ރެއާލް މެޑްރިޑް އިން ކާމިޔާބުކުރީ ދުނިޔޭގެ އެންމެ މޮޅު ލީގު ކަމަށް އެޓީމުގެ ކެޕްޓަން ސާޖިއޯ ރާމޮސް ބުނެފި އެވެ.
މަލާގާ އަތުން 0-2 ގެ ނަތިޖާއިން ރެއާލް މޮޅުވި މެޗަށްފަހު ވާހަކަދައްކަމުން ރާމޮސް ބުނީ ސްޕެނިޝް ލީގަކީ ކާމިޔާބުކުރުމަށް ފަސޭހަ ލީގެއް ނޫން ކަމަށާއި، އެގޮތުން ލީގު ތަށްޓައްވެސް ވާދަކުރީ ބާސެލޯނާ، ސެވިއްޔާ އަދި އެޓްލެޓިކޯ މެޑްރިޑް އެކަނި ނޫން ކަމަށެވެ.
ލީގު ތަށި ހޯދުން އެންމެ ހައްގީ ރެއާލްކަން ފާހަގަކުރަމުން ރާމޮސް ބުނި، އެންމެ ފަހުވަގުތާ ޖެހެންދެންވެސް ރެއާލް އިން ތަށި ހޯދަން މަސައްކަތްކުރި ކަމަށާއި، މި ކާމިޔާބީއަށްފަހު ދެން އޮތީ ޗެމްޕިއަންސް ލީގު ފައިނަލަށް ތައްޔާރުވުން ކަމަށެވެ.
ރާމޮސް ބުނީ މަލާގާއާ ދެކޮޅަށް ކުޅުނު ލީގުގެ ފަހު މެޗުވެސް ފަސޭހަ ނޫން ކަމަށާއި، ޖުމްލަ ގޮތެއްގައި މުޅި ސީޒަންވެސް ފަސޭހަ ނޫން ކަމަށެވެ. އެހެންނަމަވެސް މި ކާމިޔާބީ ރެއާލް އަށް ލިބުނީ ކުރި ބުރަ މަސައްކަތުން ކަމަށް އޭނާ ފާހަގަކުރެއެވެ.
މީގެއިތުރުން އޭނާ ބުނި ލީގުގައި އުނދަގޫ ހާލަތަކަށްވެސް ރެއާލް ދިޔަ ކަމަށާއި، ކުޅުންތެރިން އެ ހާލަތުން އަރައިގަންނަން ކުރީ ވަރަށް ބުރަ މަސައްކަތެއް ކަމަށެވެ. އެގޮތުން މި ތަށްޓަކީ ރެއާލް އަށް ހައްގު ތަށްޓެއްކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ރާމޮސް ވަނީ މި ސީޒަނުގައި ރެއާލްގެ ކެޕްޓަން ބޭންޑު އަޅައިގެން 41 މެޗު ކުޅެފައެވެ. އޭނާ ވަނީ އެ 41 މެޗުގެ ތެރޭގައި 10 ލަނޑުވެސް ކާމިޔާބުކޮށްފައެވެ. މި ސީޒަނުގައި ރާމޮސް ވަނީ ރެއާލް އަށް މޮޅު ކުޅުމެއް ދައްކާފައެވެ.