ޗައިނާގެ އާބާދީގެ 70 އިންސައްތަ މީހުންނަށް ކޮވިޑް-19ން ދިފާއުވުމަށް ދޭ ވެކްސިންގެ ދެ ޑޯޒް ދީފައިވާކަމަށް އެގައުމުގެ ސިއްހަތާ ބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ޑާޓާތަކުން ހާމަވެއްޖެއެވެ.
ޗައިނާގެ 1.4 ބިލިއަން މީހުންގެ އާބާދީގެ 1.01 ބިލިއަން މީހުންނަށް ވަނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ދީފައެވެ. އެއީ ގާތްގަނޑަކަށް 72 އިންސައްތައެވެ. ސެޕްޓެމްބަރ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ޗައިނާގެ އާބާދީގެ 70 އިންސައްތަ މީހުންނަށް ވެކްސިން ދީފައިވާއިރު ޗައިނާއަކީ މުޅި ދުނިޔޭގައި ވެސް މިވަގުތު އާބާދީގެ އެންމެ ބޮޑުބަޔަކަށް ވެކްސިން ދީފައިވާ ގައުމެވެ.
ޗައިނާގެ އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ދިނުމާއެކު އުމުރުން 12 އަހަރުން ދަށުގެ ކުޑަކުދިންނަށް ވެކްސިން ދިނުމާމެދު ޗައިނާއިން ވިސްނަންޖެހޭކަމަށް ޗައިނާގެ ޑިޒީސް ކޮންޓްރޯލް އޮތޯރިޓީގެ މާހިރަކު ވަނީ ވިދާޅުވެފައެވެ. އަދި އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދީފައިވީނަމަވެސް ހަލުވިކަމާއެކު ފެތުރެމުން އަންނަ ޑެލްޓާ ވޭރިއަންޓުގެ ސަބަބުން އަދިވެސް ފިޔަވަޅުތަކަށް ސަމާލުކަންދޭންޖެހޭނެކަމަށް ޗައިނާގެ އިމިޔުނައިޒޭޝަން ޕްރޮގްރާމްގެ ޗީފް އެކްސްޕަރޓް ވެންގ ހުޔާކިންގ ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވެންގ ވިދާޅުވީ ގިނަ ބަޔަކަށް ވެކްސިން ދިނުމުން ނޫނީ ވެކްސިންގެ އަސަރު ކުރާ މިންވަރު ރަނގަޅަށް ދެނެނުގަނެވޭނެކަމަށެވެ. އަދި އުމުރުން 12 އަހަރުން ދަށުގެ ކުޑަކުދިންނަށް ވެސް ވެކްސިން ދޭންޖެހޭކަމަށް ވެންގ ވިދާޅުވިއެވެ.
ވެންގ މިމޭރުމުން ވާހަކަފުޅު ދައްކަވާފައިމިވަނީ ޗައިނާގެ ދެކުނުއިރުމަތީ ޕްރޮވިންސެއް ކަމުގައިވާ ފުޖިއާންގައި ހަލުވިކަމާއެކު މިހާރު ކޮވިޑް ފެތުރެމުން އަންނާތީއެވެ. އެސަރަހައްދުގައި ހަފްތާއެއްގެ ތެރޭގައި 200 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު އޭތެރެގައި ކުޑަކުދިން ވެސް ހިމެނެއެވެ.
ޗައިނާއިން ކޮވިޑް-19ށް ތައްޔާރުކުރި މައިގަނޑު ދެ ވެކްސިނަކީ ސިނޯވެކް ވެކްސިނާއި ސިނޮފަރމް ވެކްސިނެވެ. މިދެވެންސިނަކީ ވެސް އުމުރުން 3 އަހަރުން މަތީގެ ކުދިންނަށް ޖެހޭގޮތަށް ހުއްދަ ދީފައިވާ ދެ ވެކްސިނެވެ. ނަމަވެސް ޗައިނާގައި އުމުރުން 12 އަހަރުން ދަށުގެ ކުޑަކުދިންނަށް އަދި ވެކްސިން ދެމުންނެއް ނުދެއެވެ.
ވެންގ ވިދާޅުވީ ޗައިނާއިން ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތްތައް އަދިވެސް އިތުރުކޮށް ފުޅާކުރަންޖެހޭކަމަށެވެ.