މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ގައުމީ މަޖިލީހަށް މެމްބަރުން އިންތިޚާބުކުރުމުގެ ވޯޓުލުން ވަރަށް ދޯދިޔާ ކަމަށް މާލޭ ދާއިރާގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
އިންތިޚާބު ކުރިއަށްދާ ގޮތާއި ބެހޭ ގޮތުން މީހަކު ކޮށްފައިވާ މެސެޖެއްގެ ސްކްރީންޝޮޓެއް ހިއްސާކުރައްވާ އަކްރަމް ވިދާޅުވީ ވޯޓުލުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާ ގޮތް ވަރަށް ދޯދިޔާ ކަމަށާއި، ގިނަ ވޯޓު ފޮށިތައް ބަލަހައްޓަމުން ދަނީ އެންމެ އޮފިޝަލެއް ކަމަށެވެ. އަދި ވިދާޅުވީ ވޯޓު ފޮށިތަކުގައި ނަންބަރު ވެސް ނެތް ކަމަށެވެ.
އަކްރަމް ކަންބޮޑުވުންފާޅުކުރައްވާފަައިވާއިރު، އެމްޑީޕީގެ މިފަހަރުގެ އިންތިޚާބު އުންމީދުކުރި ގޮތާއި ޚިލާފަށް ވާދަވެރިކަމެއް ނެތެވެ. އަދި ހެނދުނުގެ ދަންފަޅީގައި ވޯޓުލާން ގޮސްފައިވަނީ ނިސްބަތުން މަދު ބައެއް ކަމަށް މައުލޫމާތު ލިބެއެވެ.
ހޮނިހިރު ދުވަހުގެ ހެނދުނު 09:00ން ގައި ވޯޓުލުން ފެށޭނެ ކަމަށް އެމްޑީޕީން ބުނި ނަމަވެސް އޮފިޝަލުން ނެތުމާއި ގުޅިގެން ބައެއް ދާއިރާތަކުގެ ވޯޓުލުން ފަށާފައިވަނީ ވަރަށް ލަހުންނެވެ.
ހަވީރު 5:00އާ ހަމައަށް ވޯޓުލުން ކުރިއަށް ގެންދާއިރު، އެގަޑީގައިވެސް ސަފުގައި މީހުން ވޯޓުނުލެވި ތިބިނަމަ، ސަފުގައި ތިބި މެމްބަރުންނަށް ވޯޓުލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ވޯޓުލުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލޭގެ 15 ސްކޫލާއި، ސޯޝަލް ސެންޓަރުގެ އިތުރުން، މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށުގެ ތެރެއިން 3 ރަށް ފިޔަވާ އެހެން ހުރިހާ ރަށެއްގައިވެސް އެރަށެއްގެ ސްކޫލުގައެވެ. ވޯޓުލުމަށްޓަކައި މެމްބަރުން ދާއިރުގައި ފޮޓޯ ޖެހި އައިޑީއެއް ހިފައިގެން ދިއުމަށާއި، ވޯޓުލާ ނިމުމުން އެ މެމްބަރެއްގެ އިނގިލީގައި ފާހަގައެއް ޖަހާނެކަން ވަނީ ފާހަގަކޮށްފައެވެ.
މިފަހަރުގެ އިންތިޚާބުގައި 733 ކެންޑިޑޭޓުން ވާދަކުރާއިރު ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު 93،000ން މައްޗަށް އަރައެވެ.