ކ. މާލެ
|
25 ސެޕްޓެންބަރ 2021 | ހޮނިހިރު 08:08
ނޮވޭވެކްސް ލޯގޯ
ނޮވޭވެކްސް ލޯގޯ
ރޮއިޓަރސް
ނޮވޭވެކްސް ވެކްސިނަށް ހުއްދަދޭން އެދުން
ނޮވޭވެކްސް އިން އުފެއްދި ކޮވިޑް ވެކްސިން ޑަބްލިޔުއެޗްއޯގެ އެމަރޖެންސީ ލިސްޓުގައި ހިމެނުމަށް އެދިއްޖެ
ނޮވޭވެކްސް އިން ވެކްސިން ދިނުމުގައި އިސްކަން ދެމުންދަނީ އެންމެ މަދުން އަދި މެދު މިނުގައި އާމްދަނީ ލިބެމުންދާ ގައުމުތަކަށް
އެމަރޖެންސީ ލިސްޓުގައި ހިމެނިގެންދިޔުމުން ނޮވޭވެކްސް އަށް ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ވެކްސިން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ

ނޮވޭވެކްސް އާއި އިންޑިޔާގެ ސެރަމް އިންސްޓިޓިއުޓުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގައި ނޮވޭވެކްސްގެ ކޮވިޑް ވެކްސިން އެމަރޖެންސީ ލިސްޓުގައި ހިމެނުމަށް އެދިއްޖެއެވެ.

ނޮވޭވެކްސްގެ ކޮވިޑް ވެކްސިނަކީ ގިނަ އަދަދެއްގެ ފަގީރު ގައުމުތަކަށް އަމާޒުކޮށްގެން އުފައްދާފައިވާ ވެކްސިނެކެވެ. ނޮވޭވެކްސް އިން ވެކްސިން ދިނުމުގައި އިސްކަން ދެމުންދަނީ އެންމެ މަދުން އަދި މެދު މިނުގައި އާމްދަނީ ލިބެމުންދާ ގައުމުތަކަށެވެ.

ޑަބްލިޔުއެޗްއޯގެ އެމަރޖެންސީ ލިސްޓުގައި އެކުންފުނީގެ ވެކްސިން ހިމެނުމާއެކު ގިނަ ގައުމުތަކަކަށް އެވެކްސިން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ. އެއީ ގިނަ ގައުމުތަކަކުން ޑަބްލިޔުއެޗްއޯއިން އެކުލަވާލާފައިވާ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރަމުންދާތީއެވެ.

މީގެއިތުރުން އެމަރޖެންސީ ލިސްޓުގައި ހިމެނިގެންދިޔުމުން ނޮވޭވެކްސް އަށް ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ވެކްސިން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ. ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ވެކްސިން ފޯރުކޮށްދެމުންދަނީ އެންމެ މަދުން އަދި މެދު މިނުގައި އާމްދަނީ ލިބެމުންދާ ގައުމުތަކަށެވެ.

ނޮވޭވެކްސް އިން މިހާރުވެސް ވަނީ އެކުންފުނީގެ ވެކްސިން ބޭނުންކުރުމުގެ ހުއްދައަށް އެދި އިންޑިޔާ، ފިލިޕީންސް އަދި އިންޑޮނޭޝިޔާއަށް ހުށަހަޅާފައެވެ.

ނޮވޭވެކްސް އާއި އިންޑިޔާގެ ސެރަމް އިންސްޓިޓިއުޓަކީ ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ވެކްސިން އުފައްދަމުން އަންނަ ދެ ކުންފުންޏެވެ. މިދެކުންފުނިން އެކަނި 1.1 ބިލިއަން ޑޯޒް ކޮވެކްސް ފެސިލިޓީއަށް ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް މިހާތަނަށް ފަގީރު ގައުމުތަކަށް ދެވިފައިވަނީ 300 މިލިއަން ޝޮޓެވެ. އެމެރިކާއިން ވަނީ ކޮވެކްސް ފެސިލިޓީއަށް އިތުރު 500 މިލިއަން ޑޯޒް ދޭނެކަން މިހަފްތާގައި ހާމަކޮށްފައެވެ.

ނޮވޭވެކްސް އިން ކުރިން މަސައްކަތްކުރަމުން އައީ އޮގަސްޓް މަހު ޑަބްލިޔުއެޗްއޯއަށް ހުއްދައަށް އެދި ހުށަހެޅުމަށެވެ. މީގެއިތުރުން މިއަހަރުގެ ފަހު ކުއަރޓަރގައި އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަނަށްވެސް ނޮވޭވެކްސް އިން އެމަރޖެންސީ ހުއްދައަށް އެދި ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.

ނޮވޭވެކްސް ގެ ވެކްސިން އުފެއްދުމުގައި ލަސްވި ސަބަބު ސާފުނުވާއިރު މިއަހަރު ތެރޭގައި އެކުންފުންޏަށް ކޮވެކްސް ފެސިލިޓީއަށް ފޯރުކޮށްދެވޭނެ މިންވަރެއްވެސް ސާފެއްނުވެއެވެ. ނޮވޭވެކްސް އިން އޮގަސްޓްމަހު ބުނެފައިވަނީ ކޮންމެ މަހަކު 100 މިލިއަން ޑޯޒް އުފެއްދުމަށް މަސައްކަތްކުރަމުން އަންނަކަމަށެވެ.

ނޮވޭވެކްސްގެ ވެކްސިނުން އަސަރުކުރާ މިންވަރު ހުންނަނީ 90 އިންސައްތައިގެ ކަމަށާއި ކޮވިޑްގެ އެކި ވޭރިއަންޓްތަކާއި ދެކޮޅަށް ރަނގަޅަށް މަސައްކަތްކުރާކަމަށް އެމެރިކާގައި ކުރިޔަށް ގެންދިޔަ ކްލިނިކަލް ޓްރެއަލްތަކުން ވަނީ އެނގިފައެވެ.

- ކޮމެންޓް