އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު ޑާބީ މެޗުގައި އާސެނަލުން ޓޮޓެންހަމް ހޮޓްސްޕާ ބަލިކޮށްފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އާސެނަލް މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުން އާސެނަލް މޮޅުވިއިރު، ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުންވެސް އެ ޓީމު ވަނީ މޮޅުވެފައެވެ. އެކަމަކު މި ފަހަރުގެ ލީގު ފަށައިގެން ތާވަލުގެ އެއްވަނައިގައި ޓޮޓެންހަމުން އެންމެ ފަހުން ކުޅުނު ތިން މެޗުންވެސް އެ ޓީމު ވަނީ ބަލިވެފައެވެ. އަދި މި ތިން މެޗުގައި ޓޮޓެންހަމް ކޮޅަށް ވަނީ ނުވަ ލަނޑު ވަދެފައެވެ.
އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އާސެނަލުން މޮޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުން މި މެޗުގައި ކާމިޔާބުކުރި ތިން ލަނޑުވެސް ޖަހާފައިވަނީ މި ހާފުގައެވެ. އެގޮތުން މެޗު ފަށައިގެން 12 ވަނަ މިނެޓުގައި ބުކަޔޯ ސަކާ ދިން ޕާހަކުން އެމީލް ސްމިތު-ރޯވް ވަނީ ލަނޑެއް ޖަހައި، އާސެނަލަށް ލީޑު ނަގައިދީފައެވެ.
އަދި މެޗުގެ 27 ވަނަ މިނެޓުގައި ކައުންޓަ އެޓޭކެއްގައި ސްމިތު-ރޯވް ދިން ޕާހަކުން ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން ވަނީ ލަނޑެއް ޖަހައި، އާސެނަލުގެ ލީޑު ފުޅާކޮށްދީފައެވެ. އޭގެ ހަ މިނެޓު ފަހުން އާސެނަލުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ސަކާއެވެ. މި މެޗުގައި ޓޮޓެންހަމުން ޖެހި ހަމައެކަނި ލަނޑު ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ ސޮން ހުއެން-މިންއެވެ.
މި މޮޅާއެކު ތާވަލުގެ 10 ވަނައަށް އާސެނަލް ޖެހިލިއިރު، އެ ޓީމަށް ވަނީ ކުޅުނު ހަ މެޗުން ނުވަ ޕޮއިންޓް ލިބިފައެވެ. އަދި ތާވަލުގެ 11 ވަނައަށް ވެއްޓުނު ޓޮޓެންހަމަށްވެސް ވަނީ ހަ މެޗުން ނުވަ ޕޮއިންޓް ލިބިފައެވެ.