ކ. މާލެ
|
22 ސެޕްޓެންބަރ 2021 | ބުދަ 11:45
ފިއޮރެންޓީނާ އާއި އިންޓަ ބައްދަލުކުރި މެޗުގެ ތެރެއިން
ފިއޮރެންޓީނާ އާއި އިންޓަ ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އިޓާލިއަން ލީގު
ފިއޮރެންޓީނާ ބަލިކޮށް އިންޓަ އެއްވަަނައަށް
 
ފިއޮރެންޓީނާ އަތުން އިންޓަ މޮޅުވީ 3-1 ގެ ނަތީޖާއަކުން
 
ތާވަލުގެ އެއްވަނައަށް އިންޓަ ޖެހިލީ 13 ޕޮއިންޓާއެކު

އިޓާލިއަން ލީގުގައި އަންގާރަ ދުވަހުގެރޭ ފިއޮރެންޓީނާ ބަލިކޮށް ތާވަލުގެ އެއްވަނައަށް އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާން ޖެހިލައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން އިންޓަ މޮޅުވީ ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ފިއޮރެންޓީނާއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 23 ވަނަ މިނެޓުގައި ނިކޯ ގޮންޒާލޭޒް ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރިކާޑޯ ސޮޓީލެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި ނިކޯލޯ ބަރޭލާ ދިން ބޯޅައަކުން މަޓެއޯ ޑާމިއާން ވަނީ ލަނޑެއް ޖަހައި، އިންޓައަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

އަދި އޭގެ ތިން މިނެޓު ފަހުން އިންޓައިން ލީޑު ނެގިއިރު، ހަކަން ޗަޅަނޮގްލޫ ނަގައިދިން ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެޑިން ޒެކޯއެވެ. އަދި އޭގެ ފަހުން ފިއޮރެންޓީނާއަށް މައްސަލަތަކެއް ކުރިމަތިވީ މެޗުގެ 78 ވަނަ މިނެޓުގައި އެ ޓީމުގެ ގޮންޒާލޭޒަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމުންނެވެ. އޭނާއަށް ދެ ރީނދޫ ކާޑުވެސް ދެއްކީ ރެފުރީގެ ނިންމުންތަކާ ދެކޮޅު ހަދާ ވާހަކަ ދެއްކުމުންނެވެ.

އެއާއެކު މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް އިންޓައިން ވަނީ އިތުރު ލަނޑެއް ޖަހައި، އެ ޓީމުގެ ލީޑު ފުޅާކޮށްފައެވެ. ރޮބާޓޯ ގަލިއަޑީނީ ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިވާން ޕެރިސިޗެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައަށް އިންޓަ ޖެހިލީ ކުޅުނު ފަސް މެޗުން ލިބުނު 13 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ނާޕޮލީއަށް ހަތަރު މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، ބުރާސްފަތި ދުވަހުގެރޭ ސަމްޑޯރިއާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ނާޕޮލީއަށް އަލުން އެއްވަނައަށް އެރޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް