އިނގިރޭސިވިލާތަށް ދިމާވެފައިވާ ތެލުގެ ކާރިސާއާ ގުޅިގެން ޕެޓްރޯލް ޕަމްޕުތަކުން ތެޔޮ ވިއްކުމުގައި ސިއްހީ ޚިދުމަތްތެރިންނާއި، ފުލުހުން އަދި ޓީޗަރުން ފަދަ މުހިންމު މަސައްކަތްތެރީންނަށް އިސްކަން ދިނުމަށް އެގައުމުގެ ސަރުކާރުން ގޮވާލައިފިއެވެ.
ތެޔޮ ސަޕްލައިކުރާ ޓޭންކަރުތައް ދުއްވާނެ ޑްރައިވަރުންގެ ދަތިކަން ދިމާވުމާއިއެކު ތެލުގެ ސަޕްލައި ހުއްޓިދާނެކަމުގެ ބިރަށް ގިނަ އަދަދެއްގެ މީހުން ވަނީ ޕެޓްރޯލް ސްޓޭޝަންތަކުގައި ކިޔު ހަދާފައެވެ. ނަމަވެސް އެގައުމުގެ ސަރުކާރުން ތެލުގެ ދަތިކަމެއް ދިމާނުވާނެ ކަމަށް ވަނީ ބުނެފައެވެ.
ފާއިތުވި ހަތަރު ދުވަހު ގިނަ އަދަދެއްގެ އާންމުން ކިޔު ޖެހިގެން, ބޭނުންވާ މިންވަރަށްވުރެ އިތުރަށް ތެޔޮ ގަނެފައިވާތީ ފްރަންޓްލައިނުގައި މަސައްކަތް ކުރާ ބައެއް ޕަބްލިކް ސެކްޓަރ މުވައްޒަފުންނަށް ވަނީ ކާރު ދުއްވާނެ ތެޔޮ ނިލިބުމުން މަސައްކަތަށް ދެވޭ ގޮތް ނުވެފައެވެ.
އިނގިރޭސިވިލާތުގެ ޓްރާންސްޕޯޓް ސެކެޓްރީ ގްރާންޓް ޝެޕްސް ވިދާޅުވީ ހާލަތު ހަމައަކަށް އެޅެމުންދާ ކަމުގެ ނިޝާންތައް ފެންނާން ފަށާފައިވާ ކަމަށެވެ. އެގޮތުން ޕެޓްރޯލް ޝެޑުތަކަށް ބޭނުންވާ ތެލުގެ ސްޓޮކް މިހާރު ފޮނުވާފައިވާ ކަމަށާއި، ނަމަވެސް އަދިވެސް ކިޔުތަކުން މީހުން މަދުނުވާ ކަމަށެވެ.
ޓޭންކަރު ޑްރައިވަރުންގެ ދަތިކަން ދިމާވީ އިނގިރޭސިވިލާތުން ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ވަކިވުމުން ކަމަށް ދެކެވޭ ވާހަކަ ސަރުކާރުން ދޮގުކުރެ އެވެ. ޓްރާންސްޕޯޓް ސެކެޓްރީ ޝެޕްސް ވިދާޅުވީ ޔޫރަޕުގެ އެހެން ގައުމުތަކަށް ވެސް މި މައްސަލަ ދިމާވެގެން އުޅޭ ކަމަށެވެ.