އީރާނުގެ ނިޔުކްލިއަރ ޕްރޮގްރާމް ހުއްޓުވަން ކުރާ މަސައްކަތުގައި އެގައުމުން ހުރިހާ ރަތް ރޮނގެއް ހުރަސްކޮށްފައިވާ ކަމަށާއި، އެކަމަކު އެގައުމަށް ނިޔުކްލިއަރ ބޮމަކާ ހަމައަށް ދިޔުމުގެ ފުރުސަތު ނުދޭނެ ކަމަށް އިސްރާއީލުން ބުނެފިއެވެ.
އދ.ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން އިސްރާއީލުގެ ބޮޑު ވަޒީރު ނަފްތާލީ ބެނެޓް ވިދާޅުވީ, ފާއިތުވެދިޔަ ދެ ތިން އަހަރު ދުވަހުގެ ތެރޭގައި އީރާނުން ވަނީ ނިޔުކްލިއަރ ހަކަތަ އުފެއްދޭ ކެޕޭސިޓީ ވަރަށް ބޮޑަށް އިތުރުކޮށް ހަތިޔާރު އުފައްދަން ބޭނުންވާ ޔުރޭނިއަމް މުއްސަނދިކޮށްފައި ކަމަށެވެ.
އީރާނުގެ ނިޔުކްލިއަރ ހަތިޔާރު އުފެއްދުމުގެ ޕްރޮގްރާމް މިވަގުތު އޮތީ ނުރައްކާތެރި ހިސާބެއްގައި ކަމަށާއި، އެގޮތުން އެގައުމުން ވަނީ ހުރިހާ ރަތް ރޮނގެއް ހުރަސްކޮށްފައި ކަމަށް ބެނެޓް ވިދާޅުވިއެވެ.
މިކަމަށް ރައްދުދީ އީރާނުން ބުނީ އިސްރާއީލަކީ ކުށެއް ނެތް ގައުމެއް ކަމަށް ދެއްކުމަށް ބެނެޓް މަސައްކަތް ކުރައްވާ ކަމަށެވެ.
މީގެ އިތުރުން އީރާނުން ބުނީ އެގައުމުގެ ނިޔުކްލިއަރ ޕްރޮގްރާމްގެ ބޭނުމަކީ ހަކަތަ އުފެއްދުން ކަމަށެވެ. އަދި ނިޔުކްލިއަރ މައްސަލާގައި އަލުން މަޝްވަރާތައް ވަރަށް އަވަހަށް ފަށާނެ ކަމަށްވެސް އެގައުމުން ބުނެއެވެ.