ކ. މާލެ
|
26 ސެޕްޓެންބަރ 2021 | އާދީއްތަ 19:28
ޔުވެންޓަސް އާއި ސަޕްޑޯރިއާ ބައްދަލުކުރި މެޗުގެ ތެރެއިން
ޔުވެންޓަސް އާއި ސަޕްޑޯރިއާ ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އިޓާލިއަން ލީގު
ޔުވެންޓަސް މޮޅުވިއިރު، ޑިބާލާ އާއި މޮރާޓާއަށް އަނިޔާވެއްޖެ
 
ސަމްޑޯރިއާ އަތުން ޔުވެންޓަސް މޮޅުވީ 3-2 ގެ ނަތީޖާއަކުން
 
އަނިޔާއާ ގުޅިގެން ޑިބާލާ އާއި މޮރާޓާއަށް ޗެލްސީ މެޗު ގެއްލޭނެ

އިޓާލިއަން ލީގުގައި އާދީއްތަ ދުވަހުގެ ހަވީރު ކުޅުނު މެޗުގައި ސަމްޑޯރިއާ އަތުން ޔުވެންޓަސް މޮޅުވިއިރު، މި މެޗުގައި ޔުވެންޓަސްއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި ޕައުލޯ ޑިބާލާ އާއި، ސްޕެއިނުގެ ފޯވާޑް އަލްވާރޯ މޮރާޓާއަށް އަނިޔާވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޔުވެންޓަސް މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ. މިއީ މި ސީޒަނުގެ ލީގުގައި އަމިއްލަ ދަނޑުގައި ޔުވެންޓަސް މޮޅުވި ފުރަތަމަ މެޗެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ވަރަށް ކުރީކޮޅު ޔުވެންޓަސްއިން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން 10 ވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިބާލާއެވެ. އެކަމަކު މެޗުގެ 21 ވަނަ މިނެޓުގައި ލިބުނު އަނިޔާއަކާ ގުޅިގެން ޑިބާލާ ވަނީ ބަދަލުކޮށްފައެވެ.

މި މެޗުގައި ޔުވެންޓަސްއިން ލީޑު ފުޅާކޮށްފައިވަނީ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލެއޮނާޑޯ ބޮނޫޗީއެވެ. އެކަމަކު އޭގެ މިނެޓެއް ފަހުން އެންޓޯނިއޯ ކަންޑްރޭވާ ނަގައިދިން ހުރަހަކުން މާޔާ ޔޮޝީޑާ ވަނީ ލަނޑެއް ޖަހައި، ސަމްޑޯރިއާއަށް ފަރަގު ކުޑަކޮށްދީފައެވެ.

މި މެޗުގައި ޔުވެންޓަސްއިން އަލުން ލީޑު ފުޅާކޮށްފައިވަނީ ދެވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައެވެ. ޑެޖާން ކުލުސެވްސްކީ ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މަނުއެލް ލޮކަޓެއްލީއެވެ. އެކަމަކު މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް އޭޑްރިއަން ސިލްވާ ދިން ބޯޅައަކުން ކަންޑްރޭވާ ވަނީ ލަނޑެއް ޖަހައި، ސަމްޑޯރިއާއަށް އަލުން ފަރަގު ކުޑަކޮށްދީފައެވެ.

މި މެޗުގައި ޔުވެންޓަސްގެ ފޯވާޑް މޮރާޓާއަށް އަނިޔާވެގެން ބަދަލުކޮށްފައިވަނީ މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށެވެ. މި މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އެލެގްރީ ވަނީ މި އަނިޔާތަކާ ގުޅިގެން މި ހަފުތާގައި ޔުއެފާ ޗެމްޕިއަންސް ލީގުގައި ޗެލްސީއާ ދެކޮޅަށް ޔުވެންޓަސް ކުޅޭ މެޗުގައި ޑިބާލާ އާއި މޮރާޓާއަށް ނުކުޅެވޭނެ ކަމަށް ބުނެފައެވެ.

ލީގުގައި އާދީއްތަ ދުވަހު ހޯދި މޮޅާއެކު ޔުވެންޓަސް އޮތީ ތާވަލުގެ ނުވަވަނައިގައި ކުޅުނު ހަ މެޗުން ލިބުނު އަށް ޕޮއިންޓާއެކުއެވެ. ތާވަލުގެ އެއްވަނައިގައި އޮތީ ހަ މެޗުން 16 ޕޮއިންޓް ހޯދާފައިވާ އޭސީ މިލާނެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާން އޮތީ ތާވަލުގެ ތިންވަނައިގައި ހަ މެޗުން 14 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް