ކ. މާލެ
|
28 ސެޕްޓެންބަރ 2021 | އަންގާރަ 08:14
ޒަޔޯން ކްލާކް
ޒަޔޯން ކްލާކް
ގެޓީ އިމޭޖަސް
ޒަޔޯން ކްލާކް
ފުރައްސާރައާއި ނުކުޅެދުންތެރިކަމާއެކު ދުނިޔޭގެ ރެކޯޑް ފޮތަށް!
 
އަމާޒަކީ 2024 ވަނަ އަހަރުގެ އޮލިމްޕިކްސްގައި ވާދަކުރުން
 
އޭނާއަކީ ދެ އަތުން އެންމެ ބާރަށް ހިނގާ މީހާ
 
ބުލީ ކުރުމުން ކަންކަމުގައި ކުރިޔަށް ދިޔުމަށް ލިބުނީ އިތުރު ހިތްވަރެއް

ޒަޔޯން ކްލާކް އަކީ ދުނިޔެއަށް އުފަންވިއިރުވެސް ނުކުޅެދުންތެރިކަން ހުރި ކުއްޖެކެވެ. އުފަންވުމާއެކު ޒަޔޯންއަކީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއްކަން އެނގުމާއެކު އޭނާގެ މަންމަ އޭނާ ދޫކޮށްލީ ކުދިން ބަލަހައްޓާ ސެންޓަރަކަށެވެ. އެހެންނަމަވެސް ޒަޔޯންގެ ބެލެނިވެރިކަމާ ކިމްބާލީ ހޮވްކިންސް ހަވާލުވީ ފޮނި އުންމީދުތަކަކާއެކުގައެވެ. އެގޮތުން ޒަޔޯންއާ ހަވާލުވުމަށްފަހު ކިމްބާލީ އެންމެ ފުރަތަމަވެސް ބުނީ ޒަޔޯންއަކީ ދުނިޔެ ހައިރާން ކޮށްލަނިވި ކުއްޖެއް ކަމަށެވެ. މިއަދު ހަމަ ޔަގީނުން ވެސް ޒަޔޯން ވަނީ ދުނިޔެ ހައިރާން ކޮށްލާފައެވެ. އޭނާއަކީ ނުކުޅެދުންތެރިކަމާއެކު ވެސް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދާފައިވާ ފަރާތެކެވެ.

ދުނިޔޭގެ ރެކޯޑް ފޮތާ ހަމައަށް އައުމުގައި ޒަޔޯންއަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. އެކަމަކު ނުކުޅެދުންތެރިއަކަށް ވީތީ އޭނާ އެކަމާ ހިތާމައެއް ނުކުރެއެވެ. އޭނާގެ ހިތާމައަކަށްވީ ކިޔަވަން އުޅުނުއިރު، ސްކޫލުގައާއި ކޮލެޖުގައި ދިމާވި ކުދިން އޭނާއަށް ބުލީކޮށް ފުރައްސާރަކުރުމެވެ. ޒަޔޯން ބުނީ ބައެއް ފަހަރު ބައެއް ކުދިން އޭނާއަށް އަނިޔާކޮށް ޖެއްސުންކޮށް ހަދާކަމަށެވެ. އެކަމަކު އެކަމަށް މާކަ ބޮޑަށް ފަރުވާލެއް ނެތި ފޯކަސް ކުރީ ކިޔެވުމަށް ކަމަށް ޒަޔޯން ބުންޏެވެ.

މި ހުރިހާ ފުރައްސާރައަކާއެކު ވެސް ޒަޔޯން އަކީ މިއަދު ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދާފައިވާ ފަރާތެކެވެ. އޭނާއަކީ ދެ އަތުން އެންމެ ބާރަށް ހިނގާ މީހާއެވެ. ޒަޔޯން ދެއަތުން ހިނގައި 30 މީޓަރު 4.78 ސިކުންތުގެ ނިންމައެވެ. މި ރެކޯޑް އޭނާ ހަދާފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ.

ވޯލްޑް ރެކޯޑުން ޖާގަ ހޯދުމަށްފަހު ޒަޔޯން ބުނީ މިއީ އޭނާގެ އާއިލާއަށް ދިން ހަދިޔާއެއް ކަމަށާއި، މި ކާމިޔާބީ ހާއްސަކުރާނީ އޭނާގެ މަންމައަށް ކަމަށެވެ. އަދި މީގެ އިތުރުން މެންޓަލީ އޭނާ ފިޓްކޮށް ބެހެއްޓުމަށް ކޯޗު ބުޗް ރައިނޯލްޑް ވެދިން އެހީއަށް ޝުކުރުއަދާ ކުރާކަމަށް ބުންޏެވެ.

ޒަޔޯން ބުނީ ކާމިޔާބީއަށް ވާސިލްވުމަށް އެންމެ މުހިންމީ ހިތްވަރާއެކު މަސައްކަތް ކުރުން ކަމަށާއި، އަދި ކާމިޔާބީއަށް ވާސިލްވާއިރު، ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވާނެ ކަމަށެވެ. އެހެންނަމަވެސް މީހުން ކިޔާ އެއްޗެއްސަށް ސަމާލުކަން ނުދީ ކުރިޔަށް ދިޔުން މުހިންމު ކަމަށާއި، އެހެން ނޫންނަމަ މެންޓަލީ ތިމާ ބަލިކަށި ކޮށްލާނެ ކަމަށެވެ. އަދި ކާމިޔާބީއަށް ވާސިލްވުމަށް ނުކުޅެދުންތެރި ކަމަކީ ހުރަހެއް ނޫން ކަމަށް ޒަޔޯން ބުންޏެވެ.

ޒަޔޯން ބުނީ މިކާމިޔާބީގެ އަސްލަކީ އޭނާއަށް ކުޑައިރު ފުރައްސާރަކުރި ކުދިން ކަމަށާއި، އެދުވަހު އެކުދިން ކުރި ބުލީގެ ސަބަބުން ލިބުނީ ހިތްވަރު ކަމަށެވެ. އަދި ކަންކަމުގައި ގިވްއަޕް ނުކުރަން ދަސްކޮށްދިނީ އެކުދިން ކަމަށެވެ.

ޒަޔޯން ބުނީ އޭނާގެ މިހާރުގެ އަމާޒަކީ 2024 ވަނަ އަހަރު އޮންނަ ޕެރަލިމްޕިކްސް ގޭމްސްގެ ވީލްޗެއަރ ރޭސިންގގައި ބައިވެރިވުމާއި ހަމަ އެއަހަރު އޮންނަ އޮލިމްޕިކް ގޭމްސްގައި ރެސްލަރ އެއްގެ ގޮތުގައި އެމެރިކާ ތަމްސީލުކޮށްދިނުން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
89%
0%
11%
0%
0%
ކޮމެންޓް