Advertisement
ކ. މާލެ
|
6 އޮކްޓޯބަރ 2021 | ބުދަ 22:42
ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަނީ
ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަނީ
ރައީސް އޮފީސް
ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވުން
ދިވެހި ދައުލަތަށް ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ އަގު ގައުމީ ފެންވަރެއްގައި ވަޒަންކުރަނީ!
އަންނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެބޭފުޅުންގެ އަގުވަޒަން ކުރައްވާނެ
މިއީ ދިވެހި ކާބަފައިންގެ އެތައް ޖީލެއްގެ ފުށުން ވާރުތަކުރި ވަރަށް މަތިވެރި އަމާނާތެއް
މި އަމާނާތަށް ވަފާތެރިވުމަކީ، ކޮންމެ ދިވެއްސެއްގެ ކޮނޑުގައި އެޅިފައިވާ ގައުމީ ވާޖިބެއް

ދިވެހި ދައުލަތަށް ވަރަށް ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނާއި މިހާރު ޚިދުމަތުގައި ދެމި ތިއްބެވި ބޭފުޅުންގެ ޚިދުމަތުގެ އަގު ގައުމީ ފެންވަރެއްގައި ވަޒަންކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދައުލަތުގެ ފަރާތުން ގައުމީ އިނާމާއި ޚާއްސަ އިނާމު ދެމުން އަންނައިރު، ދިވެހި ދައުލަތަށް ވަރަށް ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނާއި އަދި މިހާރު ޚިދުމަތުގައި ދެމި ތިއްބެވި ބޭފުޅުންގެ ޚިދުމަތުގެ އަގު، ގައުމީ ފެންވަރުގައި ވަޒަން ކޮށްފައި ނުވާ ކަމަށެވެ.

Advertisement

އެހެންކަމުން، އަންނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި، އެފަދަ ބޭފުޅުންގެ ޚިދުމަތުގެ އަގު ގައުމީ ފެންވަރުގައި ވަޒަންކުރަން ފެށުމަށް މިހާރު ނިންމާފައިވާ ކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މިއީ ދޮށީ ގައުމިއްޔަތެއް ކަމަށާއި، މިއީ ދިވެހި ކާބަފައިންގެ އެތައް ޖީލެއްގެ ފުށުން ވާރުތަކުރި ވަރަށް މަތިވެރި އަމާނާތެއް ކަމަށެވެ. މި އަމާނާތަށް ވަފާތެރިވުމަކީ، ކޮންމެ ދިވެއްސެއްގެ ކޮނޑުގައި އެޅިފައިވާ ގައުމީ ވާޖިބެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑުމެން މިރޭ މިތަނަށް އެއްވެ މިތިބީ، ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަސް ފާހަގަކުރަން. އެއީ އުތީމު މަހާރަދުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވި ދުވަސް. އެ ތާރީޚީ ދުވަހަކީ ހިޖްރައިން 981 ވަނަ އަހަރުގެ ރަބީޢުލް އައްވަލް މަހުގެ ފުރަތަމަ ދުވަސް. އެ ތާރީޚުން ގުނާއިރު މިއަދު އަޅުގަނޑުމެން މިފާހަގަކުރަނީ، ބޮޑުތަކުރުފާނު ރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވިތާ 462 އަހަރު ފުރޭ، 463 ވަނަ ޤައުމީ ދުވަސް. އަޅުގަނޑުމެން މިއަދު މިފާހަގަކުރަނީ، ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އޮތް އޮތުމަށާއި، އަޅުގަނޑުމެންގެ އަމިއްލަ މިނިވަންކަމަށާއި ސިޔާދަތަށް، އަދި ދިވެހިންގެ ޤައުމިއްޔަތަށާއި ދިވެހިންގެ ދީނީ ޢަޤީދާއަށްވެސް، އެންމެ ބޮޑު ނަޞްރެއް ލިބުނު ދުވަސް. ދިވެހިންގެ އަމިއްލަވަންތަކަމަށާއި އެއްބައިވަންތަކަމަށްވެސް އެންމެ ބޮޑު ކުރިއެރުމެއް ގެނެސްދިން ދުވަސް.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު

ސަރުކާރުން މަސައްކަތް ކުރަނީ ރާއްޖެއާއި ބައިނަލްއަގުވާމީ މުޖްތަމައާ ދެމެދު ވަރަށް ބަދަހި ގުޅުމެއް ދެމެހެއްޓުމަށްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސަރުކާރުގެ މި ސިޔާސަތު ތަންފީޒު ކުރުމުގައި ރާއްޖޭގެ ޚާރިޖީ ވަޒީރުގެ ހައިސިއްޔަތުން، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޝާހިދު ކޮށްދެއްވި އަދި މިހާރުވެސް ކޮށްދެއްވާ މަސައްކަތްޕުޅުތަކަކީ ތައުރީފު ހައްގު މަސައްކަތްޕުޅު ތަކެއް ކަމަށެވެ. އަދި އ.ދ.ގެ އާންމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގެން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅުތަކަށްޓަކައި ވެސް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި 4 ބޭފުޅުންނަށާއި، ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި 14 ބޭފުޅުންނަށް, އަދި މަތީ ދަރަޖަ ހޯއްދަވައިގެން ޚާއްސަ އިނާމު ހާސިލު ކުރެއްވި ރާއްޖޭގެ ޒުވާން އިލްމީ ބޭފުޅުންނަށް ރައީސް ވަނީ ތަހުނިޔާ ވިދާޅުވެފައެވެ.

ކީރިތި ގުރްއާން ހިތުދަސްކޮށް، 1 ވަނަ ދަރަޖައިގައި ފާސްވެ، ޚާއްސަ މެޑަލް ހާސިލު ކުރެއްވި 11 ޙާފިޡުންނަށް ވެސް މަރުހަބާ ވިދާޅުވެފައިވެއެވެ. އަދި 1 ވަނަ ދަރަޖައިގައި މި އަހަރު ފާސްވި ޙާފިޡުންގެ އަދަދު އިތުރުވެފައިވެފައިވާކަން ފާހަގަކުރައްވައި، ކީރިތި ޤުރްއާން ހިތުދަސްކޮށްދެއްވުމަށް މައިންބަފައިންނާއި، ބެލެނިވެރިންނާއި، މުދައްރިސުން ކޮށްދެއްވި މަސައްކަތްޕުޅުތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ ގައުމީ އިނާމާބެހޭ ކޮމިޓީން ކޮށްދެއްވި ބުރަ މަސައްކަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް