައްވައެވެ.
ރައީސް ނަޝީދުގެ ހާލުކޮޅާއި ގުޅޭގޮތުން ސެޕްޓެމްބަރ މަހުގެ 5 ވަނަ ދުވަހު ވިދާޅުވީ ހާލުކޮޅާ ކުރިއަށްވުރެ މާބޮޑަށް ރަނގަޅު ކަމަށެވެ. ހިނގާބިގާވެ އުޅެވޭ ކަމަށާއި، އަމިއްލައަށް ކަންކަން ކުރެވޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް ކަނާއަތުގެ ތިން އިނގިލީގައި އައްސިކަން ހުންނާތީ އެތިން އިނގިލީގެ ބޭނުން ނުހިފޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެކުރިން އެމްޑީޕީގެ އަހަރީ ދުވަހާ ދިމާކޮށް އެމްޑީޕީގެ ކްލަބްހައުސް ހަރުގެ ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޖޫން މަހުގެ 26 ވަނަ ދުވަހުގެ ރޭ އެމަނިކުފާނުގެ ސިއްހީ ހާލުކޮޅާއި ގުޅޭގޮތުން ވިދާޅުވެފައިވަނީ އިނގިއްޔާއި ކަންފަތާއި ފައިގައި މައްސަލަ އުޅޭކަމަށެވެ. އަދި ކަނާތުގެ ތިން އިނގިއްޔެއް އައްސިވެފައި ހުންނަކަމަށް އެދުވަހުވެސް ނަޝީދު ވިދާޅުވިއެވެ. މީގެއިތުރުން ވާތު ކަންފަތުގައި އަޑުއިވުމުގައި ދަތިތަކެއް އެބަހުރިކަމަށް ނަޝީދު ވިދާޅުވިއެވެ. ވާތު ކަންފަތުގެ ތޫލިއަށް ލިބިފައި ހުރި ގެއްލުމާއި ގުޅިގެން އިތުރު އޮޕަރޭޝަނެއް ނޮވެމްބަރ މަހު ކުރަން ޖެހިފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ.
މިއީ މިހާތަނަށް އައިއިރު ރައީސް ނަޝީދުގެ ސިއްހީ ހާލުކޮޅާއި ގުޅޭގޮތުން ދައްކަވާފައިވާ މުހިންމު ބައެއް ވާހަކަތަކެވެ. އަނެއްކޮޅުން ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް އޮގަސްޓްމަހުގެ 16 ވަނަ ދުވަހު ފަށާފައިވާއިރު ރައީސް ނަޝީދު ވަނީ ޗުއްޓީގެ މުއްދަތު އިތުރުކޮށްދެއްވުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް އީވާ އަބްދުﷲ އަށް ސިޓީފުޅެއް ފޮނުއްވާފައެވެ. ރައީސް ނަޝީދު އެނބުރި ވަޑައިގަންނަވާނެ ދުވަހެއް ދަންނަވަންދަތި ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާއިރު އެނބުރި ވަޑައިގަތުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅު ފެންނަ ވީޑިއޯއެއް އެމަނިކުފާނުގެ ކޮއްކޯފުޅު ނަޝާތު ސައްތާރު ވަނީ ޓްވިޓަރ އަށް ދޫކޮށްލައްވާފައެވެ. ފަސްމަސް ދުވަސް ފަހުން ޓްރެޑްމިލް މަތީގައި ދުވެވަޑައިގަންނަވަނިކޮށް ނަގާފައިވާ މިވީޑިއޯއާއެކު އެމަނިކުފާނު އެނބުރި ވަޑައިގަތުމަށް ކުރައްވާ މަސައްކަތްޕުޅު މިވަނީ ފެނިގެންގޮސްފައެވެ.
މިވީޑިއޯއިން ފެނިގެންދަނީ ލިބިވަޑައިގެންނެވި އަނިޔާތަކުން އަރައިގަތުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ހިތްވަރުގަދަ މަސައްކަތެވެ. މިވީޑިއޯއާއެކު ހަމަގައިމުވެސް ރައީސް ނަޝީދުގެ ސަޕޯޓަރުންގެ ހިތްވަރު ވަނީ އައުވެގެން ގޮސްފައެވެ. އެވީޑިއޯއަށް އެމަނިކުފާނުގެ ސަޕޯޓަރުން ކޮށްފައިވާ ޓްވީޓްތަކަށް ބަލާލުމުންވެސް އެކަން އެނގިގެންދެއެވެ. "ހިތްވަރު ގަދަ"، "އުފާވެރި މަންޒަރެއް" ފަދަ ޓްވީޓްތައް ސަޕޯޓަރުން ކޮށްފައިވެއެވެ. އަދި ރައީސް ނަޝީދު އެނބުރި ގައުމަށް ވަޑައިގަތުމަށް އެދިވެސް ސަޕޯޓަރުން ޓްވީޓްކޮށްފައިވެއެވެ. "މިހާވަރަށް ފިޓް ވެއްޖިއްޔާ ގައުމަށް އެނބުރި އަންނަން ރަނގަޅުކަމަށް" މީހަކު ކޮށްފައިވާ ޓްވީޓަކަށް ޖަވާބު ދެމުން އެހެން މީހަކު ބުނެފައިވަނީ "ރައީސް ފިޓޭ، ރާއްޖެ އާއި ރާއްޖޭގެ ސެކިޔުރިޓީ ފިޓް ނުވެގެން މިއުޅެނީ" ކަމަށެވެ.
ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއަށްފަހު އެމަނިކުފާނުގެ ސެކިޔުރިޓީ ކަންކަން އެއީ އެމަނިކުފާނުވެސް ވާހަކަދައްކަވާފައިވާ އަދި އެމަނިކުފާނުގެ ސަޕޯޓަރުންވެސް އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންދާ އެއް ކަމެވެ. އެމަނިކުފާނު ވަނީ ހަމަލާއެއްގެ ބިރު އޮތްކަމަށް ވިދާޅުވެ މީގެކުރިން ވާހަކަފުޅު ދައްކަވާފައެވެ. މެއި 6 ގައި ދިން ހަމަލާއަކީ، އެހަމަލާ ހިންގި މީހުންނާ ހަމައިން އެކަނި ނިމޭނެ ކަމެއް ނޫންކަމަށާއި، އެއީ ބޮޑު ނެޓްވޯކަކުން ކޮށްފައިވާ ކަމެއް ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ. އަދި އެ އެންމެން ހައްޔަރުކޮށް ފިޔަވަޅު އެޅިފައިވާކަމަށް ގަބޫލު ނުކުރައްވާކަމަށް ވެސް ވިދާޅުވިއެވެ. މީގެއިތުރުން އެމަނިކުފާނުގެ ސެކިޔުރިޓީގެ ކަންކަމާއި ގުޅިގެން އެނބުރި ވަޑައިގަތުން ރަނގަޅު ނޫންކަމަށް ބުނެ ބައެއް ސަޕޯޓަރުން ވާހަކަދައްކާފައިވެއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ސެކިޔުރިޓީ ފެއިލްވި ގޮތުގެ އިންކުއަރީއެއް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ވަނީ ކުރިޔަށް ގެންގޮސްފައެވެ. އަދި ރިކޮމެންޑޭޝަންތަކެއްވެސް ވަނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައެވެ.
ރައީސް ނަޝީދަށް ހަމަލާދިނުމުގައި ބައިވެރިވާ މީހުން ހައްޔަރުކޮށް މިހާރު ވަނީ ޝަރީއަތް ފަށާފައެވެ.