ކ. މާލެ
|
8 އޮކްޓޯބަރ 2021 | ހުކުރު 12:50
ހިޔާ މަޝްރޫއުގެ ފްލެޓްތައް،
ހިޔާ މަޝްރޫއުގެ ފްލެޓްތައް،
އަމްނާ އިމާދު
ފެން ބިލް ބޮޑުވުން
ހިޔާ ފްލެޓްތަކުގެ ތެރެއިން ބައެއް ފްލެޓުތަކުގެ ފެން ބިލް ބޮޑުވީ ފެން ލީކުވުމުގެ މައްސަލައަކުން: އެމްޑަބްލިޔުއެސްސީ
 
ފެން ލީކެއް އުޅޭތޯ ބެލުމަށް އިލްތިމާސްކޮށްފައިވޭ
 
ބެލިބެލުމުން ސިސްޓަމުން 16 ފްލެޓްގައި ގަބޫލުނުކުރެވޭ ވަރަށް ފެން ބޭނުން ކުރެވިފައި ހުރިކަން ފާހަގަވި
 
ކަމާ ބެހޭ އިދާރާތަކާ ގުޅިގެން އެމައްސަލަ ހައްލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން

ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ތެރެއިން ބައެއް ފްލެޓުތަކުގެ ފެން ބިލް އާދަޔާ ޚިލާފަށް ބޮޑުވީ ފެން ލީކުވުމުގެ މައްސަލައަކުން ކަމަށް މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ން ބުނެފިއެވެ

އެމްޑަބްލިޔުއެސްސީން ބުނީ ހިޔާ ފްލެޓުތަކުގެ ތެރެއިން ބައެއް ފްލެޓުތަކުގެ ފެން ބިލު އާދަޔާ ޚިލާފަށް ބޮޑުވި މައްސަލަ ދެނެގަތުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާތަނަށް ބެލިބެލުމުން ފެން ލީކުވުމުގެ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ. އެމްޑަބްލިޔުއެސްސީން ބުނީ ފެން ބިލު ބޮޑުވެފައިވާކަން ފާހަގަވި ފްލެޓުތަކުގެ ވެރިފަރާތަށް ގުޅައި، ކަމާ ބެހޭ އިދާރާތަކާ ގުޅިގެން އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފްލެޓުގައި ދިރިއުޅޭ މީހުން، ފެން ލީކެއް އުޅޭތޯ ބެލުމަށް އިލްތިމާސްކޮށް އެމްޑަބްލިޔުއެސްސީން ބުނީ ފެން ވަޔަރިން އަޅާފައިވާ ގޮތުންނާއި، ވޭލްވްތަކުން އަދި އިސްކުރުތަކުން ފެން ލީކުވެފައިވާ މައްސަލަތައް ފާހަގަކުރެވިފައިވާ ކަަމަށެވެ. އެގޮތުން ފްލެޓްގެ ވޭލްވްތައް އަދި އިސްކުރުތައް ރަނގަޅަށް ބާރުކޮށް އަމިއްލައަށް މީޓަރު އެނބުރޭތޯ ބެލުމަށް އެދިފައިވެއެވެ.

ހިޔާ ފްލެޓްތަކުގެ ފެން ބިލް ބޮޑުވެފައިވާ މައްސަލައާ ގުޅޭގޮތުން މީގެ ކުރިން އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެފައިވަނީ ހިޔާ ފްލެޓްގެ އެއްވެސް އެޕާޓްމަންޓަކަށް އަދި ބިލް ނުފޮނުވާ ކަމަށެވެ. ގަބޫލުނުކުރެވޭ ވަރަށް ފެން ބޭނުން ކުރެވޭކަން ކުންފުންޏަށް ފާހަގަވާނަމަ އެކަން އަބަދުވެސް ބަލާ ކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން ބެލިބެލުމުން ސިސްޓަމުން 16 ފްލެޓްގައި ގަބޫލުނުކުރެވޭ ވަރަށް ފެން ބޭނުން ކުރެވިފައި ހުރިކަން ފާހަގަވި ކަމަށް ޝާހު ވިދާޅުވިއެވެ.

ބަޔަކު ބޭނުން ނުކުރާ ޚިދުމަތަކަށް ޗާޖު ކުރުމަކީ ކުންފުނިން ކުރަން ބޭނުންވާ ކަމެއް ނޫންކަން ފާހަގަކުރައްވައި ޝާހު ވިދާޅުވީ މިކަންތައްތަކުގައި އެހެން އިދާރާތަކާއެކު ވެސް މަޝްވަރާ ކުރެއްވި ކަމަށެވެ. ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ހިޔާ ފްލެޓްގެ ކަންތައްތައް ކުރިއަށް ގެންދިޔަ ގޮތުން މިހާރު އެކަމުގެ ދަތިތައް ފެންނަން ފަށާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ފްލެޓްގެ ފެން ލީކެއް އުޅޭކަން ފާހަގަކުރެވޭނަމަ، ހޮޓްލައިން ނަމްބަރު 105 މެދުވެރިކޮށް އެކަން ކޯލް ސެންޓަރަށް ހުށަހެޅޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް