މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމުގެ ޖަލްސާ އަންނަ މަހުގެ 8 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
އެމްއެންޕީ ރެޖިސްޓްރީކުރުމަށް ހުށަހެޅުނު ފޯމްތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ފަހު، މިމަސައްކަތުގެ ފަހު މަރުހަލާ ކަމަށްވާ "ސިޔާސީ ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުން" ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ)ން ދީފައިވެއެވެ. އަދި ޕާޓީ ރެޖިސްޓްރީ ކުރުމަށް 5000 އަށްވުރެ ގިނަ ފޯމާއެކު އެކޮމިޝަނަށް ހުށަހެޅީ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.
އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޕީގެ މުއައްސިސް ޢަބްދުﷲ ރިޔާޒު ވިދާޅުވީ ޕާޓީގެ އުފެއްދުމުގެ ޖަލްސާ ކުރިޔަށް އޮތް އޮކްޓޯބަރު މަހުގެ 8ވާ ހުކުރު ދުވަހު ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ހޯލުގައި ބޭއްވުމުގެ އިންތިިޒާމްތައް ވަރަށް ބާރު ދުވެއްޔެއްގައި ހަމަޖައްސަމުންދާ ކަމަށެވެ.
އެގޮތުން ބައްދަލުވުމުގެ ފުރަތަމަ ދަންފަޅި އެދުވަހުގެ މެންދުރު 2ން 6ށް، އަދި ރޭގަނޑު 9ން ފެށިގެން ރޭގަނޑު ދެވަނަ ދަންފަޅި ކުރިޔަށް ދާނެއެވެ. އެ ބައްދަލުވުމުގައި ޕާޓީގެ ނަމާއި، ލޯގޯއާއި، ދިދަ އަދި ކުލަ ފާސްކުރުން އޮންނާނެއެވެ. އޭގެ އިތުރުން ޕާޓީގެ އަސާސީ ގަވާއިދާއި ޕާޓީގެ އިންޓެރިމް އެގްޒެކެޓިވް ކައުންސިލްގެ މަގާމުތަކަށް މެންބަރުން އިންތިޚާބު ކުރުން ވެސް އޮންނާނެ ކަމަށް އެމްއެންޕީން ބުނެއެވެ.
ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާގައި އިންތިޚާބު ކުރަންޖެހޭ އެމްއެންޕީގެ އިންޓެރިމް އެގްޒެކެޓިވް ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު ވެސް އަންގާރަ ދުވަހު ވަނީ ހުޅުވާލާފާއެވެ. އީީމެއިލް އަދި ވައިބަރގެ އިތުރުން އެމްއެންފީ އޮފީހަށް (ޖަޒީރާ ބިލްޑިންގ 8 ވަނަ ފަންގިފިލާ) ގޮސް ވެސް ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އޮކްޓޯބަރ މަހުގެ ތިންވަނަ ދުވަހުގެ މެންދުރުފަހު 2:00އެވެ.
އެމްއެންޕީގެ ވަގުތީ އިންޓެރިމް އެގްޒެކެޓިވް ކައުންސިލަށް އިންތިޚާބުކުރުމަށް ހަމަޖެހިފައިވާ މަގާމުތަކަކީ، ރައީސް، 6 ނާއިބު ރައީސުން (އޭގެ 1 މަގާމަކީ އަންހެން މެންބަރަކަށް ޚާއްސަ މަގާމު) އަންހެނުންގެ ވިންގގެ ލީޑަރު، ޒުވާނުންގެ ވިންގގެ ލީޑަރު އަދި އިތުރު 21 ކައުންސިލް މެންބަރުންނެވެ. އަދި އޭގެ ތެރެއިން ވެސް 7 މަގާމަކީ އަންހެނުންނަށް ޚާއްސަ މަގާމު ކަމަށް އެޕާޓީން ބުނެއެވެ.