ޖަޕާނުގެ ވެރިރަށް ޓޯކިޔޯއަށް 6.1 މެގްނިޓިޔުޑްގެ ބިން ހެލުމެއް އަތުވެއްޖެއެވެ.
ޓޯކިޔޯއާއި ޓޯކިޔޯ ވަށައިގެންވާ ސަރަހައްދަށް އައި ބިންހެލުމާ ގުޅިގެން ކަރަންޓު ކަނޑައިގެންގޮސްފައިވެއެވެ. އަދި ބައެއް ރޭލު ދަތުރުތައް ހުއްޓުމަކަށް އައިނަމަވެސް މާބޮޑު ގެއްލުމެއް ނުވާކަމަށް ޖަޕާނުގެ ޕަބްލިކް ބްރޯޑްކާސްޓަރ އެންއެޗްކޭއިން ވަނީ ރިޕޯޓްކޮށްފައެވެ. މި ބިންހެލުން ރިކޯޑްކޮށްފައިވަނީ ސްކޭލް ލެވެލް 5 ގައެވެ. އެލެވެލްގައި ބައެއް އިމާރާތްތަކަށް ގެއްލުންލިބި ކަރަންޓު ކަނޑައިގެންދާނެކަމަށް ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އެޖެންސީން ވަނީ ބުނެފައެވެ.
މިބިންހެލުމާ ގުޅިގެން ސުނާމީ އެއް އަތުމުގެ ފުރުސަތެއް ނެތްކަމަށް އެންއެޗްކޭއިން ވަނީ ރިޕޯޓްކޮށްފައެވެ.
ސަރުކާރުން ވަނީ ގެއްލުންލިބުނު ފަރާތްތަކަށް ޚާއްސަކޮށްގެން އިމަރޖެންސީ ރެސްޕޮންސް ޓާސްކް ފޯހެއް އެކުލަވާލާފައެވެ.
ޖަޕާނުގެ އައު ބޮޑުވަޒީރު ފުމިއޯ ކިޝިދާ ވަނީ ވީއެންމެ އަވަހަކަށް ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް ޓާސްކ ފޯސްއަށް އަންގަވާފައެވެ.
ބިންހެލުމުގައި އިމާރާތްތައް ވެއްޓިގެން ހަތަރު މީހަކަށް އަނިޔާވިކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ކަރަންޓުކަނޑައިގެން ދިޔުމުގެ 250 ކޭހެއް ރިޕޯޓްކޮށްފައިވެއެވެ.
ބިންހެލުމަކީ ޖަޕާނަށް ވަރަށް އާންމު ކަމެކެވެ. މުޅި ދުނިޔެއަށް އަންނަ ބިންހެލުންތަކުގެ ތެރެއިން ރެކްޓަރ މިންގަނޑުން 6 އާއި އެއަށްވުރެ މަތި މެގްނިޓިޔުޑްގައި އަންނަ ބިންހެލުންތަކުގެ 20 އިންސައްތަ އަކީ ޖަޕާނަށް އަންނަ ބިންހެލުންތަކެވެ.