ކ. މާލެ
|
15 ސެޕްޓެންބަރ 2021 | ބުދަ 15:44
އެއްފުޅައްމަތިިން ފުންމާލި ބަކަރި އަނެއް ފުޅައް މަތިންވެސް ފުންމާލާނެ ކަމަށް ކުރީގެ މިސާލުބަހެއްގައި ބުނެ އުޅޭ
އެއްފުޅައްމަތިިން ފުންމާލި ބަކަރި އަނެއް ފުޅައް މަތިންވެސް ފުންމާލާނެ ކަމަށް ކުރީގެ މިސާލުބަހެއްގައި ބުނެ އުޅޭ
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
ވީފަރިތަ ފިލުމެއް ނެތެވެ. ފެންނަހާ ފުޅަފެއްގެ މަތިން ފުމޭނެއެވެ.
 
އެންމެ ހަލުވިކޮށް އެންމެ އަވަހަށް އެންމެ ބޮޑު އަގުގައި ވިކެނީ އިޚުލާސްތެރިކަމަށްވުރެ ބޮޑަށް މުނާފިގު ކަމުގެ ސިފަތައް

ދިވެހި މިސާލުބަހެއްގައި އޮވެއެވެ. އެއްފުޅައް މަތިން ފުންމައިލި ބަކަރި އަނެއްފުޅައް މަތިންވެސް ފުންމައިލާނެއެވެ. މިބަހުގެ މުރާދަކީ އެކަކަށް ހަރާންކޯރުވީ މީހަކު އަނެކަކަށްވެސް ހަރާންކޯރުވާނެއެވެ. ވިޔާނުދާ އެއްކަމެއް ކޮށްފި މީހާ އެފަދަ އަނެއްކަމެއްވެސް ކުރާނެއެވެ. ކަށީގައި ހިފާފައިހުރި ކަމެއް ފިލުމެއް ނެތެވެ. ގިތެޔޮ އެޅި ގުޅިއަކުން އޭގެ ވަހެއްވެސް ނުފިލާ ބީދައިންނެވެ.

ދިވެހި ކާބަފައިންގެ ތެރޭގައި މިކަހަލަ މިސާލު ބަސްބަސް އުފެދި ބޭނުންކުރަން ފެށުނީ ތަޖުރިބާގެ އަލީގައެވެ. ކަން ހިނގާ މަގާއި ހިނގާނޭ މަގު ދެން އަންނާން ތިބި ބަޔަކަށް ބުނެދިނުމުގެ ގޮތުންނެވެ. ނަސޭހަތްދީ ހޭއަރުވައި ވިސްނާން ފުރުސަތު ދިނުމުގެ ގޮތުންނެވެ. އެކަމަކު ހިތާމަކުރާން ޖެހިފައިވާ ކަމަކީ މިޒަމާނުގެ ދިވެހީން މިކަހަލަ ފިލާވަޅުތައް ހަނދާން ނައްތައިލީމައެވެ. ކާބަފައިން ކޮށްފައި ހުރި ތަޖުރިބާތައް ދެނެގަނެ ކުރިޔަށް ފިޔަވަޅުއެޅުމުގެ އާދަ ދޫކޮށްލީމައެވެ. މިއަދު މިޖެހެނީ ކޮންމެ ކަމެއްވެސް އަލުން ބަލުން ތަޖުރިބާކުރާށެވެ. ފާއިތުވެ ދިޔަތަނަށް ރިއާޔަތް ކުރުމެއް ނެތެވެ.

ދިވެހީންނަކީ މުސްލިމުން ކަމުގައިވާއިރު މުސްލިމުންގެ މާތް ނަބިއްޔާގެ ހަދީސްފުޅުތަކުންވެސް އިޖުތިމާއީ ބޮޑެތި ބަލިމަޑުކަން ފެށޭ ސަބަބުތައް އެބައެނގެއެވެ. ދައްކާ ވާހަކަޔާއި ކުރާކަންކަން ދިމާނުވާ މީހުންނަކީ ކިހާ ނުރައްކާތެރި ބައެއްކަމާއި މުޖުތަމައު ފަސާދަ ކުރުމުގައި އެމީހުންގެ ދައުރަކީ ކޮބައިކަންވެސް އެބައެނގެއެވެ. ދަޅަ ދައްކައިގެން ހެދިގެން އުޅޭ މީހުންގެ ދެފުށް ދެގޮތްކަމާއި ހިތްނުބައިކަމުގެ ސިފަތައް އެބައެނގެއެވެ. ވާހަކަ ދައްކާން ފަށައިފިއްޔާ ދޮގުހެދުމާއި ވައުދެއްކޮށްފިއްޔާ އެޔާ ޚިލާފުވުމާއި އަމާނާތަށް ޚިޔާނާތްތެރިވުމަކީ މުނާފިގުކަމުގެ އަލާމާތްކަން ވެސް އެބައެނގެއެވެ.

މުއުމިނެއްގެ ގަޔަށް އެއް ހަރަކުން ދެފަހަރު ކަށްޓެއް ނުޖެހޭނެއޭ ބުނެވޭ ބަހުގެ މުރާދަކީވެސް ފިލާވަޅުތަކާއި ތަޖުރިބާތަކަށް ރިއާޔަތް ކުރާ މީހަކަށް އެކެއްގެ ފަރާތުން ދެ ފަހަރު ލަނޑެއް ނުލިބޭނޭކަން އެންގުމެވެ. އެއްކަހަލަ ދޮގާއި މަކަރާއި ހީލަތްތެރިކަން އަނެއް ފަހަރު މާކެޓް ނުކުރެވޭނޭކަން އެންގުމެވެ. އެކަމަކު މިރާއްޖޭގައި މިހާރު ކަންކަން ހިނގަނީ މިމަގަކުން ނޫނެވެ. ކަށި ހެރެމުން ޒަޚަމްވަމުން ދަނީ ދެފަހަރަކު ތިން ފަހަރަކު ނޫނެވެ. އެޔަށްވުރެ މާގިނައިންނެވެ. މީހުން ބަލައިގަންނަ އަދި މާކެޓްކުރެވޭ އެންމެ އަގުހުރި ސިފަތަކަކީ މުނާފިގުކަމުގެ ސިފަތަކަށްވެއްޖެނަމަ ދެން ކަށި ހެރޭކަށް ވަކިވަރެއް ނޯންނާނެތާއެވެ.

އެޒާތަށް ކަށި ހެރެމުން ހެރެމުންގޮސް މި ގައުމުގެ އިޖުތިމާއީ ފޭރާން މިވަނީ ވީދި ހަލާކުވެފައެވެ. ގައުމުގެ ބޭރުތޮށި މިވަނީ ފުރޭންޏަކަށް ބަދަލުވެފައެވެ. އެހެންވީމާ އެތެރޭގައި ހަރުލާކަށް އެއްޗެއް ނުހުރެއެވެ. އެތެރެވެސް ހުންނަނީ ދިމާޔަށް ފެންނާށެވެ. ދިވެހިރާއްޖެއަށް ދާދިފަހަކުން މަލްޓި ޕާޓީ ޑިމޮކްރަސީއޭ ކިޔުނު އެއްޗެއް ތައާރަފުވިފަހުން ސިޔާސީ މައިދާނުގައި އެންމެ ހަލުވިކޮށް އެންމެ އަވަހަށް އެންމެ ބޮޑު އަގުގައި ވިކޭ މުދަލަކަށް ވެފައިވަނީ އިޚުލާސްތެރިކަމަށްވުރެ ބޮޑަށް މުނާފިގު ކަމުގެ ސިފަތަކެވެ. ސިޔާސީ ލީޑަރުންނޭ ކިޔުނު މީހުންގެ ކައިރީގައިވެސް އެންމެ މަގްބޫލު ސިފަތަކަކީ ދޫނުބައިވުމާއި ހިތްނުބައިކަމުގެ ސިފަތަކެވެ.

މިކަން މިމަގުން ހިނގުމުގެ ނަތީޖާއެއްގެ ގޮތުން ސިޔާސީ ޕޯޑިއަމްތަކުން ގިނައިން ފެންނަމުންދަނީ އެބާވަތުގެ މީހުންނެވެ. އިވެމުންދަނީ އެބާވަތުގެ ވާހަކަތަކެވެ. ފާއިތުވި ތަނުގައި އެމީހާ ދެއްކި ވާހަކަތަކާއި ކުރި ކަންކަމުގެ މަތިން ހަނދާންކުރުމެއް ނޯވެއެވެ. ރިއާޔަތް ކުރެވެނީ އެމީހާ މިހާރު އެދައްކާ ވާހަކަޔަށެވެ. އަތްތިލަބަޑި ޖަހައި ތަރުހީބު ދެވެނީ އެމީހާ މިހާރު ދައްކާ ދަޅަޔަށެވެ. ބަސްބަސް ކިޔާން އެނގުމަކީ އިޚުލާސްތެރިކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމުގެ ސިފަތައް ލިބިގެންހުރިކަމަށް ދަލީލުކުރާ ކަމެއް ނޫނެވެ. އެސިފަސިފަ ހުރިކަން އެނގޭނީ އުޅުމަށް ބަލައިލީމައެވެ. ޕާޓީތަކުން އަދި ކިތަންމެ މަތިވެރި ޓިކެޓެއް ދިނަސް ކައުންސިލްތަކަށާއި މަޖިލީހަށާއި ދެންވެސް ހޮވާންޖެހޭ ގޮނޑި ގޮނޑިއަށް މީހުން ހޮވުމުގައި ރައްޔިތުން ބަލަން ޖެހެނީ އެމީހާގެ އުޅުމަށެވެ. އެވަގުތަކު އެމީހާ ދައްކައިގެން ހުރި ދަޅަޔަކަށް ނޫނެވެ.

ބޮޑު އެއްވުމެއްގެ ތެރެއިން ކުއްލިޔަކަށް ފައުޅުވެފައި ދެން ގެޔަށް ވަންނާނީ ގައުމު އިސްލާހުކޮށް އިންސާފު ގާއިމުކޮށްފައޭ ބުނާ މީހާގެ ބަސް ގަބޫލުކުރަންވާނީ އޭނާގެ ފަސްބަޔަށް ބަލައި ވިސްނައިފައެވެ. އެހެންނޫނިއްޔާ މިވަޅުގަނޑުން ދުވަހަކުވެސް އަރައިގަތުމެއް ސަލާމަތްވުމެއް ނެތެވެ. ގައުމުގެ ކަންކަން ބައްޓަންކޮށް ޒުވާނުންނަށް މަގު ދައްކައިދީ ޅަކުދީންނަށް ނަމޫނާ ދައްކަން އެކި މަގާމުތަކާއި ހަވާލުވެގެން ތިބި މީހުންނާއި ދެން ހަވާލުވާން ތިބި މީހުންނަކީ ދެ އަނގައިން ދެ ދަޅަޔަށް ދެގޮތަށް ވާހަކަ ދައްކާ މީހުން ކަމުގައިވީމާ ގައުމުގެ މިސްރާބު އަމާންވާނެ ބާވައެވެ. ދުވަހަކުވެސް މަންޒިލަށް ވާސިލްވެވޭނޭ ބާވައެވެ. ނޫނެކެވެ. ނުވާނެއެވެ. ދެންވެސް ހެރޭނީ ކަށްޓެވެ. ލިބޭނީ ލަނޑެވެ.

ކޮމެންޓް
15 ސެޕްޓެންބަރ 2021 | ބުދަ 22:11
ަޢެލްވިސް
ޤައުމަށް މިހެން ވީި ބަޔަ ކު އަމިއްލައަށް އެ ކަމަށް ބޭނުން ވެގެންނެވެ.
ގުޅުންހުރި
މަޖިލިސް ތެރެއިންނާއި ބޭރުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެމްޑީޕީ ދެމިއޮންނާނެ: ޑީޑީ
ސުޕަރ މެޖޯރިޓީ ހޯދީ ވޯޓުގަނެގެންނާއި ދައުލަތުގެ ފައިސާއާއި މުދާ ނަހަމަގޮތުގައި ބޭނުންކޮށްގެން، ދެން ސަރުކާރު ޒިންމާދާރުކުރާނީ ކިހިނެއް؟
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
ސާފު އަޣްލަބިއްޔަތު އެމްޑީޕީއަށް ލިބޭތަން ފެނޭ: ރައީސް ޞާލިހު
އެމްޑީޕީގެ ކެމްޕޭން ބެނާތަކާއި ގުޅޭގޮތުން ވެރިކަން ކުރާ ޕާޓީން ނުރުހުން ފާޅުކުރުމުން، އެންޓި ކެމްޕޭން ކުރާނަމަ ފިޔަވަޅު އަޅާނެކަމަށް އީސީން ބުނެފި
އަޑުއިވެމުންދަނީ އެންޓި ޑިފެކްޝަން ބިލު ތަސްދީގު ނުކުރަނީ އިންތިހާބަށްފަހު ސަރުކާރުން މެންބަރުން ގަންނަން ބޭނުންވާތީ ކަމަށް - ޞާލިހު
ޕީއެންސީގެ ކެމްޕޭން: ވަޒީފާގެ ބިރު، ކަރަންޓު ކަނޑާލާނެކަމުގެ ބިރު، ބާރުގެ ބޭނުންކުރާނެ ކަމުގެ ބިރު
ވަޒީފާގެ ބިރު ދަނީ ވަރަށް ބޮޑަށް ދައްކަމުން، އިސްދޫން އެކަނިވެސް 100ށް ވުރެ ގިނަ މުވައްޒަފުން ވަކިކޮށްފި