ޅ.ކުރެންދޫއަށް އުދައަރައި ގެއްލުންތަކެއް ލިބެއްޖެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި އުދައެރުމުގެ ސަބަބުން އެރަށުގެ ފުޓްބޯޅަ ދަނޑަށާއި ބައެއް ގެތަކަށް ވަނީ ގެއްލުން ލިބިފައެވެ. އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ ފުޓްބޯޅަ ދަނޑަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށާއި، ގިނަ އަދަދެއްގެ އޮށްގައު އަރާފައިވާ ކަމަށެވެ. ލޮނުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާތީ ޓާފް ހަލާކުވާނެ ކަމަށް ބެލެވޭ ކަމަށް އެމީހާ ބުންޏެވެ.
މީގެ އިތުރުން ތިން ގެއަކަށް ލޮނުގެ އަސަރުކޮށްފައިވާ ކަމަށާއި، ހިފާ ގެންގުޅޭ އަގުބޮޑެތި ސަމާނަށް ގެއްލުން ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ކުރެންދޫގެ ކައުންސިލްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
ކުރެންދޫއަށް އުދައެރުމާއި ގުޅިގެން އެމްއެންޑީއެފުން ބުނީ އެރަށަށް އުދަ އެރުމުގެ ސަބަބުން ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި އުދައަރައިގެން ރިޕޯޓް ކުރީ ބުރާސްފަތި ދުވަހުގެ ރޭ 03:41 ގައެވެ.
ކުރެންދޫއަށް އުދައަރައި ބައެއް ގެއްލުންތައް ލިބިފައިވާއިރު، ތ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ. އެލާޓް ނެރެފައިވަނީ ހުކުރު ދުވަހުގެ މެންދުރު 12:55ން އިރުއޮއްސި 6:00 ށެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މިސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މީގެ އިތުރުން މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރުން އެކަށީގެންވާ ކަމަށެވެ. ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ކަނޑުތަށް އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި، ވިލާގަނޑުގައި އިތުރަށް ގަދަވުން އެކަށީގެންވާ ކަމަށެވެ. އަދި ރާޅުގެ އުސްމިނުގައި 3 ނުވަތަ 6 ފޫޓު ހުންނާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާތީ ހުރިހައި ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް އިލްތިމާސްކޮށްފައިވެއެވެ.