ކ. މާލެ
|
3 އޮކްޓޯބަރ 2021 | އާދީއްތަ 03:01
އެތުލެޓިކޯ އާއި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން
އެތުލެޓިކޯ އާއި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ސްޕެނިޝް ލީގު
ސުއަރޭޒްގެ ލަނޑާއެކު އެތުލެޓިކޯއިން ބާސާ ބަލިކޮށްފި
ތާވަލުގެ ދެވަނައިގައި އެތުލެޓިކޯ އޮތީ 17 ޕޮއިންޓާއެކު
ބާސާ އަތުން އެތުލެޓިކޯ މޮޅުވީ 2-0 ގެ ނަތީޖާއަކުން

ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގައި ލުއިސް ސުއަރޭޒް ކާމިޔާބުކުރި ލަނޑާއެކު އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑުން ބާސެލޯނާ ބަލިކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އެތުލެޓިކޯ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުން ބާސާ ބަލިވިއިރު، އެ ޓީމުން އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އަދި މިއީ އެ ހަ މެޗުގެ ތެރެއިން ބަލިވި ތިންވަނަ މެޗެވެ. އެއާއެކު ބާސާގެ ކޯޗު ރޮނާލްޑް ކޫމަނަށް ޕްރެޝަރު ބޮޑުވެފައިވާއިރު، ލީގުގައި ކަޑިޒް މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން މި މެޗުގައިވެސް އޭނާއަށް ޓީމަށް އިރުޝާދުދިނުމުގެ ފުރުސަތު ލިބިފައެއް ނުވެއެވެ.

ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގައި އެތުލެޓިކޯއިން ލީޑު ނަގާފައިވަނީ މެޗުގެ 23 ވަނަ މިނެޓުގައެވެ. ސުއަރޭޒް ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ތޯމަސް ލެމާއެވެ. އަދި ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ލެމާ ތަނަވަސްކޮށްދިން ފުރުސަތަކުން ސުއަރޭޒް ވަނީ ލަނޑެއް ޖަހައި، އެތުލެޓިކޯގެ ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގައި އުމުރުން 34 އަހަރުގެ ސުއަރޭޒް ލަނޑު ޖެހިއިރު، އޭނާއަކީ އެ ޓީމުގެ ކޯޗު ކޫމަނުގެ ޕްލޭނުގައި ނުހިމެނޭތީ، މިދިޔަ އަހަރު ބާސާއިން ވިއްކާލި ކުޅުންތެރިއެކެވެ. ރިޕޯޓުތައް ބުނާ ގޮތުން ސުއަރޭޒަށް ބާސާއިން ފުރުސަތެއް ނެތްކަން ކޫމަން އެންގީ ފޯނު ކޯލަކުންނެވެ. އެއާއެކު ބާސާއާ ދެކޮޅަށް ލަނޑު ޖެހުމަށްފަހު ސުއަރޭޒް ވަނީ އަތުގެ އިޝާރާތުން ކޯލެއް ނަގާ މަންޒަރު ދައްކާލާފައެވެ.

ބާސާ އަތުން ހޯދި މޮޅާއެކު އެތުލެޓިކޯ އޮތީ ތާވަލުގެ ދެވަނައިގައި ކުޅުނު އަށް މެޗުން ލިބުނު 17 ޕޮއިންޓާއެކުއެވެ. ތާވަލުގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑަށް ހަތް މެޗުން 17 ޕޮއިންޓް ލިބިފައިވާއިރު، އާދީއްތަ ދުވަހުގެރޭ އެސްޕަންޔޯލް ބަލިކޮށްގެން ރެއާލަށް އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނެގޭނެއެވެ. މީގެ އިތުރުން އެތުލެޓިކޯ އަތުން ބަލިވި ބާސާ އޮތީ ތާވަލުގެ ނުވަވަނައިގައި 12 ޕޮއިންޓާއެކުއެވެ.

- ކޮމެންޓް