ކ. މާލެ
|
25 ސެޕްޓެންބަރ 2021 | ހޮނިހިރު 07:52
ސިންގަޕޯރުގެ ޓްރެއިން ސްޓޭޝަނެއްގެ ބޭރުން ބަޔަކު މާސްކު އަޅައިގެން ހިނގާފައިދަނީ
ސިންގަޕޯރުގެ ޓްރެއިން ސްޓޭޝަނެއްގެ ބޭރުން ބަޔަކު މާސްކު އަޅައިގެން ހިނގާފައިދަނީ
ރޮއިޓަރސް
ކޮވިޑް-19 ސިންގަޕޫރުގެ ހާލަތު
ސިންގަޕޫރުގައި ރިކޯޑް މިންވަރަކަށް ކޮވިޑް ކޭސްތައް ފެންނަމުންދާތީ ފިޔަވަޅުތައް ވަރުގަދަކުރަނީ
އާންމު ތަންތަނަށް ދެމީހުންނަށްވުރެ ގިނައިން އެއް ނުވެވޭގޮތަށް އަދި ގޭގައި ތިބެގެން މަސައްކަތްކުރާގޮތަށް ވަނީ ހަމަޖައްސާފައި
ހެލްތު މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކޮވިޑް ޖެހިފައިވީނަމަވެސް ސީރިއަސް ހާލަތަށް ނުދާ ގިނަ ބަޔަކު ހޮސްޕިޓަލްތަކުން ފަރުވާ ހޯދުމަށް މަސައްކަތްކުރަމުންދާކަމަށް
ސިންގަޕޯރުގެ އާބާދީގެ 82 އިންސައްތަ މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފައި

ސިންގަޕޯރުގައި ރިކޯޑް މިންވަރަކަށް ކޮވިޑް-19ގެ ކޭސްތައް ފެންނަމުންދާތީ ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން އެގައުމުގައި ފިޔަވަޅުތައް ވަރުގަދަކުރާނެކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

އެގޮތުން އާންމު ތަންތަނަށް ދެމީހުންނަށްވުރެ ގިނައިން އެއް ނުވެވޭގޮތަށް އަދި ގޭގައި ތިބެގެން މަސައްކަތްކުރާގޮތަށް މިހާރު ހަމަޖެހިފައިވާކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ގިނަ އަދަދެއްގެ ބަޔަކު ވެކްސިން ޖަހާފައިވީނަމަވެސް ސިންގަޕޯރުގައި އަންނަނީ ރިކޯޑް މިންވަރަކަށް މީހުންނަށް ކޮވިޑް ޖެހެމުންނެވެ. އެގޮތުން އަންގާރަ ދުވަހު އެގައުމުގައި 1504 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު މިއީ މިހާތަނަށް އެގައުމުގައި އެއް ދުވަހާ އެންމެ ގިނަ މީހުންނަށް ކޮވިޑް ޖެހިގެން ރިޕޯޓްކުރި ދުވަހެވެ.

ހެލްތު މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކޮވިޑް ޖެހިފައިވީނަމަވެސް ސީރިއަސް ހާލަތަށް ނުދާ ގިނަ ބަޔަކު ހޮސްޕިޓަލްތަކުން ފަރުވާ ހޯދުމަށް މަސައްކަތްކުރަމުންދާކަމަށެވެ.

ސިންގަޕޯރުގެ އާބާދީގެ 82 އިންސައްތަ މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ. ފާއިތުވި ހަތަރު ހަފްތާގައި އެގައުމުން ފެނިފައިވާ ކޮވިޑް ކޭސްތަކުގެ 98 އިންސައްތަ މީހުންނަށް ކޮވިޑްގެ ސަބަބުން މާބޮޑުވަރެއް ނުވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

5.7 މިލިއަން މީހުން ދިރިއުޅެމުން އަންނަ ސިންގަޕޯރުން މިފަހުން ފެނުނު ކޭސްތަކާއެކު އެގައުމުގެ ސިއްހީ ނިޒާމަށް ބާރު ބޮޑުވެފައިވާކަމަށް އެގައުމުގެ މިނިސްޓަރުން ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ވިދާޅުވެފައެވެ.

ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް އެންމެ ފަހުން އެޅި ފިޔަވަޅުތައް އޮކްޓޯބަރ މަހުގެ 24އާ ހަމައަށް ދެމިއޮންނާނެއެވެ.

ސިންގަޕޯރުގެ ޓްރޭޑް މިނިސްޓަރ އަދި ކޮރޯނާވައިރަސް ޓާސްކްފޯރސްގެ ކޯ ޗެއަރ ގެން ކިމް ޔޮންގ ވިދާޅުވީ ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް ފިޔަވަޅުތައް އެޅުމަކީ ނިންމަންޖެހުނު އުނދަގޫ ނިންމުމެއްކަމަށެވެ. އެއީ އެކަމުގެ ސަބަބުން ވިޔަފާރިތަކަށާއި މީހުންނަށް ވަރަށް ބޮޑެތި އަސަރުތަކެއްކުރާނެތީކަމަށް ޔޮންގ ވިދާޅުވިއެވެ. އެހެންނަމަވެސް މިފިޔަވަޅުތަކުގެ ސަބަބުން ވައިރަސް ފެތުރުން ކޮންޓްރޯލްކުރެވި ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ލުއިވާނެކަމަށް ވިދާޅުވިއެވެ.

ސިންގަޕޯރުގެ ސިއްހީ އޮފިޝަލުން ބުނާގޮތުގައި ކޮންމެ އަށް ދުވަހަކުން ކޭސްތައް އަންނަނީ ދެގުނަ ވަމުންނެވެ. އަދި ކުރިޔަށް އޮތްތަނުގައި ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް ފިޔަވަޅުތަކެއް ނާޅައިފިނަމަ ކުރިޔަށް އޮތް ހަފްތާތަކުގައި ދުވާލަކު ކޮވިޑް ޖެހޭ މީހުންގެ އަދަދު 6000ށް އަރާނެކަމަށް ސިއްހީ އޮފިޝަލުން ވަނީ ބުނެފައެވެ.

ކޮވިޑް ޖެހިގެން މާބޮޑުވަރު ނުވާ މީހުން ގޭގައި ތިބެގެން ފަރުވާ ހޯދުމަށް އޮފިޝަލުން ގެންދަނީ ބާރުއަޅަމުންނެވެ. އެކަމުގެ ސަބަބުން އޮޅުންތައް ބޮޑުވެ ހޮޓްލައިނަށް ވަނީ ބާރު ބޮޑުވެފައެވެ.

ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން ސިންގަޕޯރުން އަންނަނީ ބޫސްޓަރ ޝޮޓް ޖެހުމަށް ތައްޔާރުވަމުންނެވެ. އެގޮތުން އޮކްޓޯބަރ މަހުގެ ކުރީކޮޅު އުމުރުން 50 އަހަރާއި 59 އަހަރާ ދެމެދުގެ މީހުންނަށް ބޫސްޓަރ ޝޮޓް ދޭނެކަމަށް އެގައުމުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް