ކ. މާލެ
|
24 ސެޕްޓެންބަރ 2021 | ހުކުރު 13:36
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ރާއްޖެއެމްވީ
ރައީސް ޔާމީނުގެ ޝަރީއަތް
އެފައިސާ މިފައިސާގެ ދެފުށް!
 
ރައީސް ޔާމީނުގެ ފަރާތުން ސުޕްރީމް ކޯޓުގައި ކުރި މައިގަނޑު ކަމަކީ ދަށުކޯޓާ ހައިކޯޓުގައި ވެސް ދެއްކި ވާހަކަތައް ތަކުރާރު ކުރުން
 
އިސްތިއުނާފީ މަރުހަލާ އަކީ ކުރިން ނެތްކަމެއް އަލަށް ގެނެސް ވައްދާ މަރުހަލާއެއް ނޫން

އެތައް ދުވަހެއްގެ ވަގުތުތައް ނަގާލައިގެން ސުޕްރީމްކޯޓުގައި އިސްތިއުނާފީ ނުކުތާތަކުގެ ގޮތުގައި ރައީސް ޔާމީނުގެ ފަރާތުން ސުޕްރީމް ކޯޓުގައި ކުރި މައިގަނޑު ކަމަކީ ދަށުކޯޓާ ހައިކޯޓުގައި ވެސް ދެއްކިވާހަކަތައް ތަކުރާރު ކުރުމެވެ. އިސްތިއުނާފީ މަރުހަލާ ބިނާ ވާނީ ވެސް ފާއިތުވި ކޯޓު މަރުހަލާގެ މައްޗަށެވެ. އިސްތިއުނާފީ މަރުހަލާ އަކީ ކުރިން ނެތްކަމެއް އަލަށް ގެނެސް ވައްދާ މަރުހަލާއެއް ނޫންކަމަށް ވެއެވެ. 

ރައީސް ޔާމީނު ދައްކާ އެންމެ ދެކޮޅު ނުޖެހޭ ވާހަކަ އަކީ ކުރީގެ ނާއިބުރައީސް އަހުމަދު އަދީބު ދައުލަތުގެ ހެކިވެރިޔަކަށް ހެދުމެވެ.

އަދީބު ހެކިވެރިޔަކަށް ލާން ޖެހުނީ ފައިސާ ދިނީ އަދީބުކަމަށް ރައީސް ޔާމީނު ވިދާޅުވީމަ!

އަދީބު ހެކިވެރިޔަކަށް ހަދަން ޖެހުނު ގޮތަށް ބަލާލާއިރު، ވޮޑަމުލާގެ 1 މިލިއަން ޑޮލަރު ރައީސް ޔާމީނުގެ އެކައުންޓަށް ވަދެފައިވާ މައްސަލައިގެ ތަހުގީގުގައި ރައީސް ޔާމީނުގެ ދިފާއީ ނުކުތާއަކަށް އެންމެ ފުރަތަމަވެސް ވިދާޅުވީ ތިފައިސާ އަކީ ކުރީގެ ނާއިބުރައީސް އަދީބު ދިން ފައިސާ ކަމަށެވެ. އަދި އެއީ ރައީސް ޔާމީނަށް ސިޔާސީ ކެންޕޭނަށް ލިބިފައި ހުރި ފައިސާ ކަމަށެވެ. 

ދައުލަތުން އަދީބު ކައިރީ އެވާހަކަ އަހަން ޖެހުނު ސަބަބަކީ އެއީއެވެ. އަދި ކޯޓްގައިވެސް އަދީބު ކައިރީ ދައުލަތުން އެހީ އެވާހަކައެވެ. އެހެންވެ މިމައްސަލައިގައި އަދީބު ހެކިވެރިޔަކަށް ހެދީ ރައީސް ޔާމީނެވެ. ދައުލަތުން އަދީބު ގެ ހެކިބަސް ހޯދީ ރައީސް ޔާމީނު ދެއްކި ވާހަކަޔާ ގުޅިގެންނެވެ. 

ކޯޓުގައި އަދީބާއި އިތުރު ސުވާލުތައް ކުރީ ސީދާ ރައީސް ޔާމީން!

ދައުލަތުން އަދީބު ކުރެން އެހީ ބަޔާނުގައި ވާގޮތަށެވެ. އަދި އޭގެ އިތުރުން ސުވާލު ނުކުރަން ގާޒީ ވެސް އެންގެވިއެވެ. މިހާރުވެސް އޭގެ ލައިވްރިކޯރޑިން ތައް އެހުރީއެވެ. 

ރައީސް ޔާމީނުގެ ވަކީލުންވެސް އަދީބާ ސުވާލު ކުރީ ވަރަށް މަތިމަތިންނެވެ. ނަމަވެސް ރައީސް ޔާމީން ތެދުވެ އެމަނިކުފާން ދިފާއުވާން ކުރަން ޖެހޭ ސުވާލުތައް އަދީބާ ކުރުމަށް ޖާގަދޭން އެދުމުން ގާޒީ ރައީސް ޔާމީނަށް އެފުރުސަތު ދެއްވިއެވެ. ރައީސް ޔާމީނު ހިތުގައި ވާހާ ސުވާލެއް އަދީބާ ކުރެއްވިއެވެ. އަދި ރައީސް ޔާމީނުގެ ނާއިބުރައީސް އަދީބުވެސް ހިފެހެއްޓުމެއްނެތި ޖަވާބުދިނެވެ. ދިވެހި ހުރިހާ ރައްޔިތުން ކަހަލަ ގޮތަކަށް ޓީވީން ލައިވްކޮށް ބެލި މިސެޝަން ގައި ރައީސް ޔާމީނު ބޮލުފޮށާއެޅި ބަރަހާނާވީއެވެ. 

އަދި ރައީސް ޔާމީނު އަދީބުގެ އަނގައިން ނެރުނު ޖަވާބުތައް މިމައްސަލައިގައި ކުރި ހުކުމް ގައި ވަނީ ފަވާލެވިފައެވެ. ކޯޓަކީ ސިޔާސީ ބަހުސް ކުރަން އޮތް ތަނެއްނޫނެވެ. ކޯޓްގައި ދެއްކޭ ކޮންމެ ވާހަކައެއް ގާޒީ ރިއާޔަތް ކުރަން ޖެހެއެވެ. ރައީސް ޔާމީނުގެ އީގޯ ހާޓްވެގެން ރުޅިގަދަވެގެން އަދީބާ ދިމާލަށް ސުވާލުތައް އަމުނާލެއްވިއިރު އަދީބުގެ ޖަވާބުތައް ދިނީ ހަމަޖެހިގެން ހުރެއެވެ. 

ކެންޕޭނަށް އަދީބުގެ އަތަށް މިލިއަން ޑޮލަރު ދިން ފަރާތެއް ކޯޓުގައި ރައީސް ޔާމީނަށް ބުނެއެއް ނުދެވުނު!

ކޯޓްގައި ރައީސް ޔާމީން ސުވާލުކުރުމުން އަދީބު ވިދާޅުވީ ކެންޕޭން ފައިސާ މެނޭޖް ކުރިކަމަށާ އަދި 2013ގެ ރިޔާސީ އިންތިޚާބާއި އަދި 2014އިގެ މަޖްލިސް އިންތިޚާބުގެ ކެންޕޭން ފައިސާ މެނޭޖް ކުރީ އަދީބު ކަމަށެވެ. ނަމަވެސް 2015ގައި އެއްވެސް ކެންޕޭނެއް ނެތްކަމަށާއި ކެންޕޭނެއް ނެތީސް ކެންޕޭނަށް ފައިސާ ނުދޭ ކަމަށް އަދީބު ވިދާޅުވިއެވެ. އަދި މިލިއަން ޑޮލަރު ރައީސް ޔާމީނުގެ ކެންޕޭނު ފައިސާގެ ގޮތުގައި އަދީބަށް ދިން ފަރާތެއް ބުނެދޭން އަދީބު ރައީސް ޔާމީނުގެ އަރިހުގައި ކޯޓުގައި އެދުނެވެ. ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް ނޭނގި އެތައް ބަޔަކު އަދީބަށް އެމަނިކުފާނަށް ކެންޕޭނަށޭ ކިޔާފަ ލާރި ހަވާލު ކުރާކަމަށެވެ. އެހެންވެ 1 މިލިން ޑޮލަރު ދިނީ ކޮންފަރާތެއް ކަމެއް ނޭނގޭ ކަމަށެވެ. 

ޖަވާބުގައި އަދީބު ވިދާޅުވީ 1 މިލިއަން ޑޮލަރެއް ރައީސް ޔާމީނު ކައިރީ ނުބުނެ އަދީބުގެ އަތަށް ރައީސް ޔާމީނުގެ ކެންޕޭނަށޭ ކިޔާފައި އެއްވެސް މީހަކު ނުދޭނެ ކަމަށާ އަދި އެއީ ހަމަޖެހޭ ވާހަކަތަކެއް ނޫންކަމަށެވެ. ނަމަވެސް އެމްއެމްޕީއާރުސީގެ ފައިސާ ދޭން ކޮންމެ ދުވަހު ގުޅާ ކަމަށާ އެގޮތުން ވޮޑަމުލާ އެއްބަސްވުމުގައި ސޮއިކޮށް އެފައިސާ އަވަހަށް ހޯދުމަށް ގުޅިކަމަށެވެ. އަދި އެމްއެމްޕީއާރުސީ އިން ފައިސާ ވަގަށް ނެގުން ރައީސް ޔާމީނު ތިޔަ ސިފަކުރަނީ ބޮޑު ކެންޕޭނެއް ކަމުގަތޯ އަދީބު ސުވާލު އުފެއްދިއެވެ. އެހެން ބުނުމުން ރައީސް ޔާމީނު ދިފާއުގައި ބުނާނެ އެއްޗެއް ނެތިގެން ކޯފާ އިސްކުރިއެވެ.

ރައީސް ޔާމީނު އަދި ލޯޔަރުން މިހާރު އަދީބު ދަށުކޯޓުގައި ދެއްކިވާހަކަތައް ނަފީ ނުކުރެވިގެން ފާސިގެކޭ ކިޔައި އެތައް ވާހަކައެއް ދައްކާއިރު އޭރު ދަށުކޯޓުގައި ރައީސް ޔާމީނާއި ވަކީލުން ސުވާލު ކުރީ އޭރުވެސް އަދީބު ހެއްކެއްގޮތުގައި ބަލައިގެންނެވެ.  

ކުރީގެ ނާއިބުރައީސް އަހުމަދު އަދީބު - މުހައްމަދު ޝަރުހާން

ހަތުރެއް ކައިރިން 1 މިލިއަން ޑޮލަރުދޭން ރައީސް ޔާމީން އެދޭނެތޯ؟

ސުޕްރީމް ކޯޓުގައި ރައީސް ޔާމީން އެންމެ ބޮޑު ދިފާއީ ނުކުތާއެއްގެ ގޮތުގައި ވިދާޅުވީ 1 މިލިއަން ޑޮލަރު ޖަމާވި އިރު އުޅެނީ ފިނިފެންމާ މައްސަލަ ތެރޭގައި ކަމުން އެމަނިކުފާނު މަރާލަން އުޅުނު ފަރާތެއްގެ އަތުން ކުށްކޮއްގެން ހޯދި ފައިސާ ދޭން އެދޭނެތަޯއެވެ. 

ނަމަވެސް ފައިސާ ރައީސް ޔާމީން އެކައުންޓަށް ޖަމާކުރިއިރު އަދި އެކިޔާ ބޮންހެދި ހެކިވެރިއެއްވެސް ނެތެވެ. އަދި ހިބަޅިދޫ ކަންތަކެއްވެސް ނުހިގައެވެ. އަދި އެވަގުތު އަދީބަކީ ރައީސް ޔާމީންގެ އެންމެ އަރިސް އަދި މަޖްލިސް މެންބަރުން ކައިރީ %500 އިތުބާރު އޮތް ކަމަށް އޭރުވެސް ބުނަމުން ދިޔަ ފަރާތެވެ. މިހާރު ރައީސް ޔާމީނު އެހެން އެބުނަނީ ފިނިފެންމާގެ ކަންތައް އަދީބު ބޮލަށް ކަނޑާލަން ހިތުތެރޭގައި އޭރުވެސް ރާވައިފައި އޮތުމުން ކަމަށް ބެލެވެއެވެ. 

އަދީބުގެ ބަޔާނުގައިވާގޮތަށް 2012ން 2013ށް ވެސް އަދީބު ހުރީ ޓުއަރިޒަމް މިނިސްޓަރުކަމުގައެވެ. އޭރު ރަށްތައް ދިނީ ބިޑްކޮށްގެނެވެ. ނަމަވެސް 2014ގައި ރައީސް ޔާމީނު ވެރިކަމަށް އައިސް ރައީސް އޮފީހުން އެމްއެމްޕީއާރުސީ ގެ އޮބްޖެކްޓިވްސް ބަދަލުކޮށް އެތައް ފަޅުރަށަކާއި ފަޅުތަކެއް ޓުއަރިޒަމްއަށް ކަނޑައަޅައި އެރަށްތައް ޓުއަރިޒަމާއި ހަވާލުކޮށް ހެދީ ރައީސް އޮފީހުން ރައީސް ޔާމީނެވެ. މިއީ ޓުއަރިޒަމް މިނިސްޓަރަށް ކުރެވޭނެ ކަންތަކެއްނޫނެވެ. ޑޮލަރު ގަނެ ވިއްކުމުގެ ނަމުގައި ދައުލަތުގެ ފައިސާ ނަޖާއިޒު ގޮތުގައި ބޭނުން ކުރުމުގެ ވާހަކަ ދިވެހިން އަޑުއަހަން ފެށީވެސް ރައީސް ޔާމީނު އެސްޓީއޯގެ ޗެއަރމަނަކަށް ހުރެ ހިންގި ޑޮލަރު ގަނެ ވިއްކުމުގެ ވާހަކަ ތަކުގެ ތެރެއިންނެވެ. ހަމަ މިމޮޑެލް 2014ގައި އެމްއެމްޕީއާރުސީ އަށް ޑޮލަރު ގަންނަން ކަމަށް ބުނެ ދައުލަތުގެ ފައިސާ ނަގައި ގޮތްގޮތަށް އެނބުރުމުގެ މޭސްތިރިއަކީ ވެސް ހަމަ ރައީސް ޔާމީނު ކަމަށް ބަލާނެ ފުރުސަތު އެބައޮތެވެ. 

މިކަމަށްޓަކާ ރައީސް އޮފީހުން ހަމަޖައްސައިގެން އެމްއެމްޕީއާރުސީއިން ރަށްތައް ދޫކުރަންފެށިއެވެ. އަދި އަދީބުގެ ބަޔާނުގައި ވާގޮތުން އެމްއެމްޕީއާރުސީ އަށް ލިބޭ ޗެކުތައް އެސްއޯއެފްއަށް ޖަމާކުރުމުގެ ކްލިއަރަންސް ބޭންކް އޮފް މޯލްޑިވްސް އަދި އެމްއެމްއޭ އިން ހޯދީ ސީދާ ރައީސް ޔާމީނެވެ. އަދި ކޮންމެ ޗެކެއް މާރުކޮށް އޭގެ ދެބައިކުޅައެއްބައި ރައީސް ޔާމީނަށް ހަވާލު ކުރިއެވެ. އަދި ބާކީ ސިޔާސީ ކަންކަމަށް ހޭދަކުރިއެވެ. މިދުވަސްވަރު ރައީސް ޔާމީން އެކައުންޓުގައި 450 މިލިއަން ރުފިޔާ ރޯލްކޮށްފައި އެބަހުރިކަމަށް ފުލުހުންގެ ޕްރެސް ބްރީފިންތަކުގައި ވަނީ ބުނެފައެވެ. އަދީބު ބުނިގޮތަށް ފައިސާ ހުރީ ދައުރުވެފައެވެ. އަދީބުގެ އެކައުންޓަކަށް ފައިސާ ވަދެފަކާނެތެވެ. ނަމަވެސް ރައީސް ޔާމީން އެމްއެމްޕީއާރުސީ ފައިސާއިން ހޯދި މަންފާ ސީދާ ފެންނަން އެބަހުއްޓެވެ. އަދި އޮޑިޓަރ ޖެނެރަލް ސީދާ ރައީސް ޔާމީނު އަރިހުގައި މިމައްސަލަ ޖެއްސުމުން ދުއްވާލީ އޮޑިޓަރ ޖެނެރަލްގެ މަގާމެވެ. 

ކުރީގެ ރައީސް ޔާމީނާއި އަދީބު - ރާއްޖެ އެމްވީ

ރައީސް ޔާމީން އެކައުންޓަށް އެތައް ބުރަކަށް ފުލުފުލުން 1 މިލިއަން ޑޮލަރު ވަނުމަކީ އިއްތިފާގެއް؟ 

ސުޕރީމްކޯޓުގެ ފަނޑިޔާރު އަލްއުސްތާޒް މަހާޒް އަލީ ޒާހިރު ރައީސް ޔާމީން އަރިހުގައި އެއްސެވީ އޭސީސީން ރައީސް ޔާމީނަށް އެއީ ކޮރަޕްޝަންގެ ފައިސާކަން އެންގި ފަހުން ބޭންކުގައި އިންވެސްޓްކޮށް މަންފާހޯދީ ކީއްވެތޯއެވެ. ރައީސް ޔާމީނު ވިދާޅުވީ އެއީ އިއްތިފާގެއް ކަމަށެވެ. އަދި އެފަދަ ބޮޑު އަދަދެއްގެ ފައިސާ އަތުގައި ހުރިއްޔާ މަންފާ ނުހޯދާނީ ކާކުތޯ ރައީސް ޔާމީނު ސުވާލު އުފެއްދިއެވެ. ވެރިކަމަށް ވަޑައިގެން ފުލް މުސާރަ ނުނަންގަވަން ވައުދުވި ރައީސް ޔާމީން ފަހުން މުސާރަ ނަގަނީ ދިރިއުޅުމުގެ ބޭނުންތައް ހަމަޖައްސާނެ އެހެން ގޮތެއް ނެތުމުން ކަމަށް ވިދާޅުވިއެވެ. އެހާ އަތްމަތި ދަތި ބޭފުޅެއްގެ އެކައުންޓް ފުރި ބަންޑުންވާ ވަރަށް ފައިސާ އުތުރި އަރަންފެށި ސަބަބެއް އޮންނަން ޖެހެއެވެ.  

އެމްއެމްޕީއާރުސީ އިން ފަޅުތަކާ އަދި ރައްތައް ކުއްޔައްދީގެން ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާވީ 1 މިލަން ޑޮލަރު އެކަންޏެއް ނޫނެވެ. ފުއްގިރި މައްސަލާގައިވެސް 1 މިލިއަން ޑޮލަރެވެ. އަދި ވ.އާރަށު މައްސަލައިގަވެސް 1 މިލިއަން ޑޮލަރެވެ. ރުފިޔާ މިލިއަނުން މިލިއަނުންނެވެ. މިހާރުވެސް 100 މިލިއަން ރުފިޔާއަށްވުރެ ގިނައިން އަމިއްލަ އެކައުންޓުގައި އެބަހުއްޓެވެ. އެހުރިހާ ފައިސާ ޖަމާވުމުގެ އިތުރަށް، ދަރިން ދިރިއުޅޭނެ ގޮތެއް ނެތްކަމަށް ބުނި މީހާ މާލޭގެ އެންމެ އަގުބޮޑު ސަރަހައްދުން ބޮޑު ބިމެއްހޯދާ، އެތަނުގައި ވިހިފަންސަވީސް ބުރީގެ ބޮޑުޢިމާރާތެއް ބަސްބުނާ ހިނދުން އެހުރީ ކޮޅަށް ޖަހާފައެވެ. ރައީސް ޔާމީނަށް ވީމާ މިހުރިހާ ކަމެއްމީ އިއްތިފާގަށްވެފައި، އެހެން މީހުންނަށްވީމާ ވައްކަމާ ޚިޔާނާތާ ކޮރަފްޝަނާ މަނީ ލޯންޑަރިން އަށް ވެއްޖެނަމަ އިންސާފުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ. 

ރައީސް ޔާމީނު އަދި ޚާއްސަކޮށް އެމަނިކުފާނުގެ ލޯޔަރުން ކޯޓްތަކުގައި ދައްކާ ވާހަކައިގެ ކޮލިޓީ ވަރަށް ދަށެވެ. ކުއަންޓިޓީ ނުވަތަ ނަގާ ދެކޮޅުނުޖެހޭ ވާހަކަތަކާ ޕޮއިންޓްތައް ގިނައެވެ. އެއްވެސް އޮށްޓަރެއް ނެތެވެ. 

ކުށުގައި ބައިވެރިވި މީހަކު ހެއްކަކަށް ބޭނުން ކުރެވިދާނެތަ؟ 

ދުނިޔޭގެ ސީރިއަލް ކިލަރުންވެސް އެމީހުން މީހުން މަރާފައި ވަޅުލާފައި ހުރިތަންތަނާ އަދި އެމީހުނާ ބައިވެރިވިމީހުން ކިޔައިދީ އަދި އެކިޔައިދޭ އެއްޗަކުން އެތައް އިތުރު ހެއްކެއް ފެނި އެބަޔާނަށް ބާރުލިބޭނަމަ އެމީހާޔަށް ވެސް ލުއިތަކެއްދީ މިސާލަކަށް މަރުގެ އަދަބު އުމުރު ދުވަހުގެ އަދަބަކަށް ހަދާ އެމީހާގެ ހެކިބަސް ކޯޓަށް ދެންތިބި މީހުންގެ މައްސަލަތަކުގައި ބޭނުންކުރެއެވެ. އެމެރިކާ އަދި ޔޫކޭގެ ކޯޓުތަކުގައި މީގެ އެތައް މިސާލެކެވެ.

ބްރެޒިލްގެ މަނީލޯންޑްރިންގެ އެންމެ ބޮޑު މައްސަލަކަމައްވާ "އޮޕަރޭޝަން ކާރ ވޮޝް" ނުވަތަ "ދަމެކޭނިޒަމް" ގައިވާ އަސްލު މައްސަލަ ހިނގީ ބްރެޒިލްގެ ސަރުކާރުގެ އިސްވެރިންނާ އިންޖިނިއަރިން ކުންފުނިތަކުގެ ބިޑްތައް ހަވާލުކުރިއިރު ހިންގި މަނީ ލޯންޑްރިން މައްސަލަ ތަކެއްގެ ހެކިވެރިޔަކީ އެހުރިހާ ފައިސާ އެއް ދޮވެދިން މީހާއެވެ. އޭނަ ހެކިބަސް ދިނުމުގެ ބަދަލުގައި އެއްވެސް ދައުވާ އެއް ނުކޮށް ހިމާޔަތް ދިނެވެ. މީގެ އެތައް މިސާލެއް ދުނިޔޭގައި ފެންނަން ހުރިއިރު ރައީސް ޔާމީނު އަދި އެމަނިކުފާނުގެ ލޯޔަރުން ދަނީ ހަމަނުޖެހޭ ވާހަކަތައް ދައްކަމުންނެވެ. 

2016 ގައި އެމްއެންޑީއެފް ހަވާ އަރުވާ ކުއްޖެއް ލައްވާ، ބޮމެއްހަދާ އަދީބުއަތަށް ދިނީމޭ ބުނެ ބޮން ހެދިކަމަށް ބުނާ މީހާ ހެކިވެރިއަކަށް ހަދާ އެމީހާ ދޫކޮށްލިއިރު އެއީ ވަރަށް ފުރިހަމަ ޝަރީއަތެއް ކަމަށް ބުނެ ރައީސް ޔާމީނުވެސް ވަނީ އަތްޖަހާފައެވެ. 

މިގޮތަށް ޑރ ޖަމީލުވެސް ރައީސް ޔާމީނު އެމްއެމްޕީއާރުސީ އިން ވައްކަން ކުރާކަމަށް 2015 އިން 2019 އަށް ދެއްކި ވާހަކަތަކުގެ ރިކޯޑިންގް އެހެރީ ފެންނާށެވެ. އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދަކީ ވެސް އިއްޔެއާ ހަމައަށް ރައީސް ޔާމީނުގެ ވައްކަމާ ޚިޔާނާތާ ކޮރަޕްޝަނުގެ ވާހަކަ ތަކުރާރުކޮށް ދެއްކެވި ބޭފުޅެކެވެ. 

ހަގީގަތުގައި މިހާފާޅުކަން ބޮޑުކޮށް ތިމާގެ ބަހާ އަމަލު އަމިއްލައަށް ދޮގުކޮށް ނަފީކޮށް އިރުއިރުކޮޅާ އެކޮޅުކޮޅުން ޖަހައިގެން މީސްތަކުންގެ ތެރޭގައި އުޅުމަކީ ފާސިގުކަމުގެ ޢަމަލެއް ކަމަށް ވާނަމަ، ރައީސް ޔާމީނުގެ އިސްވަކީލު މުހައްމަދު ޖަމީލު އަހުމަދަށް ވުރެ ބޮޑަށް އެގޮޅިއަށް ފެތޭ ދިވެއްސަކު މަދުވާނެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
15%
0%
0%
8%
15%
62%
ކޮމެންޓް