ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ބުދަ ދުވަހުގެރޭ ޔުވެންޓަސްއާ ދެކޮޅަށް ޗެލްސީން ކުޅޭ މެޗުގައި ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކާންޓޭއަށް ނުކުޅެވޭނެ ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.
އިޓަލީގައި ކުޅެން އޮތް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓުޗެލް ބުނީ ދާދި ފަހުން ކާންޓޭ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، އެހެންކަމުން މިހާރު އޭނާ ހުރީ އައިސޮލޭޝަނުގައި ކަމަށެވެ. އަދި ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ކާންޓޭއަށް ޔުވެންޓަސް މެޗު ގެއްލޭއިރު، އަނިޔާގެ ސަބަބުން އެ ޓީމުގެ ކްރިސްޓިއަން ޕުލިސިޗާއި، މޭސަން މައުންޓް އަދި ރީސް ޖޭމްސްއަށްވެސް ޔުވެންޓަސް މެޗުގައި ނުކުޅެވޭނެ ކަމަށްވެސް ޓުޗެލް ވަނީ ބުނެފައެވެ.
އިނގިރޭސި މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ޔުވެންޓަސް މެޗުގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގުގައި އަންނަ ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި ސައުތެމްޓަނާ ދެކޮޅަށް ޗެލްސީން ކުޅޭ މެޗުގައިވެސް ކާންޓޭއަށް ނުކުޅެވޭނެއެވެ. މީގެ އިތުރުން އަންނަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ޔުއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައި ބެލްޖިއަމާ ދެކޮޅަށް ފްރާންސުން ކުޅޭ މެޗުގައިވެސް ކާންޓޭއަށް ކުޅެވިދާނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.
އުމުރުން 30 އަހަރުގެ ކާންޓޭ ކޮވިޑަށް ޕޮޒިޓިވްވިއިރު، އޭނާއަކީ ޗެލްސީގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކުޅުންތެރިއެކެވެ. އެގޮތުން މި ސީޒަނުގައި މިހާތަނަށް ޗެލްސީން ކުޅުނު ހަ މެޗެއްގައި ކާންޓޭ ކުޅެފައިވާއިރު، އޭނާ ވަނީ މި ސީޒަނުގައި އެއް ލަނޑު ޖަހާފައެވެ.
މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް އެޗްގައި ޗެލްސީ އާއި ޔުވެންޓަސް ހިމެނޭއިރު، ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުން ޗެލްސީ ވަނީ ރަޝިއާގެ ޒެނިތު އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި ޔުވެންޓަސް ވަނީ މަލްމޯގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ.
ޗެމްޕިއަންސް ލީގުގައި ޔުވެންޓަސް އާއި ޗެލްސީ ކުޅޭ މެޗު ފަށާނީ ބުދަ ދުވަހުގެރޭ ރާއްޖެ ގަޑިން 00:00 ގައެވެ.