ކ. މާލެ
|
2 އޮކްޓޯބަރ 2021 | ހޮނިހިރު 08:26
ފަތުރުވެރިންގެ މެދުގައި މަގުބޫލު މޮރިޝަސް
ފަތުރުވެރިންގެ މެދުގައި މަގުބޫލު މޮރިޝަސް
އައިއެންޕީ
ކޮވިޑް-19 މޮރިޝަސްގެ ހާލަތު
ފަތުރުވެރިންނަށް މޮރިޝަސް ހުޅުވާލައިފި
މޮރިޝަސް އަލުން މިހުޅުވާލީ 18 މަސްދުވަސް ފަހުން
މޮރިޝަސްގެ 68 އިންސައްތަ މީހުން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި

ކޮވިޑްގެ ސަބަބުން އެތައް މަސްތަކެއްވަންދެން ބަންދުކޮށްފައިވާ މޮރިޝަސް ފަތުރުވެރިންނަށް ހުޅުވާލައިފިއެވެ.

ހުކުރު ދުވަހު މޮރިޝަސް ފަތުރުވެރިންނަށް ހުޅުވާލާފައިވާއިރު ކޮވިޑްގެ ސަބަބުން އެގައުމުގެ ފަތުރުވެރިކަމަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. މޮރިޝަސް ހުޅުވާލާފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުއެވެ.

ބުރާސްފަތި ދުވަހު ކުރިޔަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މޮރިޝަސްގެ ބޮޑުވަޒީރުގެ ނާއިބު އަދި ޓޫރިޒަމް މިނިސްޓަރ ސްޓީވެން އުބީގަޑޫ ވިދާޅުވީ މޮރިޝަސް އަލުން ހުޅުވާލުމަކީ ވަރަށް މުހިންމު ކަމެއްކަމަށާއި އެއީ އެގައުމުގެ ލައްކައެއްހާ އާއިލާ ބަރޯސާވެފައިވަނީ ފަތުރުވެރިކަމަށް ވާތީކަމަށެވެ.

1.3 މިލިއަން މީހުން ދިރިއުޅެމުން އަންނަ މޮރިޝަސްގެ 68 އިންސައްތަ މީހުން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ. އަދި 89 އިންސައްތަ މީހުންވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. މޮރިޝަސް އަކީ އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ޖަހާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

މޮރިޝަސް އަލުން ހުޅުވާލިނަމަވެސް ފަތުރުވެރިން އައުމަށްފަހު ރިސޯޓްތަކުގައި 14 ދުވަސްވަންދެން ތިބެންޖެހޭނެއެވެ. އެހެންތާކަށް ދެވޭނީ އޭގެފަހުންނެވެ.

ހުކުރު ދުވަހު މޮރިޝަސް އަށް ފަތުރުވެރިން ގޮވައިގެން ފުރަތަމަ ފްލައިޓް ވަނީ އައިސްފައެވެ. އޭގައި ދުބާއީ، ޕެރިސް އަދި ލަންޑަނުން ފަތުރުވެރިން ވަނީ އައިސްފައެވެ. ނަމަވެސް ގައުމަށް އެތެރެވުމުގެ ކުރިން ކޮވިޑް ޓެސްޓް ހަދަންޖެހެއެވެ.

ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ ފަތުރުވެރިންނަށް އަލުން މަރުހަބާކިޔުމަށް މޮރިޝަސް އޮތީ ފުރިހަމައަށް ތައްޔާރުވެފައިކަމަށެވެ. އެއާއެކު ކޮވިޑް ފެތުރިދާނެ ގޮތްތަކުގެ މައްޗަށް ރައްކާތެރިކަމުގެ ފިޔަވަޅުތައްވެސް އަޅާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ފަތުރުވެރިންނުލާ އެއްވެސް ކަމެއްނުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ ދަތުރުކުރުން މަނާ ލިސްޓުން މޮރިޝަސް އުނިކޮށްފައިވަނީ ނިމިގެންދިޔަ ސެޕްޓެމްބަރ މަހުއެވެ. ނަމަވެސް އެމެރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލްއިން ވަނީ މޮރިޝަސް އަކީ ކޮވިޑް ޖެހުމުގެ ފުރުސަތު ބޮޑު ގައުމެއްގެ ގޮތުގައި ލިސްޓުކޮށް އެގައުމަށް ދަތުރުނުކުރުމަށް އިލްތިމާސްކޮށްފައެވެ.

މޮރިޝަސްގެ ކޮވިޑްގެ ހާލަތަށް ބަލާއިރު ސެޕްޓެމްބަރ މަހުގެ 26 ވަނަ ދުވަހު އެގައުމުގައި 13،685 މީހުންނަށް ވަނީ ކޮވިޑް ޖެހިފައެވެ. އޮގަސްޓްމަހު އެގައުމަށް ކުރިމަތިވި ޕީކަށްފަހު މިހާރު ކޮވިޑްގެ ހާލަތު އަންނަނީ ރަނގަޅުވަމުންނެވެ.

ޖުލައި މަހުގެ މެދުތެރޭގައި މޮރިޝަސް ވަނީ ކޮންމެވެސް ވަރަކަށް ފަތުރުވެރިންނަށް ހުޅުވާލާފައެވެ. އޭރު ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވާ ކޭސްތަކުގެ އަދަދުހުރީ 2190ގައެވެ.

މޮރިޝަސްގެ އިގްތިޞާދު ބިނާވެފައިވަނީ ފަތުރުވެރިކަމުގެ މައްޗަށެވެ. ކޮވިޑގެ ކުރިން މޮރިޝަސްގެ ޖީޑީޕީގެ 24 އިންސައްތަ ހިއްސާކުރަމުން އައީ ފަތުރުވެރިކަމުން ލިބޭ އާމްދަނީއެވެ. އަދި އެގައުމުގައި މަސައްކަތްކުރާ މީހުންގެ ތިންބައިކުޅަ އެއްބަޔަކީ ފަތުރުވެރިކަމާއި ގުޅުންހުރި އެކި މަސައްކަތްކުރާ މީހުންނެވެ.

މޮރިޝަސް އަލުން މިހުޅުވާލީ 18 މަސްދުވަސް ފަހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް