އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުތަކުން މޮޅުވެ ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް ލީގުގައި ކުރިއަށް ޖެހިލައިފިއެވެ.
އާދީއްތަ ދުވަހުގެރޭ ކުޅުނު ޑާބީ މެޗުން ޗެލްސީ މޮޅުވީ ޓޮޓެންހަމް ހޮޓްސްޕާ އަތުން 3-0 ގެ ނަތީޖާއަކުންނެވެ.
ޓޮޓެންހަމުގައި ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، ޗެލްސީގެ ޑިފެންޑަރުންނާއި ގޯލްކީޕަރު ކެޕާ އަރިއްޒަބަލާގާ ވަނީ އެ ހަމަލާތައް ހުއްޓުވާފައެވެ. އެއާއެކު މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފުގައި ޗެލްސީން ވަނީ ކުޅުން ރަނގަޅުކޮށް ތިން ލަނޑު ޖަހާފައެވެ.
އެގޮތުން ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި މާކޮސް އަލޮންސޯ ނަގައިދިން ކޯނަރަކުން ޗެލްސީއަށް ލީޑު ނަގައިދިނީ ތިއާގޯ ސިލްވާއެވެ. އަދި އޭގެ އަށް މިނެޓު ފަހުން އެ ޓީމަށް ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެންގޯލޯ ކާންޓޭއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުންނެވެ. މި މެޗުގައި ޗެލްސީން ޖެހި ތިންވަނަ ލަނޑު ފެނިގެންގޮސްފައިވަނީ މެޗުގެ އިތުރު ވަގުތުގައެވެ. ޓިމޯ ވާނާ ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެންޓޯނިއޯ ރުޑިގާއެވެ.
މި މޮޅާއެކު ޗެލްސީން ވަނީ އެންމެ ފަހުން ޓޮޓެންހަމުގެ ދަނޑުގައި ކުޅުނު ތިން މެޗުންސް މޮޅުވެފައެވެ.
މީގެ އިތުރުން ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވީ ވެސްޓް ހޭމް ޔުނައިޓެޑް އަތުން ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.
ވެސްޓް ހޭމުގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ލީޑު ނަގާފައިވަނީ މެޗުގެ 30 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސާއިދު ބެންރަހްމާއެވެ. އެކަމަކު އޭގެ ފަސް މިނެޓު ފަހުން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މިއީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި އަލުން ޔުނައިޓެޑާ ގުޅުނު ފަހުން ރޮނާލްޑޯ ކާމިޔާބުކުރި ހަތަރުވަނަ ލަނޑެވެ.
މި މެޗުން ޔުނައިޓެޑް މޮޅުވި ލަނޑު މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޖެސޭ ލިންގާޑެވެ. އޭގެ ފަހުން މެޗުގެ އިތުރު ވަގުތުގެ ފަހު މިނެޓުގައި އޭރިއާ ތެރެއިން ޔުނައިޓެޑުގެ ލޫކް ޝޯގެ އަތުގައި ބޯޅަ ޖެހުމުން ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ވެސްޓް ހޭމަށް ވަނީ ޕެނަލްޓީއެއް ދީފައެވެ. އެކަމަކު އެ ޕެނަލްޓީ ޖަހަން ހާއްސަކޮށް ކުޅެން އެރުވި މާކް ނޯބްލް ފޮނުވާލި ޕެނަލްޓީ ޔުނައިޓެޑުގެ ގޯލްކީޕަރު ޑޭވިޑް ޑެ ހެއާ ވަނީ މަތަކޮށްފައެވެ.
މި ނަތީޖާތަކާއެކު ލީގުގެ އެންމެ ކުރީގައި އޮތީ ޗެލްސީ އާއި ލިވަޕޫލެވެ. އެ ދެ ޓީމަށްވެސް ކުޅުނު ފަސް މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، ދެ ޓީމު ވަނީ ހުރިހާ ގޮތަކުން އެއްވަރުވެފައެވެ. އަދި ތިންވަަނައިގައި އޮތް ޔުނައިޓެޑަށްވެސް ފަސް މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު ތިންވަނައިގައި އޮތީ ލަނޑުގެ ތަފާތުންނެވެ.