ރާއްޖޭގައި ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު 390،285ށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނީ ބުދަ ދުވަހު ކޮވިޑް-19ގެ ފުރަތަމަ ވެކްސިން ޖަހާފައިވަނީ 464 މީހުންކަމަށެވެ. އެއީ މާލެ ސަރަހައްދުން 74 މީހުންނާއި އަތޮޅުތަކުން 390 މީހުންނެވެ.
މީގެއިތުރުން ބުދަ ދުވަހު 2476 މީހުން ވަނީ ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ. އެއީ މާލެ ސަރަހައްދުން 1091 މީހުންނާއި އަތޮޅުތަކުން 1385 މީހުންނެވެ. މިއާއެކު ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 328،630ށް އަރާފައެވެ.
ވެކްސިން ނުޖަހާ މީހުން ވީހާވެސް އަވަހަކަށް ވެކްސިން ފުރިހަމަކުރުމަށް ސަރުކާރުން ގެންދަނީ ގޮވާލަމުންނެވެ. އެގޮތުން އާބާދީގެ ގިނަ ބަޔަކު ވެކްސިންޖަހައި ނިންމުމަށް ބާރު އެޅުމުގެ ގޮތުން ސަރުކާރުން މިހާރު ވެކްސިނޭޝަން ޕްރޮގްރާމެއް ވެސް ކުރިއަށްގެންދެއެވެ. މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާ 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޮފާރމްއާއި އެސްޓްރާޒެނެކާ ވެކްސިން ޖަހަމުން އަންނައިރު، އުމުރުން 12 އަހަރާ 17 އަހަރާ ދެމެދުގެ ކުދިންނަށާއި އެޗްޕީއޭއިން ކަނޑައަޅާފައިވާ ޚާއްސަ ކެޓަގަރީތަކުގެ މީހުންނަށް މިހާރު ވަނީ ފައިޒަރ ވެކްސިންދޭން ފަށާފައެވެ.
ދާދި ފަހުން ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ އޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒް ވިދާޅުވީ, ވެކްސިން ޖެހޭ އާބާދީގެ ތެރެއިން 18 އަހަރުން މަތީގެ 30,000 މީހުން ވެކްސިން ނުޖަހާ އެބަތިބި ކަމަށެވެ. ވެކްސިން ނުޖަހާ މީހުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް މަބްރޫކް ވިދާޅުވިއެވެ.