އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ސައުތެމްޓަން ބަލިކޮށް ތާވަލުގެ އެއްވަނައަށް ޗެލްސީ ޖެހިލައިފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޗެލްސީ މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ޗެލްސީންނެވެ. މެޗު ފަށައިގެން ނުވަވަނަ މިނެޓުގައި ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޓްރެވޯ ޗަލޯބާއެވެ. އަދި ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ޓިމޯ ވާނާ ޗެލްސީއަށް ލަނޑެއް ޖަހައިދިން ނަމަވެސް، އޭގެ ކުރިން ސައުތެމްޓަނުގެ ކައިލް ވޯކާ-ޕީޓާސްއަށް ޗެލްސީގެ ސެޒާ އަޒްޕިލިކުއޭޓާ ފައުލުކުރުމުން، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ.
މި މެޗުގައި ސައުތެމްޓަނުން ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 61 ވަނަ މިނެޓުގައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޭމްސް ވޯޑް-ޕްރައުސްއެވެ. މިއީ އޭރިއާ ތެރެއިން ސައުތެމްޓަނުގެ ޓީނޯ ލިވްރަމެންޓޯއަށް ޗެލްސީގެ ބެން ޗިލްވެލް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.
އެކަމަކު މި މެޗުގައި ސައުތެމްޓަނަށް މައްސަލަތަކެއް ކުރިމަތިވީ މެޗުގެ 77 ވަނަ މިނެޓުގައި ވޯޑް-ޕްރައުސްއަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. ވީއޭއާރް ބެލުމަށްފަހު ވޯޑް-ޕްރައުސްއަށް ރަތް ކާޑު ދެއްކީ ޗެލްސީގެ ޖޯޖީނިއޯއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.
އެއާއެކު މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް އަޒްޕިލިކުއޭޓާ ދިން ބޯޅައަކުން ވާނާ ވަނީ ލަނޑެއް ޖަހައި، ޗެލްސީއަށް އަލުން ލީޑު ނަގައިދީފައެވެ. މިއީ މި ފަހަރު ލީގުގައި ވާނާ ޖެހި ފުރަތަމަ ލަނޑެވެ. އަދި އޭގެ ފަސް މިނެޓު ފަހުން ޗެލްސީއަށް ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ޗިލްވެލްއެވެ.
މި މޮޅާއެކު ތާވަލުގެ އެއްވަނައަށް ޗެލްސީ ޖެހިލީ ކުޅުނު ހަތް މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ. ތާވަލުގެ ދެވަނައިގައި އޮތް ލިވަޕޫލަށް ހަ މެޗުން 14 ޕޮއިންޓް ލިބިފައިވާއިރު، އާދީއްތަ ދުވަހުގެރޭ މެންޗެސްޓާ ސިޓީ އަތުން މޮޅުވެގެން ލިވަޕޫލަށް އަލުން އެއްވަނައަށް އެރޭނެއެވެ. މީގެ އިތުރުން ތާވަލުގެ ތިންވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާއި، ހަަތަރުވަނައިގައި އޮތް އެވަޓަނަށް ވަނީ ހަތް މެޗުން 14 ޕޮއިންޓް ލިބިފައެވެ.